ކުޅުދުއްފުށީ ހޮސްޕިޓަލަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އެބައޮތް: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ/ ރައީސް އޮފީސް

ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތްކަން އެނގިވަޑައިގެންފި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫއެންއެފްޕީއޭ)ގެ އެހީގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ގާއިމުކުރި ދަރިމައިވުމުގެ ސިއްހަތާއި ގުޅޭ މަރުކަޒު "އުފަންވެނި ސިއްހަތު" އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކާއެކު މި ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ހިދުމަތްތައް ހޯދި އަދަދު ތިން ލައްކައާ ގާތްކުރާ ކަމަށެވެ. އެކަމުން އެނގެނީ އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކާމެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އިތުބާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި ހިދުމަތްތަކަކީ މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ވެސް ބޭނުންވެފައިވާ ހިދުމަތްތަކެއްކަމަށެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި، ބަލިވެގެން ހޮސްޕިޓަލަށް ހިދުމަތް ހޯދަން އަންނަ މީހުންނަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއެކީ ކަންތައްތައް ފަހިކޮށްދީ އެހީތެރިވެދިނުމަށް އެދިވަޑައިގެންނެވިއެވެ.

‎މިއަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާހްކުރި "އުފަންވެނި ސިއްހަތު"މަރުކަޒަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި ގާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ.

މި މަރުކަޒުގެ ސަބަބުން ދަރިމައިވުމާ ގުޅޭ ގިނަ ހިދުމަތްތައް އެއްތަނަކުން ލިބިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

‎ނައިބު ރައީސް މި މަރުކަޒު އިފްތިތާހުކޮށްދެއްވައި އެ މަރުކަޒު ބައްލަވާލައްވާފައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލުގެ ހާލަތު ބައްލަވާލެއްވިއެވެ.

comment ކޮމެންޓް