"ހަޔާތަކީ ދަތުރެކެވެ. އަލުން ދިރުވޭ ދުވަހު ތިބާގެ ނަފުސްތައް ނަރަކައިން ސަލާމަތްކުރަން ހެޔޮ އަމަލުތައް ގިނަ ކުރާށެވެ."

***

ނޯރާއަށް ވިންޓަފެލްއާއި ހަމަޔަށް ފޯރިއިރު އެންމެން ރޭގަނޑުގެ ކެއުމަށް އިންސާފުކުރަނީއެވެ. އޭނަ އެ ހިސާބުން ގޮސް ސިޑިބަރިން އަރައިގެން ދިޔައިރު އުފާކުރީ އެކެއްގެ ނަޒަރުގައިވެސް އޭނަ އަޅައިނުގަތީމައެވެ. މިއީ އޭނަގެ އާއިލާއެއް ނޫނެވެ. އަދި އެމީހުންނާއިއެކު ކެއުމުގައި ބައިވެރިވާންއިރު އޭނަގެ ހިތުގައި އުފާވެރިކަމެއް ޝައުގެއްވެސް ނުހުރެއެވެ. އެންމެން އޭނައަށް ހެޔޮކަމުގައި ވިނަމަވެސް އެވެ.

ނޯރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލަން އުޅެނިކޮށް ހުރަސް އެޅީ ދޮރުދޭތެރެއަށް ކޮށްޕައިލި ބޫޓެކެވެ.

"ގެއަށް ތިއައީ ހާދަ ލަހުން...." އައިޒަކް ދޮރުމަތިން ފައި ނެގިއެވެ.

"އަހަރެން އުފާވާނެ އައިޒަކް ގެއަށް އަންނަ މިނިޓް ގުނަން ނެތިއްޔާ."ނޯރާ މޫނު ހެދިއެވެ.

"ނުކަނީތަ؟"އައިޒަކް ސުވާލުކުރިއެވެ.

"ގެއަށް އައި މަގުމަތީގައި ކައިފިން. އައިޒަކް. އެބައޮތް ވާހަކައެއް ދައްކާލަންވެފައި.." ނޯރާ އައިޒަކްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ހަށަން ބަދެލައިފިއެވެ." ކައިވެންޏާއި ބެހޭގޮތުން...."

"ހުރިހާކަމެއް އޮތީ ހަމަޖެހި ނިމިފައި. އެހެންވީމަ ނޫނެކޭ ނުބުނެވޭނެ. އަހަރެންދެކެ ލައިކް ނުވަނީތަ؟ ބުނީމެއްނު ލައިކް ވެއޭ." އައިޒަކް ދޮރަށް ލެނގިލައިގެން ހުއްޓުނެވެ. އައިޒަކްގެ އެ ނަޒަރުންވެސް ނޯރާއަށް އުދަގޫތަކެއް އިހުސާސްވިއެވެ. އެ މައުސޫމް ފިރިހެންކުއްޖާ ގެއްލުނީ ކޮންތާކަށްހެއްޔެވެ؟ މި އައިޒަކް މާ ހަރުވެފައި ތުނބުޅީގެ ސަބަބުން ފިރިހެންވަންތައެވެ. އެހެންވެ ކުރިން މުއާމަލާތުކުރި ގޮތަށް އުޅެން ފަސޭހައެއް ނޫނެވެ. އޭނަ އަބަދުވެސް ދެކެމުން އައީ އައިޒަކްއަކީ ކޮއްކޮއެއް ކަމުގައެވެ. ނަމަވެސް އެ ފިރިހެންކުއްޖާ އިސްކޮޅުން ދެމިލާ އޭނައަށްވުރެ ފޫޓެއްހާ ތަން ދިގުވެ ފާޅުގައި ލޯބިވާކަމަށް ދައުވާކުރަނީއެވެ.

"އަހަރެން ބުނީ ލައިކްވަނީ އޭޒް އެ ބްރަދާއޭ..." ފަހުގެ ލަފުޒުތަކަށް ބާރުލާފައި ކިޔާލިއެވެ." ލައިންގެ ދޭތެރެއިން ތަންކޮޅު ނުބައިކޮށް ކިޔާފައިގޮސް މާމަ ކައިރީ ބުނަންވީ ކީއްވެހޭ؟ އަހަރެން ލައިކް ވާ ވާހަކައާއި....ސާރާ އަހަންނާއިމެދު ވިސްނާނީ ކޮންގޮތަކަށް؟"

"ސާރާއާއިމެދު ނުވިސްނާ. ސާރާއަށް އެއްވެސް ވާހަކައެއް ނީއްވާނެކަމުގެ ގެރެންޓީދެން.."އައިޒަކް މާނަވީގޮތަކަށް ހީލިއެވެ.

"އަދި މިއަދު ކައިވެނީގެ ދައުވަތު ފޮނުވާ ވާހަކަވެސް ނުބުނަމެއްނު...." ރުޅީގެ މައްޗަށް ބާރު ފޯރުވަން އިންތިހާއަށް މަސައްކަތްކުރަމުން ނޯރާ ބުނެލިއެވެ. އޭނަގެ ޚިޔާލުގައި މިހާރުވެސް އައިޒަކްގެ އިސްތަށިގަނޑު އުފުރާ ތަލަކޮށްލައިފިއެވެ.

"ފަހަރެއްގައި ދެކޮޅު ހަދާފާނެތީ ވިސްނާލާފައި ކުރީ ބައިގާ ހުރިހާކަމެއް ނިންމައިލީ..." އައިޒަކް ހަމަޖެހިލާފައި ކިޔައިލިއެވެ. އޭނައާއި ކައިވެނިކުރުމަކީ ނޯރާއަށް ދެވޭ ހަދިޔާއެއްކަމުގައި ހީވާފަދައެވެ. ކުޑައިރު ފަދައިން އޭނަގެ ބޮޑާކަން ދައްކަން ފެށީއެވެ.

"ހަގީގަތުގައިވެސް ވަރަށް ބަދަލުވެއްޖެ..އައިޒަކް." ނޯރާގެ ނަޒަރުގައި ފިނިކަމާއިއެކު އެއްވެސް ކަހަލަ އިހުސާސެއް ނެތްފަދައެވެ. އައިޒަކްގެ މޫނުމަތީގައި އޭނަ ދޮރު ޖެހިއެވެ. އައިޒަކް ދޮރު ހުޅުވަން މަސައްކަތްކުރުމުގެ ކުރިން އޭނަ ދޮރު ތަޅުލައިފިއެވެ.

އައިޒަކްއާއި ކުރިމަތިލާނެހާ ހަކަތައެއް އޭނަގެ ނެތެވެ. ބޮކިތައް ނިވައިލިގޮތަށް އޭނަ އެނދަށް ވެއްޓިގަތެވެ. ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮވެ ވިދަމުންދާ ތަރިތަކަށް ބެލިއެވެ. އެސްފިޔަތައް ބަރުވަމުން ދަނިކޮށް އިޝާ ނަމާދުނުކުރާ ހަނދާންވުމުން ފުންމައިގެން ތެދުވެއްޖެއެވެ. ވުޟޫކޮށްލުމަށްފަހު ކޮޓަރީގައި ނަމާދުކުރަން ނިންމިއެވެ. ދެ ޚިޔާލެއްގައި ހުރެފައި އޭނަ ކޮޓަރިން ނުކުތީވެސް ނަމާދު ދޮޅިއާއި އިސްޓާކީނަށް އަރައިގެން ހުރެއެވެ. ހޯލުގެ އެންމެ އެކޮޅުގައި ހުންނަ ކޮޓަރި ނަމާދުކުރުމަށް ސާރާއަށް ޚާއްސަކޮށް ދީފައިވަނީ ސާރާ ނަމާދު ގެއެއް ބޭނުންވެގެން އުޅޭތީއެވެ.

ނަމާދު ކޮޓަރިއަށް ވަނުމާއެކު ތަފާތު އަމާންކަމަކާއި ހަމަޖެހުމެއް ހިތާއި ފުރާނައަށް ލިބުނެވެ. މަޑު ހޫނުކަމެއް އެކުލެވޭ ރީދޫ އައްޔާއި މުސައްލާތަކުން ޒީނަތްތެރިކުރެވިފައިވާ އެކޮޓަރި ނިކަން އަރާމެވެ. މަރާތަންފިލާމަތީގައި އެތައް މުސްހަފަކާއި ހަދީސް ފޮތްތަކެވެ. ސާރާއަކީ އެ އާއިލާއަށް ލެއްވި ރަހުމަތެކެވެ. މިގެއިން އެހާ ބޮޑަށް މީހަކު ދެކެ ލޯބިވަންޏާ އެމީހަކީވެސް ސާރާއެވެ. ނަމާދުކުރުމަށްފަހުވެސް މުސައްލަމަތީ އޭނަ ގިނައިރުތަކެއްވާންދެން އިނެވެ. ﷲ ސުބުހާނަހޫ ވަތައާލާއަކީ ހުރިހާކަމެއްވެސް އެންމެ މޮޅަށް ރާއްވަވާ ފަރާތެވެ. އޭނައާއިމެދުގައިވެސް ވާން ހުރި ކަމެއްވިއްޔާ އެކަމެއްވާނީ އޭނައަށް އެންމެ ރަގަޅުގޮތަށެވެ. ނޯރާ ގަބޫލުކުރަން ބޭނުންވި ގޮތަކީ އެއީއެވެ. ނޯރާއާއި އައިޒަކްގެ ކައިވެނި ކުރެވުނިއްޔާ އެއީވެސް އޭނައަށް އެންމެ ރަގަޅަށް ވާން ހުރި ގޮތެވެ.

ދޮރު ހުޅުވުނު އަޑަށް ނޯރާ ބަލައިލިއިރު އެއީ ސާރާއެވެ. ނޯރާ ފެނުމުން ސާރާގެ މޫނުވެސް އަލިވެގެން ދިޔައެވެ. އަދި ނޯރާއާއި ކޮނޑާ ކޮނޑު ޖައްސާ ސަލާމްކުރުމަށްފަހު ހީލާފައި ގާތުގައި އިށީނެވެ.

"ކިހިނެއް؟" ނޯރާ އިޝާރާތުން ސުވާލުކުރިއެވެ. އޭނަ ހުންނަނީ އޭނަގެ ހުނަރު ސާރާއަށް ދައްކައިލާހިތުން ވަގުތަކަށް ބަލަބަލައެވެ. ސައިން ލެންގުއޭޖަށް ޝައުގުވެރިވެ އޭނަ އަންނަނީ ދަސްކުރަމުންނެވެ.

"ކައިފިންތަ؟" ނޯރާ މިފަހަރުވެސް އަތުން ހަރަކާތްކުރިއެވެ.ނޯރާގެ ހަރަކާތްތަކުން ސާރާއަށް ހައިރާންކަމާއެކު އުފާވެރިކަން ލިބުނެވެ. އަދި ހިނިތުންވުން ފުޅާވިއެވެ. ސާރާވެސް އަތުގެ ހަރަކާތްތަކުން ވާހަކަދެއްކިއެވެ.

"ކިހިނެއް މަސައްކަތް؟" މިފަހަރު ނޯރާއަށް އެ ހަރަކާތް ދެނެގަންނަން އިރުގަނޑެއް ނެގިއެވެ.

"އޯކޭކޮށް ދިޔައީ އެކަމަކު ކުޑަކޮށް ވަރުބަލިވި.."ނޯރާ މިފަހަރުވެސް އަތުގެ ހަރަކާތުން ވާހަކަދެއްކިއެވެ." ވަރަށް ނިދި އެބަ އާދޭ..."

ނޯރާއަށް އެ ބަހުރުވައިން އިތުރަށް ވާހަކަ ދައްކަން ނޭގުމުން ސާރާގެ ގާތު އިންތިޒާރުކުރަން ބުނެފައި ނުކުތްގޮތަސް އެނބުރިއައީ ގަލަމަކާއި ނޯޓް ފޮތެއް ހިފައިގެންނެވެ.

