ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއް ނެތި: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކުރާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ހއ. ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބެއްލެވީ ކަންކަން މެނޭޖް ކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެއްވުމަށް ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ތިން އަހަރު ވެގެންދިޔައީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ތިން އަހަރަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން އެމްޓީސީސީ އާއި ފެނަކައިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކަށް ބެލި ނަމަވެސް ނުވަތަ ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށްގެންދާތަން ފެނިގެންދާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް، ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ރަނގަޅު ޖީލެއް އުފެއްދުމަށް ޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެ ރަށެއްގައިހެން މަޝްރޫއުތައް ހިންގަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ މީގެ ތިން އަހަރު ކުރިއާ ހިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ބަސްބުނެ އުޅުމާއި ހިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާކަމަށެވެ.

ހޯރަފުށީގައި މިއަދު އިފްތިތާހުކުރި މަގުހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއް ތާރުއަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެއެވެ.

ނައިބު ރައީސް، ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހޯރަފުށްޓަށް ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް