ދަރިންގެ ނަފުސާނީ ދުޅަހެޔޮކަމަށް މިކަންކަމަށް ވިސްނާ

ކުއްޖާ ދުނިޔެއަށް އުފަންވީއްސުރެ ކުއްޖާގެ ސިއްހަތަށް އެންމެ ފަރުވާތެރިވާނެ ބަޔަކީ ކުއްޖާގެ މައިންބަފައިންނެވެ. ނަމަވެސް ނަފުސާނީ ގޮތުން ކުއްޖާ ބަލިކަށިވެއްޖެނަމަ އެކަން ދެނެގަތުން އެއީ މައިންބަފައިންނަށްވެސް އުނދަގޫ ކަމަކަށް ވެގެންދާނެއެވެ.

ކުއްޖާއަކީ ނަފުސާނީގޮތުން ބަލިކަށިކުއްޖެއްތޯ ދެނެގަންނީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ނަފުސާނީ ގޮތުން ބަލިކަށިކަމެއް ކުއްޖާގެ ފަރާތުން ފާހަގަވެ، އެކަން ހައްލުކުރުމަށް މައިންބަފައިންނަށް ކުރެވޭ މަސައްކަތަކީ އެކަށީގެންވާ ކަންތައްތޯ ދެނެގަންނާނީ ކިހިނެއްތޯ މިއީވެސް އުފެދޭ ސުވާލެކެވެ. ހުންބަލާ ކަށިގަނޑުގެ އުސޫލުން ކަމެއް ގޯސްވެއްޖެކަމުގެ ސިގްނަލެއް އެކަމުގައި ނުދޭނެއެވެ. މައިންބަފައިން ޖެހޭނީ އެކަންތައްތައް އަމިއްލައަށް ހޯދައި ދެނެގަންނާށެވެ.

ސައިންސްގެ އަލީގައި، ނަފުސާނީ ދުޅަހެޔޮކަމަކީ ވަރަށް މުހިންމު އެއްޗެކެވެ. ހާއްސަކޮށް ފިރިހެން ކުދިންނަށް އޭގެ މުހިންމުކަން އިތުރުވެއެވެ.

ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައި؟

ނަފުސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ހާލަތްތަކާއި އުފާވެރިކަމާއި ކަންތައްތައް ދެނެގަތުމާއި އިހުސާސްތަކާއި ޖަޒުބާތުތައް އެދެވޭ މިންގަނޑެއްގައި ހިފެހެއްޓުމެވެ.

ޔަގީންނުންވެސް ކުދިން އުފަންވާނީ މި ކަންތައްތަކުގެ ގާބިލުކަމާއެކު ނޫނެވެ. ކުއްޖާގެ ސިކުނޑި ހެދި ބޮޑުވި ވަރަކަށް ކަންކަމާ ވިސްނާ ފިކުރުކުރެވި، ކަންތައްތައް ދެނެގަނެވި ދަސްވަން ފަށާނެއެވެ ހާއްސަކޮށް ކުއްޖާގެ އުމުރުގެ ފުރަތަމަ ފަސް އަހަރު ގިނަ ކަންކަން ދަސްކުރުމާއި ނަގައިގަންނަން ފަސޭހަވެގެންދާނެއެވެ. ނަމަވެސް މިކަންކަން ބިނާވެފައިވާނީ ކުއްޖާއާއި މައިންބަފައިންނާ އޮންނަ ގުޅުމުގެ ގާތްކަމުގެ މިންވަރަށެވެ. ކަންކަމުގެ ހައްލު ހޯދާނޭ ގޮތާއި އިތުބާރު ލިބިގަތުމާ ހޯދުމުގެ މުހިންމުކަމާއި ހާސްކަމާއި ބިރުވެރިކަމެއް ދިމާވެއްޖެނަމަ ކަންކުރާނޭ ގޮތް ކުއްޖާއަށް ދަސްކޮށްދިނުމަކީ މުހިންމުކަމެކެވެ.

އިނގިރޭސިވިލާތުގެ ނަފުސާނީ ބަލިތަކާބެހޭ ހާއްސަ ޑޮކްޓަރ ނިކޮލާސް ހާޑީ ވިދާޅުވެފައިވާގޮތުގައި ނަފުސާނީ ގޮތުން ދުޅަހެޔޮކުދިންނަށް ކޮންމެ ހާލަތްތަކަކާވެސް ކުރިމަތިލެވުމާއި އެކުދިންގެ ވިސްނުންތޫނުވެ، ހާސްވުން ކުޑަވާނެއެވެ.

ކުދިންނަކީ ނަފުސާނީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި މައިންބަފައިނަށް ކޮށްދެވޭނީ ކޮންކަމެއް؟

ކުޑަކުދިން ގިނަ ކަންތައްތައް ދަސްކުރާނީ މައިންބަފައިންގެ ފަރާތުންނެވެ. ކުއްޖާއަކީ ކާކުކަމާއި އޭނާގެ ހައިސިއްޔަތާއި މުއާމަލާތްކުރެވޭނެ ގޮތާއި އޭނާގެ އަގުވެސް ދެނެގަންނާނީ މައިންބަފައިންގެ އަމަލުތަކާއި ބަސްތަކުންނެވެ. މައިންބަފައިން ގެ ހުރިހާ އަމަލުތަކެއް ކުއްޖާ ވަރަށް ގާތުން ބަލާނެއެވެ. އަދި އެ އަމަލުތައް އޭނާގެ ދިރިއުޅުމުގައި ކޮންމެވެސް ވަަރަކަށް ބޭނުންކުރާނެއެވެ.

ކުއްޖާ އޭނާއަށް ކުރެވޭ އިހުސާސް ދައްކުވައިދޭ ގޮތަކީ ރަނގަޅުގޮތެއް ނޫނޭ ކުއްޖާއަށް ހީވާގޮތަށް ބައެއްފަހަރު މައިންބަފައިންނަށް ކަންތައްކުރެވެއެވެ. މިސާލަކަށް، ގޮނޑިއަކަށް އަރައި ފުންމާލަން ކުއްޖާ އުޅޭ ހިނދު ވެއްޓިދާނޭ ބުނުމުންވެސް ތިބާގެ ބަހަށް ބީރު ކަންފަތެއްދީ، ގޮނޑިން ވެއްޓި ތަދުވެގެން ކުއްޖާ ރޯނަމަ ރޯވަރުގެ އަނިޔާއެއް ނުލިބެއޭ ނުވަތަ އެއީ އެވަރުގެ ކަމެއް ނޫނޭ ބުނެވެއެވެ. ނަމަވެސް މިގޮތަށް މިކަން ކުރުމުން ކުއްޖާއަށް ދޭހަވެގެންދާނީ ތިމަންނާއަށް ތަދުވާވަރު މަންމައަށް ނުވަތަ ބައްޕައަށް ނޭނގޭ ކަމަށެވެ. ނުވަތަ އަޅާނުލާކަމަށެވެ. ނުވަތަ ތަދުވެގެން ރުއިމަކީ މަންމަ ނުވަތަ ބައްޕަގެ ނަޒަރުގައި ރަނގަޅުކަމެއް ނޫނޭ ކުއްޖާގެ ސިކުނޑިއަށް ނަގައިގަނެވިދާނެއެވެ. މިކަންކަމުގެ ސަބަބުން މައިންބަފައިންނަށް ކަންކަން ފޮރުވުމަށް ކުއްޖާއަށް ހިތްވަރު ލިބެއެވެ. ކުއްޖާއަށް ވާ ތަދު އިހުސާސް ކުރަން ތިބާ ބޭނުންނުވާ ކަމުގައި ކުއްޖާއަށް ހީވާނަމަ އެފަދަ ކަމެއް ދިމާވިނަމަވެސް އެކަން ތިބާއާ ކުއްޖާ ހިއްސާނުކޮށްފާނެއެވެ.

ކުއްޖާ ބޭނުންވާ ކޮންމެ އެއްޗެއް ވެސް ހިއްސާ ކުރެވޭ ވަރުގެ މާހައުލަކަށް ދިރިއުޅޭ މާހައުލު ވާން ޖެހެއެވެ. ކުޑަކުދިންގެ ނަފުސާނީ ބަލިތަކާބެހޭ ޓީމެއްގެ އޮފިޝަލް، މައުރުޔާ ބުނެފައިވާ ގޮތުގައި ތިބާގެ ބައެއް އިހުސާސްތައްވެސް ކުއްޖާއަށް ކިޔާދޭށެވެ. އެކަމުގެ ސަބަބުން ތިބާއާ ކުއްޖާއާ ގުޅުން ވަރުގަދަވެ ކުއްޖާވެސް އޭނާގެ އިހުސާސްތައް ތިބާއާ ހިއްސާކުރާނެއެވެ.

މައިންބަފައިން އެހެން މީހުންނާމެދު އަމަލުތައް ބަހައްޓާ ގޮތްވެސް ކުއްޖާ ވަރަށް ގާތުން ބަލާނެއެވެ. އަދި ކުއްޖާވެސް މީހަކާމެދު އެގޮތަށް ކަންތައްކުރަން ފަށައިފާނެއެވެ. މިސާލަކަށް ތިބާ ގޭ މީހަކު ދެކެ ރުޅިއައިސް ހިތްހަމަނުޖެހުމުގެ ސަބަބުން ވާހަކަ ނުދައްކާ އުޅޭތަނާއި ހަޅޭލަވާ އަޑާއި މަންޒަރު ކުއްޖާއަށް ފެންނާނެއެވެ. ކުއްޖާ މިކަންކަމުން ވިސްނާނީ ތިބާ އެ ކަންތައްކުރީ އެންމެ ރަނގަޅަށްކަމަށެވެ. އެހެންކަމުން އެހެންމީހުންނާ ދޭތެރޭ ތިބާ ރަނގަޅަށް ކަންތައްކުރުމަކީ މުހިންމު ކަމެކެވެ.

ދިރާސާތައް ދައްކާ ގޮތުގައި ފުރަތަމަ އާއިލާއަށް އިސްކަންދޭ މީހުންގެ ދަރިން، ދަރިންނަށް ވަގުތު ނުދޭ އާއިލާތަކަށް ވުރެ ނަފުސާނީ ގޮތުން ދުޅަހެވެވެ.

ނަމަވެސް ސްޓެވާޓް ފްރިޑްމެން ކޮށްފައިވާ ދިރާސާ ބުނާގޮތުން ހަމައެކަނި ވަގުތު ދިނަސް ކުއްޖާގެ ނަފުސާނީ ދުޅަހެޔޮކަމަށް އަސަރެެއް ނުކުރާނެއެވެ. އަސަރު ކުރާނީ އެ ހޭދަކުރާ ވަގުތުގެ "ކޮލިޓީ"އިންނެވެ.

މިސާލަކަށް ކުއްޖާއާއެކު ހޭދަކުރާ 1 ގަޑިއިރުގެ ތެރޭގައި ކުއްޖާއާ ވާހަކަދެއްކުމާއި ކުޅުމާއި ސަކަރާތްޖެހުމުގައި ހޭދާކުރާ ވަގުތު، 4 ގަޑިއިރު ވަންދެން ފޯނުގައި ކުއްޖާގެ ގާތުގައި ހޭދަކުރާ ވަގުތާ ނުބައްދަލެވެ. އެހެންކަމުން ކުއްޖާއާއެކު އެދެވޭ ގޮތުގައި ވަގުތު ހޭދަކުރަންޖެހެއެވެ.

comment ކޮމެންޓް