އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމް ކުޅުދުއްފުށީގައި ނިންމާލައިފި

ކުޅުދުއްފުށި ސިޓީގައި ގާލްސް ޓު ކޯޑިންގް ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ދިރާގު

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއިން ކުރިއަށް ގެންދާ ސިލްސިލާ ކޯޑިން ޕްރޮގްރާމް، ގާލްސް ޓު ކޯޑްގެ ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންގޮސްފި އެވެ.

ސެޕްޓެމްބަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގައެވެ. ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް މި ހަފްލާގައިވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ.

ކުޅުދުއްފުށި ސިޓީގައި ގާލްސް ޓު ކޯޑިންގް ޕްރޮގްރާމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ދިރާގު

ޕްރޮގްރާމް ނިންމުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނަކަށް ބައިވެރިވެފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސެކަންޑްރީ ސްކޫލްތަކުގެ އިސްވެރިންނާއި ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ބައިވެރިވިއެވެ.

މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އައު، ޖުމްލަ 18 ދަރިވަރުން ވަނީ ބައިވެރިވެ ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާފައެވެ.

ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގާލްސް ޓު ކޯޑް ކުޅުދުއްފުށި ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ މަރުހަބާ ދެންނެވިއެވެ. އަންހެނުންނާއި އަންހެންކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ރަށުގައި ތިބެގެންވެސް ކެރިއަރއެއް ހޯދަން މިއަދު މަގުފަހިވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބުކޮށް މޭޔަރު އާތިފް ވިދާޅުވީ، ޕްރޮގްރާމުން ދަސްވި ހުނަރުތަކުގެ ބޭނުންކޮށް އިތުރަށް ތަރައްގީކޮށް ޓެކްނޮކޮޖީ ދާއިރާއަށް ނުކުތުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި މިފަދަ މުހިންމު ޕްރޮގްރާމްއެއް ހިންގި ކަމަށްޓަކައި އާތިފް ވަނީ ޝުކުރު ދަންނަވާފައެވެ.

ޕްރޮގްރާމުން ދަސްވި މައުލޫމާތުގެ ބޭނުންކޮށްގެން މުޖުތަމައަށް ރަނގަޅު ބަދަލުތަކެއް ގެންނަން ފަށައިގަތުމަށް ވިމެން އިންޓެކް މޯލްޑިވްސްގެ ރައީސާ ހިންދު އަލީ ކުދިންނަށް ހިތްވަރު ދެއްވިއެވެ. އަދި ޕްރޮގްރާމްގައި ދަސްކުރި ހުނަރު ބޭނުންކުރުމަށް ރަށު ލެވެލްގައާއި ގައުމީ ލެވެލްގައި މިޕްރޮގްރާމްގެ ބައިވެރިންނަށް ފުރުސަތު ހޯއްދަވާ ދެއްވުމަށާއި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ނެރުމަށް ބާރު އަޅުއްވާދެއްވުމަށް މޭޔަރ އާތިފް އަރިހުން އެދުނެވެ.

https://sun.mv/156315

މިހަފްލާގައި ޓެކްނޮލޮޖީ ދާއިރާގައި ދިރާގުގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވާހަކަ ދެއްކެވިއެވެ. އަދި މިއަހަރު އިންފޮމޭޝަން ޓެކްނޮލޮޖީއަށް ހާއްސަކޮށްގެން ގްރެޖުއޭޓް އެޕްރެންޓިސްޝިޕް ފުރުސަތުތައް ދިރާގުން ހުޅުވާލި ވާހަކަވެސް ފާހަގަ ކުރެއްވިއެވެ.

ބައިވެރިވި ދަރިވަރުންގެ ފަރާތުން ވާހަކަ ދައްކަމުން މަރިޔަމް މައިޝާ މުހައްމަދު ބުނިގޮތުގައި ކޯޑިން އަކީ އުނދަގޫ ދާއިރާއެއްކަމަށް ކުރިން ހީވިނަމަވެސް މި ޕްރޮގްރާމްގެ ސަބަބުން ވިސްނުން ބަދަލުވެ، ކޯޑިން އަކީ ހަގީގަތުގައި ވެސް ކެރިއަރެއްގެ ގޮތުގައި އަންހެނުން ކުދިންނަށް ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެއްކަން އެނގުނު ކަމަށެވެ. ކޯޑިންގެ ހަމައެކަނި ބޭސިކްސް ދަސްކުރުމުން ވެސް މިދާއިރާއިން ލިބިދާނެ ފުރުސަތުތަކުގެ ގޮތުން އައު ވިސްނުންތަކެއް ލިބިގެން ދިޔަކަމަށްވެސް މައިޝާ ހިއްސާކުރިއެވެ.

މިއީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި 2018 ވަނަ އަހަރުން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމް ސީރީޒްއެކެވެ.

comment ކޮމެންޓް