އެމެރިކާގެ ކޯޓުތަކުންކުރާ ހުކުމްތަކުގެ ދޯހަޅިކަމާއި ތަހްގީގުތަކުގެ ފޭކުކަން ހާމަވަނީ

1965 ވަނައަހަރު މަރާލި އެމެރިކާގެ ކަޅު ނަސްލުގެ ލީޑަރު މެލްކަމް އެކްސް

އެމެރިކާގައި މީހަކު މެރުމުގެ ކުށްސާބިތުވެގެން ކަމަށްބުނެ މީގެ 56 އަހަރު ކުރިން އުމުރަށް ޖަލަށްލީ ދެމީހުންނަށް ކޮށްފައިވަނީ ނުބައި ހުކުމެއްކަން ނިޔުޔޯކްގެ ސްޕްރީމް ކޯޓުން އިއްޔެ ކަނޑައެޅުމުން އެމެރިކާގެ ޖިނާއީ އަދުލުގެ ނިޒާމާއި ކޯޓުތަކުން އިއްވާ ހުކުމްތަކުގެ އިންސާފުވެރިކަމާއެކު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ނަވާރަ ސަތޭކަ ފަސް ދޮޅަސް ފަސް ވަނަ އަހަރު ބަޑިޖަހައިގެން މަރާލި އެމެރިކާގެ ކަޅުނަސްލުމުގެ ލީޑަރެއްކަމަށްވާ މެލްކަމް އެކްސް ގެ މަރުގެ ފަހަތުގައިވަނީ އެމެރިކާގެ ދެ މުސްލިމުން ކަމަށްވާ މުޙައްމަދު ޢަޒީޒާއި ޚަލީލު އިސްލާމް ކަމަށް އެމެރިކާގެ ތަހްގީގާބެހޭ އިދާރާތަކުން ތުހުމަތު ކުރުމުން ކޯޓުންވަނީ އެތުހުމަތު ސާބިތުވާކަމަށް ބުނެ އެ ދެ މީހުންނާ އަދި އިތުރު މީހަކުވެސް އެ ޖަރީމާގައި ބައިވެރިވާކަން ހެކިތަކުން ކޯޓަށް ސާބިތުވާކަމަށް ނިންމައި 1966 ވަނަ އަހަރުގެ މާޗް މަހު އެ ތިން މީހުން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މިމައްސަލައިގެ ތަހްގީގު މަރުހަލާގައާ އަދި ޝަރީއަތުގެ މަރުހަލާގައިވެސް މުޙައްމަދު ޢަޒީޒާއި ޚަލީލު އިސްލާމް ތަކުރާރުކޮށް ބުނަމުން ގެންގޮސްފައިވަނީ މެލްކަމް އެކްސް ގެ މަރާ އެމީހުންނާ ކުޑަވެސް ގުޅުމެއް ނެތް ވާހަކައެވެ. އަދި އެ ދެ މީހުންނަކީ ބަރީއަ ދެ މީހުން ކަމުގައެވެ. ނަމަވެސް ތަހުގީގުތަކުން ކުށް ސާބިތުވާ ކަމަށް ބުނެ ދަށު ކޯޓުން ކުރި ހުކުމް މަތީ ކޯޓުން ވެސް ދަމަހައްޓައި އަނެއް މީހާއާއެކު އެ ދެ މީހުންވެސް އުމުރަށް ޖަލަށްލީއެވެ.

އޭގެ 18 ވަރަކަށް އަހަރުފަހުން (ޖަލުގައި 18 އަހަރު ހޭދަކުރުމުން) މުޙައްމަދު ޢަޒީޒާއި ޚަލީލު އިސްލާމް ވަނީ ޕެރޯލްގެ ގާނޫނުގެ ދަށުން 1980 ގެ އަހަރުތަކުގައި ޖަލުން ނެރެފައެވެ. ނަމަވެސް މައްސަލަ އޮތީ އޮތްގޮތަށެވެ. އެއީ މެލްކަމް އެކްސް ގެ ތިން ގާތިލުންގެ ތެރެއިން ދެމީހުންނަކީ މުޙައްމަދު ޢަޒީޒާއި ޚަލީލު އިސްލާމް ކަމުގައެވެ. ޚަލީލު އިސްލާމް ވަނީ އެ ހުކުމްގެ ސަބަބުން ތަހައްމަލް ކުރަމުން ގެންދިޔަ ހިތްދަތި ކަމާއި ނަފްސާނީ ވޭނުގައި 2009 ވަނަ އަހަރު މަރުވެފައެވެ.

މުހައްމަދު އަޒީޒުގެ މައްޗަށް ކުރި ހުކުމަކީ ނުބައި ހުކުމެއްކަން ކޯޓުން ކަށަވަރުކޮށްދިނުމުން އޭނާގެ އާއިލާއާއެކު

މުޙައްމަދު އަޒީޒުވެސް އުޅުނީ އޭނާ ނުކުރާ ކުށެއްގެ ސަބަބުން ކުރިމަތިވި ހިތްދަތި ކަމާއި ނަފްސާނީ ވޭނުގައެވެ. އޭނާއަކީ މިހާރު އުމުރުން 82 އަހަރުވެފައިވާ މުސްކުޅިއެކެވެ. މި މައްސަލަ އަލުން ބެއްލެވި ނިޔުޔޯކްގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އެލެން ބައިބަން ވިދާޅުވީ މުޙައްމަދު ޢަޒީޒާއި ޚަލީލު އިސްލާމްގެ މައްޗަށް ކޮށްފައިވަނީ މުޅިން ނުބައި ހުކުމެއްކަމަށާ އެ ދެ މީހުންނަކީ މެލްކަމް އެކްސް ގެ މަރާ އެއްވެސް ވަރަކަށް ގުޅުން ނެތް ދެމީހުންކަން ކޯޓަށް ސާބިތުވާ ކަމުގައެވެ.

އެހެންކަމުން އެދެމީހުންގެ މައްޗަށް 1966 ވަނައަހަރު އިއްވާފައިވަނީ ބޭއިންސާފު ހުކުމެއްކަމަށް ނިޔުޔޯކްގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އެލެން ބައިބަން އިއްވި ހުކުމުގައި ބަޔާން ކޮށްފައިވެއެވެ.

ކުށެއްނެތްކަން 56 އަހަރަށްފަހު ޝަރީޢަތަށް ކަށަވަރުވުމުން މުޙައްމަދު ޢަޒީޒު ބުނެފައިވަނީ އެމެރިކާގައި މިބާވަތުގެ ނުބައި އެތަށް ހުކުމްތަކެއް އެތަށް ބަޔެއްގެ މައްޗަށް އިއްވާކަމުގެ އަޑުތައް އަބަދުވެސް އިވޭކަމަށާ މިއީ ހަގީގަތެއްކަން އެމެރިކާގެ ރައްޔިތުން ދެނެގަނެ އެމެރިކާގެ ޝަރުއީ ނިޒާމުގެ ހުކުމްތަކާމެދު ރައްޔިތުން ވިސްނަންޖެހިފައިވާ ކަމުގައެވެ. އަދި މިއީ އެއްވެސް ހާލެއްގައި ހިނގައިގެންވާނެ ކަންކަން ނޫންކަމާއި އެހުކުމްގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުމުގެ އިތުރުން މުޅި އުމުރުގައި އުޅެންޖެހުނީ ހިތްދަތި ކަމާއި ނަފްސާނީ ވޭންތަކުގައިކަން އެމެރިކާގެ ކަޅު ނަސްލުގެ މީހެއްކަމަށްވާ މުޙައްމަދު ޢަޒީޒު ފާހަގަ ކުރިއެވެ.

އެމެރިކާގެ ޝަރުއީ ދާއިރާގެ ހުކުމްތަކުގެ ދޯހަޅިކަމާއި އަދި އެމެރިކާގައި ހިންގާ ތަހްގީގުތަކުގެ ފޭކުކަން ދުނިޔެއަށް ހަމަވުމުން ނިޔުޔޯކް ސްޓޭޓްގެ ޑިސްޓްރިކްޓް އެޓާނީ ސައިރަސް ވޭންސް ވަނީ މިމައްސަލައާ ގުޅިގެން މާފަށް އެދިވަޑައިގަންނަވާކަމާ އަދި މިއީ އެމެރިކާގެ ޝަރުއީ ދާއިރާގައި ޖެހުނު ވަރަށް ބޮޑު ލައްގަނޑެއްކަމަށް ސިފަކުރައްވާފައެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރު ބަޑިޖަހައިގެން މަރާލި އެމެރިކާގެ ކަޅުނަސްލުމުގެ ލީޑަރު މެލްކަމް އެކްސް ގެ މަރުގެ މައްސަލަ އޭގެ 56 އަހަރުފަހުން މިދިޔައަހަރު އަލުން ތަހްގީގް ކުރަން ނިއުޔޯކްގެ ފުލުހުން ނިންމީ ނެޓްފްލިކްސްއިން ދެއްކި ސިލްސިލާ ފިލްމެއްކަމަށްވާ " ހޫ ކިލްޑް މެލްކަމް އެކްސް" ގައި ހާމަކޮށްފައިވާ ބައެއް ކަންކަމާ ގުޅިގެންނެވެ.

މިއީ އެމެރިކާގައި އަލަށް ހިނގި ކަމެއް ނޫނެވެ. މިބާވަތުގެ ނުބައި އެތަށް ހުކުމްތަކެއް އެމެރިކާގެ ކޯޓުތަކުން ކުރަމުން ގެންދެއެވެ. އަދި އެމެރިކާގައި ކުށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ފަހުގައި ވެސް މަރާލެވުނު މީހާގެ ކުށެއް ނެތްކަން ހާމަވެފައިވެއެވެ. އެމެރިކާގައި މިބާވަތުގެ އަނިޔާތައް ގިނަ ފަހަރު ލިބިފައިވަނީ މުސްލިމުންނަަަށާއި ކަޅު ނަސްލުގެ މީހުންނަށެވެ. މެލްކަމް އެކްސް އަކީ އެމެރިކާގައި ނިގުޅައިގެންފައިވާ ކަޅު ނަސްލުގެ މީހުންގެ މަދަނީ ހައްގުތަކަށް ވަކާލާތު ކުރި ކަޅު ނަސްލުގެ ސިޔާސީ ލީޑަރެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް