ހިޔާ ފްލެޓް: ވަގުންގެ ވިޔަފާރި ފުޅާވަނީ

ޖޫން 26، 2021: ހިޔާ ފްލެޓް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަލާލަން ޗާލެވެ. ފުރިހަމައެވެ. އުސް ޓަވަރުތަކާއި ބޭރުގައި ލައިފައިވާ ހިތްގައިމު ކުލަތައް މާދުރަށް ފެނެއެވެ. އެހެންނަމަވެސް ބޭރު ފުށުން ތަނުގެ ހާލަތެއް ނޭނގޭނޭ މުސްކުޅިން ބުނެ އުޅެއެވެ. އެތައް އާއިލާތަކެއްގެ މުސްތަގުބަލާ ގުޅިފައިވާ ހިޔާ ފްލެޓުގެ ހާލަތު އެނގެން އޮތީ ވެސް ތަނުގެ އެތެރެއިންނެވެ.

ތަޅުދަނޑި ހަވާލުކޮށް، ހިޔާގެ ފިނިޝިން މަސައްކަތަށް ހުޅުވާލި ފަހުން ގިނަ ބަޔަކު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ކުލި ނެގުމަށް މަހަކަށް ވެފައިވާއިރު، ގިނަ ބަޔަކު ތަނުގައި ދިރިއުޅެން ވެސް ފަށައިފިއެވެ. ތަނުގެ ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތައް ގިނައެވެ. ހިޔާ ދިރިއުޅޭ "ހިޔަލެއް" ނެތް މީހުންގެ ކަންބޮޑުވުމެވެ. ވައްކަމުގެ މައްސަލަތަކެވެ. މީހުން އާބާދުވުމުގެ ކުރިން ހިޔާ ފްލެޓު ކުށުގެ ހާއްޔަކަށް ބަދަލުވެފައިވާ ކަމުގެ ކަންބޮޑުވުމެވެ. އިދާރާތަކުން އެ ކަމަށް މާބޮޑު ފިޔަވަޅެއް އެޅިފައިނުވާކަމެވެ.

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެކު ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހުޅުވާލުމާއެކު ފެނިގެން ދިޔައީ ހޭލަމޭލައަށް އަގުބޮޑު އެތައް މުދަލެއް ސަރަހައްދަށް ޖަމާކުރަމުން އައިތަނެވެ. ގިނަ ވަގުތު ލިފްޓު ބިޒީވުމުގެ ސަބަބުން ސަރަހައްދަށް މުދާ ޖަމާކުރަމުން ދިޔައެވެ. އެއާއެކު ވަގުންނަށް އައީ އީދެކެވެ. ސަރަހައްދުގެ ސަލާމަތީ މާ ގިނަ ވަސީލަތްތަކެއް ގާއިމްވެފައި ނެތުމާއެކު ވެސް އެވެ.

ހިޔާގެ ފިނިޝިންއަށް ގެންދިޔަ ކިތަންމެ ސާމާނެއް ވަގަށް ނަގައިފައިވެއެވެ. ފްލެޓުގެ މަސައްކަތަށް ގެންގޮސްފައި ހުންނަ މުށި، ސިމެންތި އަދި ފްލެޓު ތެރޭ ހުންނަ ހިފާގެންގުޅޭ ސާމާނެވެ. މިކަމުގެ ޝަކުވާ އިތުރުވެ، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ހިއްސާކޮށްފައިވެއެވެ.

އޭގެ އެއް ވާހަކައަކީ ތިން މަސް ދުވަހުގެ މުސާރަ އެއްކޮށް ހިޔާ ފްލެޓަށް ގަތް މުދާ ވަގަށް ނެގި ވާހަކައެވެ. މީޑިއާގައި ފުރަތަމަ ތިލަވި ވާހަކައަކީ ވެސް އެއީއެވެ. 30،000 ރުފިޔާއަށް ވުރެ އަގުބޮޑު މުދާ، ލިފްޓު ކައިރީގައި ބަހައްޓައިފައި ހުއްޓާ ގެއްލުނީއެވެ. ހެޔޮއެދޭ ފަރާތަކުން ވަނީ އެ ގެއްލުނު ސާމާނު ހަދިޔާކޮށްފައެވެ.

މިފަދަ އެތައް ވާހަކައެކެވެ. ކޮންމެ މީހަކަށް އެހީވާނެ މީހެއް ނުވިނަމަވެސް އަގު ބޮޑު އެތައް މުދަލެއް ގެއްލެނީއެވެ. ފްލެޓު ތެރޭގައި ހުއްޓާ ވެސް ވައްކަން ކުރަނީއެވެ. ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅި ނަމަވެސް ގިނަ ފަހަރަށް ގެއްލުން މުދާ އަނބުރާ ހޯދިފައިނުވެއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮގަސްޓު މަހަށް ވުރެ، ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހު ފޭސް ދޭއް ސަރަހައްދުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ އަދަދު ދެގުނަ އިތުރެވެ. އޮގަސްޓު މަހު ވައްކަމުގެ ހަ މައްސަލައެއް ރިޕޯޓު ކުރެވުނުއިރު، ޖެހިގެން އައި ދެ މަހު، ކޮންމެ މަހެއްގައި 15 މައްސަލައެއް ވަނީ ރިޕޯޓުކުރެވިފައެވެ. ޖުމްލަ މައްސަލަތަކުގެ އަދަދު އެއްވަރު ނަމަވެސް އޮކްޓޯބަރު މަހު ގޯތި ގެދޮރުން ވައްކަން ކޮށްގެން ރިޕޯޓުކުރި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ޖޫން 28، 2021: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ސަރަހައްދުގެ ޕާކިން ލޮޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ހިނގާ ނޮވެމްބަރު މަހުގެ މިހާތަނަށް ވެސް ވައްކަމުގެ 15 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އޮޓޯ/ މޮޓޯ ސައިކަލުން ކުރި ވައްކަންތަކެވެ. ސައިކަލު ވަގަށް ނެގުމުގެ ނުވަ މައްސަލައެއް މި މަހު މިހާތަނަށް ރިޕޯޓުކޮށްފައިވާއިރު، މީގެކުރިން މިފަދަ ގިނަ މައްސަލަތަކެއް ރިޕޯޓުކޮށްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ވަގަށް ނަގައިފައިވާ ތަކެތީގެ ބޮޑު ވިޔަފާރިއެއް؟

ހިޔާ ފްލެޓުގައި ދިރިއުޅޭ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އެ ސަރަހައްދުން އެއްޗެހި ވަގަށް ނަގައިގެން ވިއްކާ މީހުން އެ ސަރަހައްދުގައި އުޅެއެވެ. އެ މީހުން ދިރިއުޅެނީ މިހާތަނަށް ވެރީން ހަވާލުނުވެ ހުރި ފްލެޓުގައި ކަމަށް އޭނާ ބުންޏެވެ.

"އެ ތަނުގެ ތަޅު ހަލާކުކޮށްލައިގެން އަމިއްލައަށް ކަރަންޓު ދީގެން މި މީހުން އުޅެނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ވެސް، އެއް ބަޔަކު މިއުޅެނީ، އެ މީހުން އެތާ އެތެރޭގައި ނިދާ ކައި ބޮއެ ހަދަނީ." އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފޮށިފޮށިގަނޑުގައި ހިފާ ގެންގުޅޭތަކެތި ވިއްކައެވެ. ބިދޭސީންނާއި ބައެއް އާންމުން ވެސް އެ މީހުން އަތުން ތަކެތި ގަންނަ ކަމަށް ވެއެވެ. ހިޔާގައި ދިރިއުޅޭ އިތުރު ބަޔަކު ވެސް ވަނީ މި މީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެތާގައި ދިރިއުޅޭ މީހުންގެ މައްސަލަ އެޗްޑީސީއަށް ރިޕޯޓު ވެސް ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ބުންޏެވެ.

ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި-- ސަން ފޮޓޯ

ވައްކަމުގެ މައްސަލައަށް ހައްލެއް ނެތް؟

އެތައް ހާސް އާއިލާއެއް ދިރިއުޅޭނެ ހިޔާ ފްލެޓުތަކުގައި ދިރިއުޅެން ތިބި މީހުން އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ތަނުގެ ސަލާމަތީ މައްސަލަތަކެވެ. އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައިނުވުމެވެ.

ފްލެޓުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި މީގެ ކުރިން ހުރި ނަމަވެސް، ގިނަ ކެމެރާ މިހާރު ހުރީ ހަލާކުވެފައެވެ. ނުވަތަ ގަސްތުގައި ހަލާކުކޮށްފައެވެ. ބާކީ ހުރި ގިނަ ކެމެރާތައް ވެސް އަންނަނީ ބަޔަކު މަންފާތަކެއް ހޯދުމަށް ހަލާކުކުރަމުންނެވެ.

ކަންމިހެން އޮތް އިރު ހިޔާ ފްލެޓުގެ ބެލެނިވެރި އެޗްޑީސީން ވަނީ އާ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް ދެން އޮތް ސުވާލަކީ އައު ސީސީޓީވީ ކެމެރާތައް ވެސް ކުރީގެ ކެމެރާތައް ފަދައިން ހަލާކުނުވާނޭތޯއެވެ. ނުވަތަ ނުކޮށްލާނެތޯއެވެ.

comment ކޮމެންޓް