ޕާކިސްތާނުގެ އެހީގައި މަރާމާތުކޮށް، ފަހިވެނި ބެޑްމިންޓަން ކޯޓު އަލުން ހުޅުވައިފި

ހުޅުމާލޭގައި ހުންނަ ޒުވާނުންގެ މަރުކަޒު ފަހިވެނީގެ ބެޑްމިންޓަން ކޯޓު، ޕާކިސްތާނު ސަރުކާރުގެ އެހީގައި މަރާމާތުކޮށް ހުޅުވުން -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

ހުޅުމާލޭގައި ހުންނަ ޒުވާނުންގެ މަރުކަޒު ކަމަށްވާ ފަހިވެނީގެ ބެޑްމިންޓަން ކޯޓު، ޕާކިސްތާނު ސަރުކާރުގެ އެހީގައި މަރާމާތުކޮށް ހުޅުވައިފިއެވެ.

މި ކޯޓު ހުޅުވައިދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ހައިކޮމިޝަނަރު އަތުހަރު މުހްތާރެވެ. މިއީ ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

މި ބެޑްމިންޓަން ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދުގެ އިތުރުން ހައިކޮމިޝަނުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު އަތުހަރު ވިދާޅުވީ ބެޑްމިންޓަން ކޯޓުގެ މަސައްކަތަކީ ޕާކިސްތާނުން ރާއްޖެއަށް ދިން ހަދިޔާއެއްކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށްދިނުމުގައި ޕާކިސްތާނުގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މި ހަފްލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވަނީ ބެޑްމިންޓަން ކޯޓު މަރާމާތުކުރުމުގައި ޕާކިސްތާނުން ވެދިން އެހީއަށް ޝުކުރު އަދާކުރައްވަައިފައެވެ. އަދި އެއީ ހުޅުމާލޭގެ ރައްޔިތުންނަށް ކުޅިވަރު ކުޅުމަށް ލިބުނު ފަހި ވަސީލަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މި ހަފްލާގައި ބެޑްމިންޓަން ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ މެޗެއް ކުޅުނެވެ. އަދި މޮޅުވި ޓީމަށް ހައިކޮމިޝަނަރުގެ ހާއްސަ އިނާމްވަނީ ދެއްވައިފައެވެ.

comment ކޮމެންޓް