އައިޒަކް ކުޑަކޮށް ކުރިއަށް ޖެހިލައި، އިރަމް އާއި ދިމާއަށް ގުދުވެލިއެވެ. އެއަށްފަހު، އިރަމްގެ ކަނދުރާ އާއި ދިމާއިން ފުރަގަހަށް އަތް ގެންދަން ފެށިއެވެ. ނޭވާ ލާންވެސް ނުކެރިފައި ހުރި އިރަމްގެ ހިތް ހީވީ ބޭރަށް ފުންމައިލަން އުޅުނުހެންނެވެ. އައިޒަކް އެ އުޅެނީ ކީއްކުރަން ހެއްޔެވެ؟ އިރަމްގެ ހިތުގެ ތެޅުމުގެ އަޑު އައިޒަކްގެ ކަންފަތާއި ހަމައަށް ވާސިލުވާނޭކަމާއިމެދު ކުޑަވެސް ޝައްކެއް ނެތެވެ. ދުރަށްދާން ބޭނުންވި ނަމަވެސް، ގުޑިވެސް ނުލެވިފައި އިރަމް ހުރީ، ޖެހި ބުދެއް ހެންނެވެ. ކަޅި ޖަހައިލުމެއްނެތި، ކައިރިވަމުންދިޔަ އައިޒަކްގެ މޫނަށް ބެލުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އައިޒަކްގެ އަވަސް ހަރަކާތާއިއެކު، އިރަމްގެ އިސްތަށިގަނޑުގައި އައްސާލާފައިވާ ވޫލުކޮޅު ދަމައިގަތީ ދާދި ފަސޭހައިންނެވެ. އެންމެ އަމަލަކުން އިރަމްގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ.

*********

"ބުނީމެއްނު، ކަނދުރާ ފެންނަންޏާ، ފިރިހެންކުދިން ހިތްކިޔާނެއޭ..." އިރަމްގެ ކަންފަތް ކައިރީގައި އައިޒަކް ބުނެލީ ވައި އަޑުންނެވެ.

އިރަމް ތެޅިގަނެފައި ދުރަށްޖެހިލިއެވެ. އޭރު، އައިޒަކްގެ އެ ގާތްކަމުން ހާސްވެގެން އޭނާގެ ނިތްކުރިން ދާ ހިއްލާލައިފިއެވެ. ދެއަތުން ކަނދުރާ ފޮރުވަން މަސައްކަތް ކުރަމުން ދިޔައިރު، އިރަމް ހުރީ ލަދުން ހަލާކުވާން ކައިރިވެފައެވެ. އެފަދަ ގޮތަކަށް އައިޒަކް އޭނައާއި ގާތްވެދާނޭކަމަށް އިރަމް ހީވެސް ނުކުރެއެވެ.

އިރަމް އަވަހަށް ދާން ހަދައިގެން، ދޮރުގައި ލައިގަތެވެ. އައިޒަކްއަށް އަތް އުފުލައިލެވުނު ނަމަވެސް، އިރަމް ބަލައިލުމުގެ ކުރީން، އޭނާ އަތް ތިރިކޮށްލިއެވެ. ނިތްކުރީގައި ފިރުމަމުން، އިރަމް ފަސްއެނބުރި އައިޒަކްއަށް ބަލައިލީ، ތުން ފިއްތައިލަމުންނެވެ. އެ ހުރިހާ ކަމަކަށް އައިޒަކް ކުށްވެރިކުރާފަދަ ނަޒަރަކުންނެވެ.

"މޮޔަ އަންހެންކުއްޖާ..." އައިޒަކްއަށް ހިތާއިހިތުން ބުނެވުނެވެ.

އައިޒަކް ފާޑަކަށް ބަލަން ހުރިތަން ފެނުމުން އިރަމް ރުޅިގަދަވާގޮތްވިއެވެ. އެއްޗެއް ބުނަން ބޭނުންވި ނަމަވެސް، އިރަމްއަށް ހިތްވަރެއް ނުލިބުނެވެ. އައިޒަކްއަކީ އޭނަގެ ވެރިމީހާއެވެ. ދަށުން މަސައްކަތްކުރާ މުވައްޒަފެއްގެ ހައިސިއްޔަތުން އިރަމްއަށް އޮތީ، ވެރިޔާއަށް އިހުތިރާމްކުރުމެވެ.

"އަހަރެން ބޭނުން ވާހަކަ ދައްކާލަން..." އައިޒަކްގެ އަމުރުވެރި އަޑު ޖެހުމާއިއެކު، އިރަމްގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"ކޮން..ކޮން ވާހަކައެއް؟..." އިރަމް ޖެހިލުންވެފައި ސުވާލު ކުރިއެވެ.

"މިތާ؟..." ވަށައިގެން ނަޒަރު ހިންގައިލަމުން އައިޒަކް އަހައިލިއެވެ.

"ނޫން..." އިރަމްއަށް ބޯ ހޫރައިލެވުނެވެ.

"ހިނގާ އަހަރެންގެ ކެބިންއަށް..." އައިޒަކް އަމުރު ކުރިއެވެ.

"މިއަދު ވަރަށް ބިޒީވާނެ... އެހެން ދުވަހަކުން..." އައިޒަކްގެ ޖުމްލަ ނުނިމެނީސް އިރަމް ބުންޏެވެ.

ފާޚާނާތައް ހުންނަ ބައިން ނުކުމެވެނީ، ހަނި ގޯޅިއެއްގެ ތެރެއަށެވެ. ގޯޅިތެރެއިން ގޮސް ފުރަތަމަ ވަދެވޭނީ އައިޒަކްގެ ކެބިންއަށެވެ. ޖެހިގެން ހުންނަނީ އިރަމްގެ ކެބިންއެވެ. އައިޒަކްއަށްވުރެ ކުރިން އެތަނުން ސަލާމަތްވެގެން އިރަމްއަށް އޭނާގެ ކެބިންއަށް ވަދެވިދާނެއެވެ. އިރަމް ފަސްފަހަތަށް ދަމުން ގޮސް ގޯޅިތެރެއަށް ނުކުތެވެ. ފަސްއެނބުރި އޭނާއަށް ކުރިއަށް އަޅައިލެވުނީ އެންމެ ފިޔަވަޅެކެވެ. އައިޒަކް އިރަމްގެ ފަހަތުން ގޮސް، އަތުގެ މުލައްދަނޑީގައި ހިފައި ހުއްޓުވިއެވެ. އިރަމްގެ ނަޒަރު އައިޒަކްގެ އަތުން ފެށިގެން މޫނަށް ހުއްޓުނެވެ. އޭގެ ފަހުގައި ހާސްވެފައި ވަށައިގެން ނަޒަރު ހިންގައިލިއެވެ.

"މީހަކަށް ފެނިދާނެ..." ގަދަކަމުން ކަހަލަ ގޮތަކަށް އައިޒަކްގެ އަތް ނައްޓުވައިލަން މަސައްކަތް ކުރަމުން އިރަމް ބުންޏެވެ.

"ފެނުނަސް ކޮބާ މައްސަލައަކީ؟..." ފަރުވާކުޑަ ރާގަކަށް އައިޒަކް އަހައިލިއެވެ. "އިރަމް ބޭނުންވަނީ އެންމެނަށް ފެންނާކަށްނު..."

"މީހުން ކީކޭ ކިޔާނީ..." އިރަމް ހާސްވިއެވެ.

"އަހަރެން އެމީހުން ކައިރީ ބުނެފާނަން ތީ އަހަރެންގެ ކާކުކަން..." އައިޒަކް ބުންޏެވެ. "އަހަރެން އެއްވެސް ޖެހިލުމެއްނުވޭ ބުނާކަށް..."

"އޯކޭ ދާނަން..." އިރަމްއަށް އެހެން ބުނެވުނު ގޮތްވެސް ނޭނގުނެވެ.

އައިޒަކް ވަގުތުން އިރަމްގެ އަތުން ދޫކޮށްލިއެވެ. ފުރުސަތުގެ ބޭނުންހިފައި، އިރަމް ބާރުބާރަށް ހިނގާފައި ގޮސް އޭނާގެ ކެބިންއަށް ވަނެވެ. މަންޒަރު ބަލަން ހުރި އައިޒަކްގެ ތުންފަތުގައި ދުވެލީ، ކާމިޔާބީގެ ހިނިތުންވުމެކެވެ. އަތުގައި އޮތް ވޫލުކޮޅަށް ބަލައިލުމާއިއެކު، އެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ފަޓުލޫނުގެ ޖީބަށް ވޫލުކޮޅުލުމަށްފަހު، އޭނާ ހިނގައިގަތެވެ.

ކެބިންއަށް ވަންގޮތަށް އިރަމްއަށް ދޮރުގައި ލެނގިލެވުނެވެ. ހާސްވެގެން އިރަމްގެ މުޅި މޫނުން ދާ ހިއްލާލާފައިވާއިރު، ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. އައިޒަކް އުޅުނު ގޮތަކުން، އިރަމްގެ ހިތަށް ޒަލްޒަލާއެއް ގެނުވައިފިއެވެ. އެ ގާތްކަމުން އޭނާ ހަނދާންކޮށްދޭން އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ މާޒީ ހަނދާންކުރަން ބޭނުން ނުވި ނަމަވެސް، އެނޫންކަމެއްވެސް އިރަމްއަކަށް ނުކުރެވުނެވެ.

އިރަމް ލޯ މަރާލައިގެން ހުއްޓައި، ކައިރީގައި މީހަކު ހުއްޓުނުކަމުގެ އިހުސާސް ކުރެވުނެވެ. ލޯ ހުޅުވައިލި ވަގުތު، ދާދި ކައިރިން ސުހާގެ މޫނު ފެނުމުން، އޭނާ ދިޔައީ ސިއްސައިގެންނެވެ.

"އަހަންނަށް އެބަ ޝައްކުވޭ ތިއުޅޭ ގޮތަކުން... މިއަދު އެހާ ވިއާޑްވީމަވެސް ތިކަހަލަ ކަމަކާ ޝައްކުވެއްޖެއޭ..." ސުހާ އިރަމް އާއި ދުރަށް ޖެހިލިއެވެ. "ހެލްޕެއް ބޭނުންތަ؟..."

"ކީކޭ ތިކިޔަނީ؟ ޝައްކުވާވަރުގެ ކޮން ކަމެއްތަ؟.. އެހެންނޫނަސް އަހަރެން ކޮންމެހެން އިގްނޯ ކުރާކަށް ނޫން އެހެން ހެދީ... ފިލަން އުޅުނީކީ ނޫނޭ..." އިރަމް ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.

އިރަމް ހީކުރީ ސުހާ ދައްކަނީ އައިޒަކްގެ ވާހަކަ ކަމަށެވެ.

"އިނގޭ ނުފިލޭނެކަން... ފިލޭވަރުގެ ކަމެއްވެސް ނޫންތާ..." ސުހާ އެއްބައިވެލިއެވެ.

އަނގަ ހުޅުވުނު ގޮތަށް ލައްޕަންވެސް ނޭނގިފައި އިރަމް އިނެވެ. ސުހާއަށް އައިޒަކްގެ ހަގީގަތް އެނގުނީ ކޮންއިރަކު، ކިހިނެއް ހެއްޔެވެ؟ ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެފައި އިން އިރަމްއަށް ލިބުނީ ރަނގަޅު ފުރުސަތެކެވެ.

"ކޮންމެ މީހެއް ނަމަވެސް ވާނެ މިހެން... އަނެއްކާ އެހާ ދުވަސް ފަހުން..." ވަރަށް ނުކެރި އިނދެފައި، އިރަމް ވާހަކަ ދައްކަން ފެށިއެވެ.

"އަޅޭ... އެހާ ދުވަސް ފަހުންތަ؟... އާނ އިނގޭ ވާނެވަރު..." ސުހާ ގޮސް، އިރަމްގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. "މަންތްލީ ކަންތަކަކީ ދެން އިގްނޯ ކުރަން އުޅުނަސް، ކުރެވޭނެ ކަމެއް ނޫންތާ... އެކަކުވެސް ބޭނުމެއްނުވާނެ އެދުވަސް އަންނާކަށް... އަމުދުން އޮފީހަށް އައިސް އިންދާ ވީމަ... ދެން އެކަމަކު ކީއްކުރާނީ ދޯ... އެ ނައުފާ އައިސް އިރަމް ގުދުވެގެން ފާޚާނާއަށް ދިޔަ ވާހަކަ ބުނީމަވެސް އަހަންނަށް ހީވެއްޖެއޭ ތިކަމެއް ލައިގަތީހެން... އޭނަ ބުނީ، ބޭރަށް ހިންގަނީހެންނޭ ހީވަނީ... ކީއްވެތަ އަހަރެން ކައިރީ ބުނެވެސްނުލާ ދިޔައީ..."

"އޭނ؟..." ސުހާ ދެއްކި ވާހަކަ ފަހުމުވުމާއިއެކު، އިރަމްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.

"އާނ... ހަމްދަރުދީވެވޭ..." އިރަމްގެ ބަނޑާއި ދިމާއަށް ބަލައިލަމުން ސުހާ ވާހަކަ ދެއްކިއެވެ. "އަނެއްކާ ތިބުނީ އެހާ ދުވަސް ފަހުންނޭ ވީ... ވަރަށް ވޭނެއްނު ތީ... ކެތްކޮށްލާ... އަންނާނަން ބޭގް ހިފައިގެން... ނަސީބެއްނު އަބަދުވެސް ދަބަހުގަ އެ ގެންގުޅެވޭކަން..."

އިރަމް އިނީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. އޭނާއަށް ކެތްކޮށްލެވުނީ ސުހާ ބޭރަށް ނުކުންނަން ދެނެވެ. އިރަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހެމުން ގޮސް ރޮވުނު އިރުވެސް އޭނާއަށް ހުއްޓައެއް ނުލެވުނެވެ.

*********

އިރަމްގެ ކެބިންއަށް ބަލަން ހުރެފައި އައިޒަކް ހިނގައިގަތީ އޮފީހުން ނުކުންނާށެވެ. އެއާޕޯޓުން ނުކުތްގޮތަށް މާކިންއަށް އޮފީހަށް އާދެވުނީ، އައިޒަކް ލިފްޓާއި ދިމާއަށް ދަނިކޮށެވެ. މާކިން ހަލުވި ފިޔަވަޅުތަކެއްގައި އައިސް އައިޒަކްގެ ކައިރީގައި ހުއްޓުނެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ.

"ކާރުގަނޑެއް މިލިބުނީ އަދިކިރިޔާ... މުޅިން މަރައިފި... މިހިސާބަށް ސިޑިންނޭ އަރަންވެސް މިޖެހުނީ..." ފުން ނޭވާތަކެއްލަމުން މާކިން ވާހަކަ ދެއްކިއެވެ. "އެތާހުރި މަންޖެއަކު ބުނީ، ލިފްޓް ހަލާކުވެފައޭ... މިހިސާބަށް އެރިފަހުން މި އެނގުނީ އޭނަ ވާހަކަ ދެއްކީ މަށާ ނޫންކަން... ކަލެއަށް ހޭއަރުވާލާނަން އިނގޭ..."

"އައި މެޓް ހާ..." ފިކުރެއްގެ ތެރޭގައި ހުރި އައިޒަކް ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "މާކް.. އަހަންނަށް އޭނަ ފެނިއްޖެ..."

"މިސްޓީރިއަސް ގާލްތަ؟..." ޔަގީންކޮށްލާ ފަދައިން މާކިން އަހައިލިއެވެ.

"ޝްޝްޝް..." އައިޒަކް އަވަހަށް މާކިންގެ އަނގަމަތީގައި އަތް އެޅިއެވެ.

ދެމީހުން އެކުގައި ލިފްޓާއި ދިމާއަށް ހިނގައިގަތެވެ.

"މަޑުކޮށްބަލަ... ކައުންޓަރުގަ އެބައިނޭ ސަޅި ބިޓެއް..." މާކިން އައިޒަކްގެ އަތުގައި ހިފެހެއްޓިއެވެ.

އައިޒަކް މަޑުކުރުމެއްނެތި ގޮސް ލިފްޓަށް ވަނެވެ. ކައުންޓަރުގައި އިން ކުއްޖާގެ ނަޒަރު ހުއްޓިފައިވީ އައިޒަކަށެވެ. މާކިން ކުރިމަތީގައި އެނބުރެން ފެށުމުން، އެ ކުއްޖާ ބަލައިލި ނަމަވެސް، އެ މޫނުން ޝައުޤުވެރިކަމެއް ނުފެނުނެވެ. މާކިން އެއްލޯ މަރައިލިއެވެ. އެކުއްޖާއަށް ހަނާ އަޅައިލާފައި، އައިޒަކްގެ ފަހަތުން ލިފްޓަށް ވަނެވެ. ދެމީހުން އޮފީހުން ނުކުމެގެން ކައިރީގައި ހުރި ރެސްޓޯރެންޓާއި ދިމާއަށް މިސްރާބު ޖެހިއެވެ.

"ކޮންތާކުން އެމަންޖެއާ ދިމާވީ؟..." މާކިން ޝައުޤުވެރިވެފައި އަހައިލިއެވެ.

"އޮފީހުން..." އައިޒަކްގެ ޖަވާބު ކުރެވެ.

"އޮފީހުންނޭ؟... ތިއޮތީ އަޅާދަމާފައެއްނު..." މާކިން ޖޯޝާއި އެކުގައި ބުންޏެވެ. "މިފަހަރު ވާނެ ރަނގަޅަށް ކުޅި ދައްކާލަން... ޒެކްގެ ބާރެއްނު އެތާ ހިނގާނީ..."

"ތިނޫން ވާހަކައެއް ދައްކަފާނަންތަ؟..." އައިޒަކް އުނދަގޫ ގޮތަކަށް ދެލޯ މަރައިލިއެވެ.

"އައްދެ... އޭނަ ފެންނައިރަށް އެހާ އަވަހަށް ހިޔާލު ބަދަލުވީތަ؟..." މާކިން އަހައިލިއެވެ. "އޭނަ ނުފެންނައިރު ތިހެނެއް ނޫން ޒެކް އުޅުނީ... އަހަރެން ހީކުރީ، ފެންނަތަނުން ލައްކަ އެއްޗެހި ކިޔާލާފަ އެމަންޖެ ރޮއްވާލާވަރު ކޮށްލާނެ ކަމަށް... އެކަމަކު އެހެން އައިޒަކްއެއް މިފެންނަނީ..."

"ކޮފީއެއް ދޯ ބޯނީ؟..." ވޭޓަރު އައުމުން އައިޒަކް މައުޟޫޢު ބަދަލުކޮށްލަން އުޅުނެވެ.

"މިހާ ދާހިއްލާފަ ހުއްޓާ، ހޫނު އެއްޗެއް؟..." މާކިން އަހައިލިއެވެ. "މަށަށް އައިސްކޮފީއެއް..."

"ވަން އައިސް ކޮފީ، ވަން ބްލެކް ކޮފީ..." ވޭޓަރަށް ބަލައިލަމުން އައިޒަކް ބުންޏެވެ.

"ދެން ބުނެބަލަ... އޭނަ މިހާރުވެސް ހަމަ އެހާ ރީތިތަ؟... މީހަކާ އިނދެގެންތަ އުޅެނީ؟... ނޫނީ މީހަކާ ރައްޓެހިވެގެންތަ؟..." މާކިން ފުލުފުލުގައި ސުވާލުތައް ކުރަމުން ދިޔައެވެ.

"ނޭނގެ..." ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިނދެ އައިޒަކް ބުންޏެވެ.

"ނުވިއެއްނު ކަމެއް... ރީތިއްޔާ ރީތިކަން އެނގޭނެދޯ..." މާކިން ޗޮކެއް ކަނޑައިލިއެވެ.

އައިޒަކް މާކިންއަށް ބަލައިލާފައި ލޯ އަޅައިލިއެވެ. މާކިން ވަގުތުން ދެއަތް އުފުލައި އަމާންދިނީ ކަމުގައި ބުންޏެވެ.

********

އިރަމް އިނީ ގަޑީގެ ކަށި ހިނގާލެއް ލަސްވެފައެވެ. އިރުއިރުކޮޅައި ދޮރާއި ދިމާއަށް ބަލައިލައެވެ. އައިޒަކް އައިސް ވަންނާނީ ކޮން އިރަކު ކޮން ވަގުތަކު ކަމެއް ނޭނގޭތީއެވެ. ހައެއް ޖަހަން ދެމިނެޓަށްވުމާއިއެކު، އިރަމް ތެދުވިއެވެ. ސުހާއަށް މަޑުކުރުމެއްނެތި، އޭނާ އަވަހަށް ގޮސް އޮފީހުން ނުކުތެވެ. އިރަމްގެ ނަސީބު ރަނގަޅެވެ. އެހެން ދުވަސްދުވަހު ކާރަކަށް ގުޅާފައި، ތިރިއަށް ފޭބިނަމަވެސް، ކާރަށް އާދެވޭއިރު ހުންނަނީ، ދިހަ ވަރަކަށް މިނެޓު އިތުރަށް ހިނގާފައެވެ. މިއަދު އިރަމް ނުކުތްއިރު، ކާރު އޮތީ، އޮފީސް ދޮރުމަތީގައި މަޑުކޮށްލައިގެންނެވެ. އިރަމް ހަލުވި ފިޔަވަޅުތަކެއްގައި ކާރާއި ދިމާއަށް ދިޔައެވެ.

މާކިން ގަރާޖުން ކާރު ނެރެގެން އައިސް، އައިޒަކްގެ ކުރިމައްޗަށް ހުއްޓައިލިއެވެ. ކާރަށް އެރުމަށް ދޮރު ހުޅުވައިލި ނަމަވެސް، އައިޒަކްގެ ހިޔާލު ބަދަލުވީ، އޮފީސްތެރެއިން ނުކުތް އިރަމް ފެނުމުންނެވެ. ދުރުން ފެނުނު ނަމަވެސް އިރަމް ވަކިކުރާކަށް އައިޒަކްއަށް އުނދަގޫ ކަމަކަށް ނުވިއެވެ.

"ކަލޭ ނައްޓާލާ..." ކާރުގެ ދޮރު ލައްޕަމުން އައިޒަކް އެދުނެވެ.

"އޭތް އޭތް ކޮންތާކަށް ތިދަނީ؟..." މާކިން އަހައިލިއެވެ. "މަ ގެއަށް ވަންނާނީ ކިހިނެތް؟... ކޯޑު ކިޔާބަލަ..."

ފަހަތުން ބަރުގޮނުގެ އަޑު އިވުމުން، މާކިންއަށް މަޖުބޫރުވީ ކާރު ދުއްވައިލާށެވެ. ހިތާއިހިތުން އައިޒަކްއަށް ކުދި ކިޔަމުން އޭނާ ހޮޓެލް ޑައިމަންޑާއި ދިމާއަށް މިސްރާބުޖެހިއެވެ.

އައިޒަކް ދުވެލާފައި ކަހަލަ ގޮތަކަށް އިރަމް އަރަން އުޅުނު ކާރާއި ދިމާއަށް ދިޔައެވެ. ކާރުގެ ދެ ފަރާތުން ދެމީހުންނަށްވެސް ދޮރު ހުޅުވައިލެވުނީ އެކުއެކީގައެވެ. އިރަމްއަށް އައިޒަކް ފެނުމާއިއެކު ކާރުގެ ދޮރު ލައްޕައިލަން އުޅުނެވެ.

"އަރާ..." އައިޒަކް އަމުރުކުރިއެވެ.

އިރަމް ދެ ފިކުރެއްގައި ހުރެފައި، ކާރަށް އަރާ ދޮރު ލައްޕައިލިއެވެ. އޭނާ ހީކުރީ، އައިޒަކް އެނބުރި ދާނީ ކަމަށެވެ. އެކަމަކު، އެއީ ކުށްހީއެކެވެ. އައިޒަކް ކާރަށް އަރައި، އިރަމް އާއި ވީހާވެސް ގާތުގައި އިށީނދެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު