ތިޔަ ލޯބި އެދިގެން... - 21

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"މިންހާ..." ކުއްލިއަކަށް ޝިޒާން މިންހާއަށް ގޮވައިލުމާއެކު ސިހުނު، މިންހާ ފަހަތަށް އެނބުރުނުގަޑީގައި ދާދިގާތުން ފެނުނު ޝިޒާންގެ ސޫރައާއެކު، އޭނާއަށް ހަދައިލެވުނު ގޮތަކުން، ފައި އަރި އަޅައިލާ އޭނާ ކައްސައިލާ ގޮތްވިއެވެ. އެއާއެކު އޭނާއަށް ހިފުނީ ޝިޒާންގެ ގަމީހުގެ ގިރުވާނުގައެވެ. ހުޝިއާރުކަމާއެކު، ޝިޒާން މިންހާ ސީދާކޮށްލަން އުޅުނުނަމަވެސް، އެހާ ވަގުތެއް އޭނާއަކަށް ނުލިބުނެވެ. މިންހާއާއެކު އޭނާ ވެސް ގޮސް ވެއްޓުނީ ފެންގަނޑުގެ ތެރެއަށެވެ.

ލިބުނު ކުއްލި ސިހުމާއެކު، މިންހާއަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. ފަތަން ނޭނގޭތީ އޭނާއަށް ތެޅިގަނެވުނެވެ.

"ހޭ... މިންހާ... " ތެޅެމުންދިޔަ މިންހާ މަސަލަސް ކުރެވޭތޯ ޝިޒާން މަސައްކަތް ކުރިއެވެ. ވެއްޓުނު ދިމާ ތަންކޮޅެއް ފުންކޮށް ހަދާފައިވާތީ މިންހާގެވެސް ޝިޒާންގެ ވެސް އިސްކޮޅެއް ނުޖެހެއެވެ. ޝިޒާން ފެންމަތީގައި އޮންނަން މަސައްކަތް ކުރަމުން މިންހާގެ އަތުގައި ހިފައިގެން ފައިޖެހޭ ހިސާބަށް ދާން އަވަސްވެގަތެވެ. ވަރަށް މަސައްކަތުން އޭނާ މިންހާ ގޮވައިގެން އެ ހިސާބަށް ދިޔައެވެ. އޭރުވެސް މިންހާ ދިޔައީ ހަޅޭއްލަވަމުންނެވެ.

"މިހާރު ފައިޖެހޭނެ..." ޝިޒާން ބުނެލިއެވެ. އެއާއެކު މިންހާ ހަޅޭއްލެވުން ހުއްޓައިލިއެވެ. އޭނާ ފައި ޖައްސައިލިއެވެ. އޭރުވެސް ޝިޒާން ހުރީ މިންހާގެ އުނަގަނޑުގައި ހިފައްޓާލައިގެންނެވެ. މިންހާ ވެސް އޭނާގެ ހަރަކާތްތައް މަޑުޖައްސައިލިއެވެ. އޭރު އޭނާއާ ޝިޒާންއާ ދެމީހުންނަށް ތިބެވުނީ ދާދިގާތުގައެވެ. އެކަކު އަނެކަކުގެ ހޫނުނޭވާ އިޙްސާސްވާހާ ގާތުގައެވެ. ޝިޒާންގެ މޭމަތީގައި ޖައްސާލައިގެން ހުރި އަތް އަވަސްއަވަހަށް މިންހާއަށް ތިރިކޮށްލެވުނެވެ. އޭރުވެސް އޭނާއަށް ހުރެވުނީ ޝިޒާންގެ އެ ތޫނު ދެލޮލަށް ބަލަހައްޓައިގެންނެވެ. އިރުގެ އަވި އެ ދެލޮލަށް އެޅިފައިވުމުން އެ ޓާކިޝް ގްރީން ކުލައިގެ ކުލަ އިހުނަށްވުރެ ގަދަ ވެފައި ވިދުންގަދަހެން މިންހާއަށް ހީވިއެވެ. އެ ދެލޮލަށް ބަލަން އޭނާއަށް ކުޅަދާނައެއްނުވިއެވެ. ވުމާއެކު އަވަސްއަވަހަށް އޭނާ އެ ނަޒަރު ވަކިކޮށްލިއެވެ. މިންހާއަށް ބަލަހައްޓައިގެން ހުރި ޝިޒާންގެ ތުންފަތް މަތީގައި މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ. މިންހާގެ މޫނުމަތީގައި ފެންތިކިތައް ވިދަމުންދިޔަ އިރު އެމޫނުމަތިން ފެންނަނީ އާޝޯހުވާފަދަ ސިފަތަކެކެވެ. އޭނާގެ ހިތް މިންހާއަށްޓަކައި ފިދާވަމުން ދިޔައެވެ. ހިނދުކޮޅަކަށްވެސް އެމޫނުން ނަޒަރު ވަކިކޮށްލާކަށް ޝިޒާން ބޭނުމެއް ނޫނެވެ. ބޭނުންވަނީ އުމުރު ދުވަހު މިންހާގެ ގާތުގައި ހުންނާށެވެ. އޭނާގެ ހިތް އޮތީ އޭނާގެ އިޙްތިޔާރަކު ނޫނެވެ. މިންހާ ވަނީ އޭނާގެ ހިތް މިލްކުކޮށްފައެވެ.

ޝިޒާންއާ އެހާ ގާތުގައި ހުންނަން ވުމުން މިންހާގެ އެތެރެހައްޓަށް ފާޑެއްގެ އުނދަގޫކަމެއް ވެރިވަމުންދިޔައެވެ. އޭނާއަށް ދުރަށް ޖެހިލަން ވެސް ނޭނގިފައި ހުރެވުނެވެ.

މިންހާގެ މޫނުމައްޗަށް ވެރިފައިވާ އިސްތަށިކޮޅު ޝިޒާން އޭނާގެ އަތުން އެއްފަރާތް ކޮށްލިއެވެ. އެއާއެކު މިންހާއަށް އެނބުރި ޝިޒާންއާ ދިމާލަށް ބަލައިލެވުނެވެ. އެއަށްފަހު ނިކަން އަވަސްއަވަހަށް ގޮސް ފެންގަނޑުން އޭނާ އެރިއެވެ. ޝިޒާން ވެސް ހިނިތުންވެލައިގެން ހުރެ ގޮސް ފެންގަނޑުން އަރައިގެން ގޮސް މިންހާގެ ކައިރީގައި ހުއްޓުނެވެ.

"ހިނގާ ދަމާ..." ޝިޒާން އެހެން ބުނެފައި މިންހާއަށް ބަލައިލިއެވެ. އެ ދެމީހުން ގެއަށް ވަންނަން ދިޔައީ ބިއްދޮށް ފަރާތު ދޮރުންނެވެ. އެތެރެއަށް ވަތްތަނާ އެ ދިމާލުން ދިޔަ ރާމިޒާގެ ލޮލުގައި އެ ދެމީހުން އަޅައިގަތެވެ. ރާމިޒާއަށް ބުމަ އަރުވައިލެވުނީ ލިބުނު ހައިރާންކަމަކުންނެވެ. އެހެންނަމަވެސް، އޭނާ އެ ކަމާ ގުޅޭގޮތުން އެއްވެސް އިތުރު ސުވާލެއް ނުކުރެއެވެ.

