ރަށްތައް ފެހިކޮށް، ސާފުވައި ލިބޭނޭ ގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރަށްތައް ފެހިކޮށް, ކުނި މެނޭޖުކުރުމުގެ ކަންތައްތައް ރަނގަޅުކޮށް, ސާފުވައި ލިބޭނެގޮތަށް ރައްޔިތުންގެ އުޅުން ބަހައްޓަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމާ ގުޅިގެން މިއަދު އެއެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމަށްފަހު ރައްޔިތުންގެ އުޅުމާއި ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށާއި މިއަދު ލިބުނު ފިލާވަޅުތަކުން ކަންތައްތަކެއް ކުރަން މަޖުބޫރު ވެފައިވާ ކަމަށެވެ.

"މިއަދު މުޅި ދުނިޔޭގެ ހުރިހާ ލީޑަރުން އެއް އަޑަކަށް ވާހަކަ ދައްކަނީ ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން. އަޅުގަނޑުމެންގެ އުޅުމުގައި ހުރި ހުރިހާ ގޮތުން އެބަޖެހޭ ލިބޭ ގެއްލުން ކުޑަ ކުރަން. އަޅުގަނޑުމެންގެ ރަށްތައް ފެހިކޮށް، ކުނި މެނޭޖުކުރުމުގެ ކަންތައް ރަނގަޅުކޮށް ސާފު ވައި އަޅުގަނޑުމެންނަށް ލިބޭނޭ ގޮތަށް އަޅުގަނޑުމެންގެ އުޅުން ބަހައްޓަން އެބަޖެހޭ،" ނައިބު ރަައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނައިބު ރައީސް އިތުރަށް ވިދާޅުވީ އިސްރާފު ނުކުރުމަކީ ރައްޔިތުން މިއަދު ކުރަން ޖެހޭ ކަމެއްކަން އެންމެންނަށްވެސް އެނގިފައިވާ ކަމަށާއި އެކަން ޅަދަރީންނަށްވެސް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ގައުމު މިހާ ބޮޑަށް ކުރިއަރާފައިވަނީ އެކުވެރިކަން އޮތުމުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ތަރައްގީއާ ހަމައަށް ދިއުމަށްޓަކައި އެންމެން އެއްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެންމެ މުހިއްމީ އަޅުގަނޑުމެންގެ ގައުމު. އެންމެ މުހިއްމީ ރައްޔިތުން. އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ ގެނެވޭނެ ކަންކަމުގައި ރައްޔިތުން އަތުކުރި އޮޅާލާ މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ފައިސަލް ނަސީމް ވިދާޅުވިއެވެ.

ހަމައެހެންމެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި ރާއްޖޭގެ އިތުރުން ދެކުނަށް ތަރައްގީގެ މަސައްކަތެއް ނުކުރެވޭ އެއްވެސް ރަށެއް ނެތް ކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، ބޮޑު ތިލަދުންމައްޗާ ގުޅޭގޮތުން ނައިބު ރައީސް ވިދާޅުވީ އެސަރަހައްދަކީ ފަހުރުވެރިވާފަދަ ދަރިންތަކެއް އުފަންވެފައިވާ ސަރަހައްދެއް ކަމަށެވެ.

އެގޮތުން ހޯރަފުއްޓަށް އެކަނި ބަލާލިނަމަވެސް ވަރަށް ކުޅަދާނަ ޝަހުސިއްޔަތުތަކެއް އުފަންވެފައި ތިބި ކަމަށާއި އެއީ ވަކި ރޮނގަކުން ނޫން ކަމަށާއި ބަލާލި ކޮންމެ ރޮނގަކުން ވެސް އެބޭފުޅުންނަކީ ކުޅަދާނަ ބަޔެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓު ކޮމްޕެނީގެ ފަރާތުން ނައިބު ރައީސަށް ހަދާނީ ފިލާއެއް ހަވާލުކޮށްފައިވެއެވެ.

ނައިބު ރައީސްގެ އިތުރުން އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަދި ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް