ލަދުވެތި ނަތީޖާތަކާއެކު އޮލޭ ވަކިކުރަން ގްލޭޒާ އެއްބަސް ވެއްޖެ: ރިޕޯޓް

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝެއާ --- ފޮޓޯ//ލައިވްސްކޯ

ފަހަކަށް އައިސް މެންޗެސްޓާ ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކާއެކު އެ ޓީމުގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޮލްޝެޔާ މަގާމުން ވަކިކުރަން އެ ކުލަބުގެ އޯނަރުން އެއްބަސްވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވަޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 1-4 ގެ ބޮޑު ނަތީޖާއަކުންނެވެ. ރެލިގޭޝަނާ ގާތުގައި އޮތް ވަޓްފޯޑް އަތުން ލިބުނު ބައްޔާއެކު ޔުނައިޓެޑްގެ ސަޕޯޓަރުންގެ ޖަޒުބާތުތައް ބަންޑުންކޮށް، އޮލޭ މަގާމުން ވަކިކުރުމަށް ގޮވާލާ އަޑު އިތުރަށް ވަނީ ގަދަކޮށްފައެވެ.

ޔުނައިޓެޑުން އެންމެ ފަހުން ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައި އޮތުމުގެ އިތުރުން ޓީމުގެ ދަށް ކުޅުމާއެކު ރޭގެ މެޗަށް ނުކުތް އިރު ވެސް އޮލޭގެ ވަޒީފާއާ މެދު އޮތީ ޝައްކު އުފެދިފައެވެ. އޭގެ ތެރެއިންވެސް އޮކްޓޯބަރު މަހު ލިވަޕޫލާ ދެކޮޅަށް ކުޅެ، 5-0 އިން ބަލިވި މެޗާއި އިންޓަނޭޝަނަލް ބްރޭކްގެ ކުރިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ކޯޗު ސޮލްޝެއާއަށް އޮތީ ޕްރެޝަރު ބޮޑުވެފައެވެ.

ޔޫރޮޕުގެ އެންމެ އިތުބާރު ބޮޑު ޖާނަލިސްޓް، ފެބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ބޯޑުން ވަނީ އޮލޭގެ ވަޒީފާއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދިގު ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ބޯޑު މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން އޮލޭ ވަކިކުރުމަށް ނިންމި އިރު، އެކުލަބުގެ އޯނަރުން، ގްލޭޒާއިން މިއަދު ހެނދުނު ވަނީ ބޯޑުގެ ނިންމުން ބަލައިގަންފައެވެ.

އެއާއެކު އޮލޭ މަގާމުން ވަކިކޮށްފައިވާކަން ޔުނައިޓެޑުން މިއަދު އިއުލާން ކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ފެބްރީޒިއޯ ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާގޮތުން ސޮލްޝެއާ ނެތްތަން ވަގުތީ ގޮތުން ފޫބައްދާނީ ޔުނައިޓެޑްގެ ލެޖެންޑް ޑެރެން ފްލެޗާއާއި މައިކަލް ކެރިކްއެވެ.

ކުރިން ޕްރިމިއާ ލީގުގައި ކާޑިފް ސިޓީ އަށް ކޯޗުކޮށްދިން ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭރު އެ ޓީމުން ވަކިކުރި ހޯސޭ މޮރީނިއޯ ނެތްތަން ފޫބައްދަން އޮލޭ ފުރަތަމަ ހަވާލު ކުރީ ވަގުތީ ގޮތުންނެވެ. އެކަމަކު ޔުނައިޓެޑް ސަޕޯޓަރުންގެ އެދުމާއެކު އޭނާގެ ވަޒީފާ ވަނީ ދާއިމީ ކޮށްފައެވެ.

comment ކޮމެންޓް