މިންހާ ކޮޓަރިއަށް ދިޔުމުން ޝިޒާންވެސް ލަސްނުކޮށް އޭނާގެ ކޮޓަރިއަށް ވަނެވެ. ޖީބުގައި ފޯނާ ވޮލެޓް އޮތްކަންވެސް ހަނދާންވީ ދެނެވެ. އަތުގައި އަޅާފައިވާ ގަޑިއާއި ފޯނާ އެއްޗެހި ވޯޓަރ ޕްރޫފްވީކަންވެސް ވެސް އެއީ ނަސީބެކެވެ. ފޯނު ނަގާ ޑްރެސިން ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު، ޝިޒާން އަވަސްއަވަހަށް ފާޚާނާއަށް ވަނީ ގަޑިބަލައިލަމުންނެވެ. ކުޑަކޮށް ތާޒާވެލައިގެން ނުކުމެ އޭނާ އޮފީހަށް ދާން އާއްމުކޮށް ލާ އުޅޭފަދަ ސޫޓެއް ލިޔެވެ. ބޫޓަށް އަރައިގެން ނުކުމެވުނީ މިންހާގެ ކުރިމައްޗަށެވެ. އޭނާ މިންހާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއަށްފަހު ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ.

މިންހާވެސް ތިރިއަށް ދިޔައެވެ. އޭރު ރާމިޒާ ފެންނާކަށް ނެތެވެ. އެހެންނަމަވެސް ކޮންމެވެސް އެހެން ނޯކަރަކު ބޮޑުކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔައެވެ.

"މޭމް. ކަމެއްބޭނުންވީތޯ؟" ރަނގަޅަށް ބަލައިލަމުން އެއީ ކުރިންވެސް އޭނާއާ ވާހަކަ ދެއްކި ނޯކަރު އަންހެން ކުއްޖާކަން މިންހާއަށް އެނގުނެވެ.

"ނޫން.... މީ އަނެއް...." މިންހާ މަޑުޖެހިލިއެވެ.

"ކިހިނެއްވީ؟" އެ އަންހެން ކުއްޖާ ސުވާލުކޮށްލިއެވެ.

"ދިވެއްސެއްތަ؟" މިންހާ އެހެން އަހައިލީ އެ އަންހެން ކުއްޖާގެ އެއްވެސް ސިފައެއް އާއްމުކޮށް ދިވެހިންގެ ސިފަތަކާ އެއްގޮތް ނުވާތީއެވެ.

"ނޫން... ޕިލިޕީންސް...ނީނާ ކިޔަނީ... ދިވެހިން ވާހަކަ ދައްކަން ވަރަށް ރަނގަޅަށް އެނގޭ..." މިންހާގެ ހިތުގައި އުފެދުނު ޝައްކުތައް ނީނާ އޮޅުންފިލުވައިދިނެވެ. މިންހާ ނީނާއާ ވާހަކަ ދައްކައިލަން އިރުކޮޅަކު ހުއްޓެވެ. އެކަމުން އޭނާގެ ހިތުގައިވި ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ދުރުވެ އެކަނިވެރިކަން ވެސް ފިލާގޮތްވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ދެމެދުގައި، އެކުވެރިކަން އުފެދިގެން ދިޔައެވެ. އެތައް އިރަކު އެ ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކަން ތިއްބެވެ.

"ސާރ... އައި މީން މިގޭ ބޮސް ވަރަށް ރަނގަޅުވާނެ. ޔޫއާ ސޯ ލަކީ" ނީނާ އަކީ އަނގަގަދަ މީހެއްކަމުން އޭނާ ހުއްޓާނުލާ ވާހަކަ ދައްކަމުންދިޔައެވެ. އެ ވާހަކައަށް ބުނާނެ އެއްޗެއް މިންހާއަކަށް ނޭނގެއެވެ.

"ޝިޒާންގެ އާއިލާގެ އެއްވެސް މީހަކު ނާދޭތަ ރާއްޖެއަށް. އަހަންނަށް އެނގިފަ އޮތީ ރާއްޖޭން ބޭރުގައި އުޅޭކަމަށް..." މިންހާ ސުވާލުކޮށްލިއެވެ.

"ސާރގެ މަންމައެއް ދުވަހަކުވެސް މިކޮޅަކަށް ނާދެ. އެކަމަކު އެ އާއިލާގެ ބައެއް ކުދިން އައި. ސާރގެ ބައްޕަވެސް..." ނީނާ ބުނެލިއެވެ.

"އެފެމެލީގެ ބޮޑެތި ބިޒްނެސްތައް ރާއްޖެއާ ރާއްޖޭން ބޭރުގައި އޮންނާނެ އެހެންވީމަ ވަރަށް މަދުން ސާރގެ ބައްޕަވެސް ރާއްޖެ އަންނާނީ... ސާރ މިކޮޅަށް އައި ފަހުން އަދި އެކޮޅަކަށް ނުދޭ..." ނީނާ އިތުރު ވާހަކަތައްވެސް ދެއްކިއެވެ. ޝިޒާންގެ އާއިލާގެ އިތުރު ވާހަކަތަކެއް އެނގެން މިންހާ ބޭނުންވިޔަސް ނީނާއަށްވެސް މާ ގިނަ ކަންތައްތަކެއް އެނގޭގޮތެއް ނުވިއެވެ.

އޭރު ދިޔަގޮތަށް ރޭގަނޑުގެ ކެއުމުގެ ވަގުތުގައިވެސް ޝިޒާން ގެއަކަށް ނާދެއެވެ. މިންހާވެސް ކައިގެން ބޮޑުކޮޓަރީގައި އިނދެއިނދެފައި އެންމެ ފަހުން ގޮސް ކޮޓަރިއަށް ވަނެވެ.

*****

"ދެން ހަމަ އަންނަ ހަފްތާގައި ދަނީތަ؟ އަހަރެން ވަރަށް މިސްވާނެ..." ގޮނޑުދޮށުގައި ހިނގަމުންދިޔަ ޔޫލިންއާއި އައިހަމްގެ އަތްވަނީ ލާމެހިފައެވެ. ޔޫލިންގެ ސުވާލާއެކު އައިހަމް ފިޔަވަޅުތައް މަޑުޖައްސައިލުމާއެކު، ޔޫލިންއަށް ވެސް މަޑުޖެހިލުމަށް މަޖުބޫރުވިއެވެ.

"އަހަރެން އަންނާނަމޭ...ދެން ދެރަނުވެބަލަ!" އައިހަމް ބުނެލިއެވެ.

"ކޮން އިރަކުން އަހަރެމެން މި ގުޅުމުގެ ވާހަކަ މަންމަމެންނާ ހިއްސާކުރާނީ... އަހަރެން ބޭނުމެއް ނޫން ސިއްރުން ގިނަ ދުވަހު މިގުޅުން ކުރިއަށް ގެންދާކަށް..." ޔޫލިން ބުނެލިއެވެ.

"ލީން ބޭނުމިއްޔާ މިހާރުވެސް ހަމަ މި ވާހަކަ ބުނަންވީ؟ އަހަރެންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ލީން އަހަރެންގެ މީހަކަށް ހަދަން. އެކަމަކު އަހަރެން މާލެ ގޮސްފަ ގައިގަނޑަކަށް ހަމަސް ދުވަހުގެ ޓްރެއިނިންގްއަކަށް ދާން ޖެހިދާނެ. ޓްރެއިނިން ނިންމާފަ އައިސް މެރީކުރަންޏާ މެރީ ކުރަން އަހަރެން ބޭނުންވަނީ..." އައިހަމް ޔޫލިންގެ އަތަށް ބާރުކޮށްލަމުން ބުނެލިއެވެ.

"އަހަރެން އިންތިޒާރުކުރާނަން..." ޔޫލިން ބުނެލިއެވެ.

ޖެހެމުންދިޔަ ލުއި ލުއި ވައިރޯޅިތަކުން ދެމީހުންނަށްވެސް އަރާމުވަމުންދިޔައެވެ. އެކުގައި ހޭދަކުރާ ކޮންމެ ވަގުތަކުވެސް އެކަކުއަނެކަކަށް ޓަކައި ހިތުގައި އުފެދެމުންދިޔަ ލޯބި ފުންވަމުން ދިޔައެވެ. ދެ ލޯބިވެރިން އެކަކު އަނެކަކަށްޓަކައި އެތަކެއް ވައުދުތަކެއް ވިއެވެ. ދުވަހަކުވެސް އެކަކު އަނެކަކާ ވަކިނުވާން އެތަކެއް ހުވާތަކެއްވިއެވެ. އައިހަމް ޔޫލިންގެ މޫނުމައްޗަށް ވެއްޓުނު އިސްތަށިކޮޅު އެައްފަރާތް ކޮށްލިއެވެ. އެއާއެކު ޔޫލިން ލަދުވެތިކަމާއެކު އިސްޖަހައިލިއެވެ. އައިހަމް ޔޫލިންގެ ދަތްދޮޅީގައި ހިފާ އިސްއުފުލައިލިއެވެ. އެ ލަދުވެތި އަސަރުތަކަށް އައިހަމްގެ ހިތް ލެނބެމުންދިޔައެވެ. އައިހަމްއަށް ބަލައިލުމަށްފަހު ޔޫލިން ދުއްވައިގަތީ ލަދުންނެވެ. އެއާއެކު އައިހަމްވެސް ޔޫލިންގެ ފަހަތުން ދުއްވައިގަތެވެ.

*****

އޮށޯވެލިނަމަވެސް، ނިދި އަންނަ ގޮތް ނުވުމުން މިންހާ ކޮޓަރިން ނުކުތެވެ. އޭނާގެ ނަޒަރު ހުއްޓުނީ ޝިޒާންގެ ކޮޓަރިއާ ދިމާލަށެވެ. ދެ ވިސްނުމެއްގައި ހުރެގެން ގޮސް އޭނާ އެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. ދޮރު ހުރީ ތަޅު ނުލައެވެ. އޭނާ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެެވެ. އޭރުވެސް ޝިޒާން ގެއަށް ނާންނަކަމުގެ ޔަޤީންކަން އޭނާއަށް އޮތްފަދައެވެ. ކޮޓަރިތެރޭގައި އެއްވެސް މީހަކު ނެތެވެ. މަޑުމަޑުން އޭނާއެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާގެ ކޮޓަރިއެކޭ އެއްގޮަތަށް ޝިޒާންގެ ކޮޓަރިވެސް އެހާ ބޮޑެވެ. ޒަމާނީ ފަރުނީޗަރުތަކުން ކޮޓަރި ޒީނަތްކޮށްފައިވާއިރު ބަލައިލި ކޮންމެ ދިމާލަކުންވެސް ޝާހީކަން ފެންނަމުންދިޔައެވެ. ދަމާފައިވާ ފަރުދާތަކާއި މަތީގައި އެލުވާފައިހުރި ޗާނދަލިޔާއާއި ބަހައްޓާފައި ހުރި ސޯފާވެސް އެހާ ޝާހީވެފައި ހިތްގައިމެވެ. އޭނާގެ ކޮޓަރިއެކޭ އެއްގޮތަށް ޝިޒާންގެ ކޮޓަރީގެ ފަރުނީޗަރުތައްވެސް ހުރީ ކަޅާ ހުދުންނެވެ.

މުޅި ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގަމުން ގޮސް މިންހާ ހުއްޓުނީ އެނދުގެ ސައިޑް ކަބަޑު ކައިރީގައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ލޭމްޕް ކައިރީގައި ބަހައްޓާފައި ހުރި ފޮޓޯގަނޑުތަކެވެ. އޭނާ ހުރި ދިމާ ސައިޑްކަބަޑު މަތީގައި ބަހައްޓާފައި ހުރި ފޮޓޯގަނޑު ނަގާ އެ ފޮޓޯގަނޑަށް ބަލައިލި ވަގުތު އޭނާ ސިހުނީ ކުއްލިއަކަށް ދޮރެއް ހުުޅުވައިލި އަޑެއް އިވިފައެވެ. އޭނާ ހީކުރީ ޝިޒާން ބޭރުގައި އުޅެފައި އައީ ކަމަށެވެ. ތުންފަތުގައި ދަތް އަޅައިލަމުން އެނބުރިލިއިރު އުނަގަނޑުގައު ތުވާލި އޮޅާލައިގެން ހުރި ޝިޒާން ފެނި މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު