"ކޮއްކޮއޭ؟... މަންމަގެ ދަރިއެއްތަ އެއީ؟... ނޫނީ ބައްޕަގެ ދަރިއެއްތަ؟... ނޫނީ މަންމަމެންނާ ލޭގެ ގުޅުމެއް އޮތް މީހެއްގެ ދަރިއެއްތަ؟..." އިދާން އަހައިލީ، ގަދަރުވެރިކަން ކުޑަ ރާގަކަށެވެ.

********

"އިދާން!.." ސައްތާރު ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

އައިޒަކް އިސްޖަހައިލިއެވެ. ދެރަނުވާން އުޅުނަސް، އިދާންގެ ޖުމްލަތަކުން އޭނާގެ ހިތުގައި ޖެހުނެވެ.

"އޭނަގެ މަންމަ މަރުވިއެކޭ ކިޔާފަ، ބައްޕަމެން ޖެހޭތަ އޭނައާ ހަވާލުވާން... ކުޑަ ކުއްޖެއްތަ އެއީ؟..." އިދާންގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. "ބައްޕަމެންގެ މުދަލާ ފައިސާވެސް ހީވަނީ އޭނަގެ އެއްޗެހިހެން..."

"އިދާންއަށް ކޮން ހަގީގަތެއް އެނގިގެން ތިވާހަކަ ތިހެން ތި ދައްކަނީ؟..." ޒަރީނާއަށް ރޮވުނެވެ.

އައިޒަކް ޒަރީނާގެ ގައިގައި ހިފަހައްޓައިލިއެވެ.

"ކަލޭ ބޭނުންހާގޮތަކަށް ހުރިހާ ކަމެއް ކުރެވޭނެކަމަށް ހީނުކުރާތި... އަހަރެން އެ ފުރުސަތެއް ނުދޭނަން..." އައިޒަކް އާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން، އިދާން އިންޒާރުދިނެވެ.

"ތީއޭ އިދާންގެ މައްސަލައަކީ... މީހުންނާ ގުޅިގެން އުޅެން އިދާންއަށް ދަސްވާނީ ކޮން ދުވަހަކުން؟..." ސައްތާރު ރުޅި އައިސް ތަންކޮޅެއް ބާރަށް ބުންޏެވެ. "އެންމެން އަޑުއަހާ... އަހަރެންގެ މުދަލާ ފައިސާގެ އެންމެ ބޮޑު ހައްގުވެރިޔަކީ އައިޒަކް... އެކަން ގަބޫލުކުރަން ބޭނުންނުވަންޏާ، އެ މީހަކު މިގެއިން ނުކުމެގެން ދިޔަސް އެންމެ ރަނގަޅު..."

އިދާން ރުޅި އައިސް ގެއިން ނުކުމެގެން ދިޔައީއެވެ. މަންޒަރު ބަލަން ހުރެފައި، ޖޫޒަން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

********

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އިރަމް އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު، އައިޒަކް ފެނިއްޖެނަމަ ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނަމުން ދިޔައެވެ. ލޯގަނޑު ކުރިމަތީގައި ހުރެގެން ދައްކާނެ ވާހަކަ ފަރިތަކުރިއެވެ. އިސްތަށިގަނޑު އައްސައިލަން ތައްޔާރުވެލި ވަގުތު، އިރަމްގެ ހަނދާނަށް އައީ، ވޫލުކޮޅު ނައްޓައިލަމުން އައިޒަކް ބުނި ޖުމްލައެވެ.

"ބުނީމެއްނު، ކަނދުރާ ފެންނަގޮތަށް ހުންނަންޏާ، ފިރިހެންކުދިން ހިތްކިޔާނެއޭ..."

އިރަމްގެ މޫނު ރަތްވިއެވެ. ވަގުތުން، އަތުގައި އޮތް ވޫލުކޮޅު އެއްލައިލިއެވެ. އިސްތަށިގަނޑު ހާމައަށް ދޫކޮށްލުމަށްފަހު، އޭނާ ލީ ނޫކުލައިގެ އަތްދިގު ގަމީސްކޮޅެކެވެ. އެއާއިއެކު، ކަޅު ކުލައިގެ ސްކިނީއެކެވެ. އާދައިގެ މަތިން ރަތްކުލަ ތުންފަތުގައި ޖެއްސިނަމަވެސް، އެދުވަހު މާ ބޮޑު މޭކަޕެއް ކުރާކަށް އިރަމް ބޭނުމެއް ނުވިއެވެ.

އޮފީސް ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމާއިއެކު އިރަމް ފޭބިއެވެ. އޮފީސް ގޯތިތެރެއަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު، އޭނާގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. މާކިން އާއިއެކު އެތެރެއަށް ވަންނަން ދިޔަ އައިޒަކް ފެނި، އެހުރިހާއިރު އިރަމް ކުރަމުންދިޔަ ހިތްވަރު އެލުނެވެ. އަނެއް ފަރާތަށް އެނބުރެން، އޭނާއަށް މަޖުބޫރުވިއެވެ. ފަސްއެނބުރި ބަލަމުން ހިނގަމުންދިޔަ އިރަމް ގޮސް ލައިގަތީ، އަނޫފްގެ ގައިގައެވެ. އަނޫފް ވަގުތުން އިރަމްގެ ގައިގައި ހިފަހައްޓައިލިއެވެ.

"ކީއްކުރަންތަ ކުރިމައްޗަށް އަރަނީ؟..." އަނޫފާއި ދިމާއަށް ދެލޯ އަޅައިލަމުން އިރަމް އަހައިލިއެވެ.

"ބަލައިގެން އުޅެބަލަ ދޫންޏާ..." އިރަމްގެ ނޭފަތުގައި ހިފައިލަމުން އަނޫފް ބުންޏެވެ.

"އަހަރެންތަ އަދިވެސް ބަލައިގެން އުޅެންވީ؟..." އިރަމް ތުން ދަމައިލިއެވެ.

"ހޫމްމް... އަހަރެން ހަނދާންނެތުނީއޭ، ފައިދަށުގަ ފިޔޮކެއް އުޅޭކަން..." އިރަމްގެ ކޮނޑަށް އަތް ވައްޓާލަމުން އަނޫފް ވާހަކަ ދެއްކީ، ގާތް ގޮތަކަށެވެ.

އިރަމް މޫނަށް ވައްތަރެއް ޖައްސައިލަމުން، އަނޫފްގެ އަތްދަށުން ދެމިގަތެވެ. އަނޫފަކީ، އިސްކޮޅުން ދިގު މީހެކެވެ. މަޖާ މިޒާޖެއްގެ، މީހުންނާއި ގުޅޭ ޒުވާނެކެވެ. އެކުވެރިކަމަށްވުރެ ބޮޑަށް، އިރަމް އާއި ދެމީހުންގެ މެދުގައި އުފެދިފައިވީ އާއިލީ ގުޅުމެކެވެ. އިރަމްއަށް ދޭންވާ ރައްކާތެރިކަން އަބަދުވެސް އަނޫފްގެ ފަރާތުން ލިބެއެވެ. ހަމަ އެފަދައިން އަނޫފަށް ދިމާވާ ކަންކަމުގައި އިރަމްވެސް އެހީތެރިވެދީ ހަދައެވެ.

"ދެން މާކަނާ ކީއްކުރަންތަ ފިޔޮކެއް ފަހަތުން ތި އަންނަނީ؟..." އިރަމް ރުޅިއަންނަކަމަށް ހެދެމުން ކުރިއަށް ހިނގައިގަތެވެ. "ނާންނާތި ފަހަތުން..."

"އަހަނ... ހާދަ ރުޅި އައިއްސަ ހުރި ދުވަހެއް؟..." އަނޫފް ހެމުން ގޮސް އިރަމްގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

މަންޒަރު ބަލަން ހުރި އައިޒަކްގެ ދެބުމަ ގޮށްޖެހުނެވެ. އެ ދެމީހުންގެ ގާތްކަމުގެ ސަބަބުން، އޭނާގެ ހިތަށް އުނދަގޫވިއެވެ. މުށްކެވެމުންދިޔަ އަތް ޖީބަށް ކޮއްޕައިލަން އައިޒަކްއަށް މަޖުބޫރުވިއެވެ. އައިޒަކް ހުއްޓިގެން ހުރުމުން، މާކިންވެސް އިރަމްމެން ތިބި ދިމާއަށް ބަލައިލިއެވެ.

"ސަޅި ބިޓެއް ދޯ..." އިރަމް ފެނުމުން، މާކިން ބުންޏެވެ.

"މާކްގެ ތިނޫން ކަމެއް ނޯވޭތަ؟..." އައިޒަކް އޮފީސްތެރެއަށް ވަނެވެ.

އައިޒަކްމެން ތިބި ލިފްޓްގެ ދޮރު ލެއްޕެން އުޅުނު ވަގުތު، އަނޫފް ދުވެލާފައި ގޮސް ލިފްޓްގެ ތެރެއަށް ދެމިގަތެވެ. ދޮރު ލެއްޕުނަ ނުދީ އޭނާ މަޑުކޮށްގެން ހުރީ، އިރަމް އަންނަންދެނެވެ. އައިޒަކް ފެނުމާއިއެކު، ލިފްޓަށް ވަންނަން އުޅުނު އިރަމް ހުއްޓުން އެރިއެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނުގައި ހުރިއިރު، އައިޒަކް އަޅައިގެން ހުރީ ގަދަ ނޫކުލައިގެ ޓައީ އެކެވެ. އެއީ އިރަމްއަށް އެންމެ ރީތި ކުލައެވެ. އިއްތިފާގުން އިރަމްއަށްވެސް ލެވިފައި ހުރީ، ހަމަ އެކުލައިގެ ހެދުމެކެވެ. ދެމީހުން ހީވަނީ، މުހިއްމު ހަފުލާއަކަށް ދާން ތައްޔާރުވެލައިގެން ތިބި ހެންނެވެ. އިރަމް ހުރީ، ލިފްޓަށް ވަންނަން ނުކެރިފައެވެ.

ހާދަ އެއްކުލައޭ... ކަމެއްތަ؟..." މާކިން އައިޒަކްގެ ކަންފަތް ކައިރީގައި ސިއްރުން ބުނެލިއެވެ.

"ދޫންޏާ، އަވަސްކުރޭ..." އިރަމްގެ އަތުގައި ހިފައި ދަމައިގަންނަމުން އަނޫފް ބުންޏެވެ.

"ދޫނި؟..." ދެލޯ ހަނިކޮށްލަމުން އައިޒަކް އިރަމްގެ މޫނަށް ބަލައިލިއެވެ.

އަނޫފް ކަންތައް ކުރިގޮތުން ޖެހިލުންވެފައި، އިރަމްއަށްވެސް އައިޒަކްއަށް ބަލައިލެވުނެވެ. އައިޒަކްގެ ނަޒަރު އިރަމްގެ އަތަށް ހުއްޓުނުތަން ފެނުމާއިއެކު، އޭނާއަށް ހިންދިރުވައިލިއެވެ. އަވަސް އަވަހަށް އަތް ދަމައިގަތެވެ. އައިޒަކް ހިތަށް އަރާފާނެ އެއްޗަކާއިމެދު ވިސްނުނީ ކީއްވެ ކަމެއް އިރަމްއަކަށް ނޭނގުނެވެ.

"އަހަރެން ކީއްކުރަން އައިޒަކްއާ ދޭތެރޭ ވިސްނަންވީ؟... އެއީ އަހަރެންގެ ކާކު؟... ކޮންމެ މީހަކު އަހަންނާއެކީ ކޮންމެ ގޮތަކަށް އުޅުނަސް، އައިޒަކްއަށް ކޮންކަމެއް؟..." އިރަމް ހިތާއިހިތުން ވާހަކަ ދެއްކިއެވެ. "އާނ... އަހަރެން ހުންނާނީ ކެރިގެން... އައިޒަކް ބެލިޔަސް އަހަރެން ހާހެއް ނުވާނަން..."

އިރަމް ލިފްޓަށް ވަދެފައި ހުރީ އެންމެންގެ ކުރީގައެވެ. ފަހަތުގައި އައިޒަކް އާއި މާކިން ތިބިއިރު، އަނޫފް ހުއްޓާނުލައި އިރަމް އާއި ވާހަކަ ދައްކަމުން ދިޔައެވެ. ކުރީދުވަހުގެ ބައްދަލުވުމަށް ނާންނާތީ، އަނޫފަށް އައިޒަކްއަކީ ކާކުކަން ނޭނގުނީއެވެ.

އައިޒަކްގެ ނަޒަރު އިރަމްގެ ހަށިގަނޑުން ވަކިވާގޮތެއް ނުވިއެވެ. ކޮންމެ ކަހަލަ ހެދުމެއް ލިޔަސް، އެ އަންހެންކުއްޖާ ރީއްޗެވެ. ހިމަ ހޯލިކޮޅެއްފަދަ ހަށިގަނޑާއި ގުޅެއެވެ. އިރަމް އޭނާގެ އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި އޮތުމުން، އައިޒަކްގެ ލޮލުގައި އެކަން އަޅައިނުގަނެއެއް ނުދިޔައެވެ. ކުރީ ދުވަހުގެ ހާދިސާ ހަނދާންވުމުން، އައިޒަކްއަށް ހިނިތުންވެލެވުނެވެ.

"މިއަދު އެއްކަލަ ކަންތައް ކުރަންވާނެދޯ..." އިރަމްގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން އަނޫފް ބުންޏެވެ.

އިރަމް ކޮނޑު ތިރިކޮށް، އަނޫފްގެ އަތް ނައްޓުވައިލިއެވެ. ކުޑަކޮށް މޫނު އަނބުރައިލާފައި، ފަހަތުގައި ހުރި އައިޒަކްއަށް އޭނާ ބަލައިލިއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އައިޒަކް ހުރިއިރު، އެތަނުގައި ކަމެއް ހިނގާކަން އެނގޭ ކަމަކަށް ނުހަދައެވެ. ގަސްދުގައި ނޭނގޭ ކަމަށް ހަދައިގެން ހުރީކަން އިރަމްއަށް އެނގުނެވެ. އިރަމް ނޫންކަމަށް ހަދާފައި އަނޫފްގެ ފަޔަށް އެރިއެވެ. އެއީ ލިފްޓް ހުޅުވުނު ވަގުތުކަމުން، އަނޫފް އެއްޗެއް ބުނުމުގެ ކުރިން އޭނާ އަވަހަށް ލިފްޓުން ނުކުތެވެ. އަނޫފް ވާނުވާ ނޭނގިފައި، ކޮރަމުން ކަހަލަ ގޮތަކަށް އިރަމްގެ ފަހަތުން ހިނގައިގަތެވެ.

"އޭތް މަޑުކޮށްބަލަ..." އަނޫފް އިރަމްއަށް ގޮވިއެވެ.

އައިޒަކް ގޮސް ވަނީ އޭނާގެ ކެބިންއަށެވެ. އަނޫފްގެ ސަބަބުން އޭނާގެ ތަބީއަތު ވަނީ ބަދަލުވެފައެވެ. ގޮނޑީގައި އިށީންއިރު، މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. އަޅައިގެން އިން ޓައީއަށް ދޫކޮށްލަމުން، ގަމީހުގެ މޭމަތިން ދެގޮށް ނައްޓައިލިއެވެ. އޭސީގެ ފިނި އެންމެ ގަދަކޮށްލުމަށްފަހު، އޭނާ މާކިން އާއި ދިމާއަށް އެނބުރުނެވެ.

"އައްދެ... އެންޓާޓިކާއަށް ދާންއުޅޭ ދުވަހެއްތަ؟..." މާކިން އަހައިލީ ލާނެތް ރާގަކަށެވެ.

"އަބަދު ގަޔަށް ބޮލަށް އަތްލާންޖެހޭތަ؟... ދޫނި ހިފަންތަ އޮފީހަށް އަންނަނީ؟..." އައިޒަކްގެ ނޭވާ ވަނީ އަވަސްވެފައެވެ.

އަނގަޔަށް ގޮތެއް ހަދާލައިގެން މާކިން އައިޒަކްއަށް ބަލަން ހުއްޓެވެ. އެއީ އައިޒަކްގެ ފަރާތުން އޭގެ ކުރިން ފެނިފައިވާ ސިފައަކަށް ނުވާތީއެވެ.

"އޯކޭ ކަޓް..." މޭޒުމަތީގައި ޖަހައިލަމުން މާކިން ބުންޏެވެ. "ތިކިޔާ އެއްޗެއް ސާފުވާގޮތަށް ކިޔާބަލަ... މަގޭދެކެ ނައްޓާފަ އިން ދުވަހެއްތަ؟..."

"އަޅާނުލާ..." އައިޒަކް ކޮމްޕިއުޓަރުގެ އިސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ. "މާކްވެސް އުޅެނީ ހަމަ އެހެން... އެއްވެސް ތަފާތެއް ނެތް..."

"މިއަދު އޮފީހަށް އައިއިރު ހުރި މޫޑެއް ނޫން ތީކީ..." މާކިން ގޮނޑީގައި އިށީނދެފައި، މޭޒު ކައިރިއަށް ގޮނޑި ދަމައިލިއެވެ. "ޔަގީނުންވެސް އަހަރެން މިއަދު އަދި އަންހެންކުއްޖަކާ ފްލާޓެއް ނުކުރަން..."

********

"ފްލާޓް ނުކުރީމަ ނިމުނީތަ؟... ބޮޑުކަމެއް އޮތިއްޔާ ފިލާ މީހެއް ތީ..." ސުހާ އިނީ އަނޫފާއި ދިމާއަށް ލޯ އަޅާލައިގެންނެވެ.

ކޮށިގަނޑަށް ހާޒިރުކުރެވިފައިވާ ކުށްވެރިއަކު ފަދައިން އަނޫފް ހުރީ، އިރަމްގެ ކުރިމަތީގައެވެ. މޭޒުގައި ބޯ އަޅައިލިގޮތަށް އިރަމް އަނގައިންވެސް ނުބުނެ އޮތެވެ.

"އޯކޭ... އެހެންވީމަ މިއަދު ކޮފީ ދޭންޖެހޭ މީހަކީ އަނޫފް..." ހުކުމް އިއްވީ ސުހާއެވެ. "މަސައްކަތަށް އެނބުރި ރުޖޫޢަވޭ..."

"އުހުނ... އަހަރެން ނުޖެހޭނެ ދޭކަށް... ތިއުޅެނީ އަހަރެންގެ އެކައުންޓް ހުސްކޮށްލަން... ކޮފީއޭ ކިޔާފަ ކަލޭމެން ގޮސް ވަރުގަދައަށް ކާލަނީއޭ..." އަނޫފް ދެކޮޅު ހެދިއެވެ.

"އިތުރު ބަހަނާއެއް ނޯންނާނެ..." ސުހާ ދުލެއް ނުކުރިއެވެ.

ސުހާ އާއި އަނޫފް ގޮސް ކެބިންއިން ނުކުތުމުން، އިރަމް ތެދުވިއެވެ. އޭނާގެ މޫނު ވަނީ މިލާފައެވެ. ލިފްޓްގެ ތެރޭގައި އައިޒަކް އޭނާއަށް ބަލަން ހުރި ގޮތް އިރަމްއަށް ސިފަވަމުން ދިޔައެވެ. އައިޒަކްގެ ފިރިހެންވަންތަ ސިފަތަކުގެ ސަބަބުން، އިރަމްގެ ޚިޔާލުތައް އެދިމާއަށް ދަތުރުކުރަމުން ދަނީ އަމިއްލަ ނަފުސުގެ މައްޗަށް ބާރެއް ނުފޯރުވޭނޭ މިންވަރަށެވެ.

އަނޫފްމެން ދިޔަތާ މާ ގިނައިރެއްނުވެ، އިރަމްގެ ކެބިން ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. ސުހާ ކަމަށް ހީކޮށް އިރަމް އެއްޗެއް ނުބުނެ އިންދައި ފެނުނީ، އައިޒަކް އެތެރެއަށް ވަން ތަނެވެ. އިރަމްއަށް ފުންމައިގެން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

"އަހަރެން ފެނުނީމަތަ ސިހެނީ؟..." އައިޒަކްގެ ހަރުކަށި އަޑުގައި ރިހުމެއްގެ އަސަރުވިއެވެ.

އިރަމް އެއްޗެއް ނުބުނެ، ދެއަތް ދެއަތާއި ޖޯޑުކޮށްލައިގެން ހުއްޓެވެ. އައިޒަކްގެ ނޭވާ އަވަސްވީ، އިރަމް އަނގައިން ނުބުނެ ފާޑަކަށް ބަލަން ހުރުމުންނެވެ. ކެބިންގެ ދޮރު ތަޅުލުމަށްފަހު، ދޮރުފޮތިތައްވެސް ތިރިކޮށްފައި އިރަމް އާއި ދިމާއަށް އައިޒަކް އެނބުރުނެވެ. އިރަމްގެ ހިތް ތެޅިގަތީ، އެއެއް މިއެއް ބަލާފައެއް ނޫނެވެ. އައިޒަކްގެ ކަޅުކަންގަދަ ދެބުމަ ގޮށްޖެހިފައިވާއިރު، ދެލޮލުން ފެންނަމުން ދިޔައީ ޖެހިލުންކުޑަކަމެވެ. ކޮންމެފަދަ ކަމެއް ކުރަންވެސް އޭނާ ފަސްނުޖެހޭނެ ފަދައެވެ.

"ވައި؟..." ޝަކުވާގެ ރާގަކަށް އައިޒަކް އަހައިލިއެވެ.

އައިޒަކް ކުރިއަށް އަޅައިލާ ކޮންމެ ފިޔަވަޅަކާއިއެކު، އިރަމް ފަހަތަށް ޖެހިލައެވެ. އެއީ، އައިޒަކްގެ ރުޅިގަނޑު ފަޅައިގެން ދާން މެދުވެރިވި ސަބަބެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ގޮސް އިރަމްގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. އެއަށްފަހު، ފަހަތަށް ގެންގޮސް، ފާރާލައި ފިއްތައިލިއެވެ. އިރަމްއަށް ހަމަނޭވާއެއް ލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އެ ހުރިހާ ކަމެއްވީ، އެސްފިޔަ ޖަހާލާހައި މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

"ކީއްވެހޭ އަހަރެންދެކެ ޖެހިލުންވަނީ؟... އަހަރެން މީ އިރަމްއާ އަލަށް ދިމާވި މީހެއްތަ؟..." އައިޒަކް ސުވާލުކުރިއިރު ފަހަރަކަށްވުރެ ފަހަރެއް، އިރަމް އާއި ގާތްވަމުން ދިޔައެވެ.

އިރަމް ދެލޯ މަރައި ބާރުކޮށްލީ، އައިޒަކް އޭނާގެ މޫނާއި ދިމާއަށް ގުދުވެލުމުންނެވެ. އައިޒަކްގެ ހޫނު ނޭވާގެ އިހުސާސާއިއެކު، އިރަމްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ގުޑިލާންވެސް ނުކެރިފައި ހުރިއިރު، އޭނާގެ ދެއަތް ވަނީ މުށްކެވިފައެވެ.

ދާދި ކައިރިން އިރަމްގެ މޫނު ފެނުމުން، އައިޒަކްގެ ރުޅި ފިނިވިއެވެ. އެ އޮމާން މޫނުގައި ބީހިލަން އޭނާގެ ހިތް އެދުނެވެ. އެ މޫނުން ކޮންމެ ގުނަވަނަކަށް އައިޒަކްގެ ނަޒަރު ދަތުރުކޮށްލިއެވެ. ތުންފަތާއި ހަމައިން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަން އޭނާއަށް އުނދަގޫވިއެވެ. އައިޒަކްއަށް ދެލޯ މަރައިލެވުނެވެ. އަމިއްލަ ނަފުސު ހުއްޓުވާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ހިތުގެ އެދުމަށް، ކިޔަމަންވަމުން، އޭނާ އިރަމްގެ ދެކޯތާފަތުގައި ހިފަހައްޓައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު