އުތުރު ތިލަފަޅު އެއްބަސްވުމުގައި މައްސަލައެއް ނެތް: 241 ކޮމިޓީ

241 ކޮމިޓީގެ ބައްދަލުވުމެއްގައި ވޯޓުލަނީ -- ފޮޓޯ/ މަޖިލިސް

ރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ)އިން ނިންމައިފިއެވެ.

މިއަދު އޮތް 241 ކޮމިޓީގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކައިފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ހުށަހަޅައިފައިވާ މައްސަލައިގެ ރިޕޯޓަށެވެ.

އެގޮތުން އެ ރިޕޯޓުގައި ވަނީ ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރުކޮޮށްފާނެކަމަށް ބުނެފައެވެ.

އެ ރިޕޯޓާ މެދު މިއަދު މަޝްވަރާކޮށްފައިވާއިރު ހައިޑްރޮގްރަފީ އެއްބަސްވުމާއި އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރުން ވަނީ މަޝްވަރާކޮށްފައެވެ.

"އަޅުގަނޑުމެންވާނީ މިއަދު ކޮމިޓީގެ ބައްދަލުވުމުގައި އުތުރު ތިލަފަޅު އެއްބަސްވުމުގައި މައްސަލައެއް ނުވާކަމަށް ނިންމާފައި. އެއީ 1991 އެއްވަނަ އަހަރުން ފެށިގެން ވެސް އެބަހުރި ޔައުމިއްޔާ ކުރެވިގެން ބައްދަލުވުންތައް މި ކަމުގައި ކުރިއަށް ގެންގޮސްފައި. ސަރުކާރުތަކުގެ މެދުގައި މަޝްވަރާކުރެވެމުން އައިކަމެއް އެއީ. ގައުމީ ސަލާމަތަަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ފާހަގައެއް ނުވޭ،" ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

އެއާއެކު ކޮމިޓީގެ އަޣުލަބިއްޔަތުން މިއަދުވަނީ އެ ރިޕޯޓުގެ ޑްރާފްޓް ފާސް ވެސް ކޮށްފައެވެ. ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި ހަތް މެމްބަރުންގެ ވޯޓުންނެވެ.

ފާސްކުރީ އެ ރިޕޯޓުގެ ޑްރާފްޓަށް މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެނައި ބައެއް އިސްލާހަކާއެކުއެވެ. އެ އިސްލާހަށް ތާއިދުކޮށްފައިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

މި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ 1988ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ މެދުގައި އަސްކަރީ އެއްބަސްވުންތައް ހަދަމުން އަންނަކަމަށެވެ. އަދި އެއިރުން ފެށިގެން އިންޑިއާއަކީ ރާއްޖެއަށް ވަރަށް ގިނަ އެހީތަކެއް ދެމުން އަންނަ ގައުމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

comment ކޮމެންޓް