"އަހަންނާއި އައިޒަކްގެ ކައިވެނީގެ ވާހަކަ އަޑުއެހިންތަ؟" ނޯރާ އެ ޖުމްލަ ލިޔެފައި ސާރާއަތަށް ނޯޓް ފޮތް ދިނެވެ. އޭނަ ސާރާގެ މޫނުގެ ކުލަވަރު ބަދަލުވެދާނެކަމަށް ހީކޮށް ކަޅިވެސް ޖަހާނުލާ ބަލައިގެން އިންއިރު ސާރާގެ މޫނުމަތީގައިވި ހިނިތުންވުމެއް ފޭދިގެނެއް ނުދިޔައެވެ. އެކުއްޖާގެ ހިތުގައި އޮތީ ކީކޭހެއްޔެވެ؟ ހަގީގަތުގައިވެސް ސާރާ އެކަމާއި ރުހި އުފާވެފައި ބާވައެވެ.

"އަޑުއެހިން. ވަރަށް އުފާވި. އަހަރެން ވަރަށް ރުހޭ ކުއްޖެއް ތީ. ނޯރާ.." ސާރާ ލިޔުނެވެ." ބޭނުންވަނީ އަހަރެމެން ދެމީހުން ރަހުމަތްތެރިންނަށް ވާން.."

ނޯރާގެ ލޮލުން ކަރުނަ ހިލުނެވެ. މިކުއްޖާގެ ހިތް ހާދަ ސާފެވެ. އަދި އެހާ ޅައެވެ. ސާރާ ހަގީގަތުގައިވެސް އައިޒަކްއާއި ރުހޭކަން ނޯރާ ދަނެއެވެ. އެކަމަކު އައިޒަކްގެ އިހުސާސްތައް މުޅިން އިދިކޮޅެވެ. އެކަމުގެ ސަބަބުން ނޯރާ އައިޒަކް ދެކެ ވަކިން ބޮޑަށް ފޫހިވިއެވެ. އަށް މަސްކުރިން އެ އާއިލާއާއި ގުޅުނު ސާރާއާއި ނޯރާގެ ގުޅުން އެގޭ އެހެން އެންމެނަށްވުރަ ބަދަހިވިއެވެ.

"އެއީ އަހަރެމެންގެ ނިންމުމެއް ނޫން. އައިޒަކްގެ މާމަ އެކަން ރޭވީ..." ނޯރާ ލިޔުނެވެ. ނޯރާ އެއްގޮތަކަށްވެސް އައިޒަކްގެ ހިތުގައި އޭނައަށްޓަކާ ވާ ލޯބި ސާރާއަށް އެނގެން ބޭނުމެއް ނޫނެވެ. އަދި މިކަމެއް ފެށީވެސް އައިޒަކް އިސްނަގައިގެން ކަން އެނގެން ނޭދުނެވެ. މި ކުއްޖާގެ ހިތް އޭނަ ފަހަރެއްގައިވެސް ހަލާކުވިޔަ ނުދޭނެއެވެ. އޭނަ އެކަން ޔަގީންކުރާނެއެވެ.

***

ހައިތަމްއަށް ގެއަށް ވަދެވުމާއެކު ސުވާލުކުރީ ދަރިފުޅު އާވާއާއި ބެހޭގޮތުންނެވެ.

"ލޯ ސްކޫލަށްދާން ޕެކްކޮށްފިތަ؟" ކޮޓަރީގެ ބެލްކަނީގައި ހުރެ ސިގްރެޓެއް ރޯކޮށްލަމުން ހައިތަމް ސުވާލުކޮށްލިއެވެ. ލިއާނާ އޭނަގެ އަތަށް ފިތައިލީ ކަންބޮޑުވީވަރުންނެވެ.

"ހައިތަމް. އާވާ ބޭނުމީ އެހެން ރޮގަކުން ކުރިއަށް ދާން.. އެއްގޮތަކަށްވެސް ލޯ ސްކޫލަކަށް ޝައުގެއް ނެތް..."

ހައިތަމް އެނބުރި ބަލައިލީ ބުމަ ކައިރިކޮށް ނިތަށް ރޫ އަރުވައިލަމުންނެވެ.

"ތިބުނީ ކީކޭ؟"

"އާވާއަކީ ކްރިއޭޓިވް ކުއްޖެއްކަން އެނގެއެއްނު. ކުޑައިރުވެސް...ތަންތަން ޑެކަރޭޓްކުރެއެއްނު. އަހަންނަށް ހީވާގޮތުން ބުނީ އިންޓީރިއާ ޑިޒައިނިން އޭ...ހޫމް އެއީ ހަމަ.." ލިއާނާ ބުނެލިއެވެ. ހައިތަމް ހުއްޓުނީ ލިއާނާއާއި ނުރައްކާތެރި ދަރަޖައަކަށް ކައިރީގައެވެ. ރޯކޮށްފައިވާ ސުއްޓާވެސް އަތުގައި އޮތެވެ. މާޒީގެ ހަނދާނެއް އާ ވުމާއެކު ލިއާނާއަށް ބޭ އިޚުތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ.

"ލިއާނާ ދެން ބުނީ ކީކޭ؟"

"އޭނަ ބޭނުން އެއްޗަކުން ކުރިއަށް ދިޔަނުދޭން އުޅެނީ ކީއްވެތަ؟"ލިއާނާ ސުވާލުކުރިއެވެ. ހައިތަމް އޭނަގެ މޫނުގައި ހިފެހެއްޓިއިރު އެ އިނގިލިތައް ތަންކޮޅެއް ބޮޑަށް ހަމަށް ވާންކުރިއެވެ.

"ލިއާނާ. އެއީ މަގޭ ދަރިފުޅު. އެކުއްޖާ ބޭނުންހާ މޮޔަ މާނައެއް ނެތް މަސައްކަތް ވިޔަ ނުދޭނަން. އޭނަ ކުރަން ޖެހޭނީ މުޖުތަމައު ބަލައިގަންނަ ރުހޭ މަސައްކަތެއް. އަހަރެމެން ފަޚުރުވެރިވާފަދަ" ހައިތަމްގެ އަޑު މަޑަސް ހަރުކަށިކަމެއްވިއެވެ.

"އަހަރެން ވާހަކަދައްކާނަން ލިއާނާއަށް އެކަން ނުވަންޏާ.."

"ނޫން. އަހަރެން އޭނައަށް ވިސްނާދޭނަން ހައިތަމް. އަހަންނަށް އެކަން ދޫކޮށްލާ..." އާދޭހުގެ ރާގަކަށް ލިއާނާ ބުނެލައިފިއެވެ.

"މާދަމާގެ ޑިނަރއަށް ތައްޔާރީތައް ކިހިނެއްތަ؟" ހައިތަމް މައުޟޫ އަނބުރައިލުމުން ލިއާނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

***

"ލަވެންޑާ"ގައި އެންމެންވެސް ރޭގަނޑުގެ ސުފުރާ ތައްޔާރުކުރުމާއިގެން ކާކޮޓަރީގައި ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔައެވެ. ތަފާތު ބާވަތްބާވަތުގެ ކާނާ އަޅާފައި ހުރި ތަށިތަކެވެ. ފިހެފައިވާ ސެމަންއެވެ. މޭޝްޑް އަލުތްވެވެ. ގެރިމަހުގެ ބާވަތްތަކެވެ. ސޫޕާއި ތަފާތު ސެލެޑްތަކެވެ. އެންމެން ކާކޮޓަރީގައި ކެއުމަށް އިންސާފު ކުރަން ޖައްސައިލިތަނުން ކުއްލިއަކަށް ޚާދިމާއަކު ތޫނު އަޑަކުން ހަޅޭއްލަވައިގަތުމާއެކު އޭނަގެ އަތުގައި ހުރި ބޯތަށިގޮސް ޖެހުނީ ހައިވަކަރު ތަޅުންމަތީގައެވެ. ޚާދިމާ ބިރުން ސިއްސުވައިލި މަޚުލޫގު ހިނގާފައި ދިޔައީ ބިމަށް ވެރިފައިވާ ސޫޕްތަކުގެ މައްޗަށް ނާރާ ރެކެމުން އެ މަޑުމަޑު މޮށްގަނޑުން މަޑު އަޑެއް އިއްވަމުންނެވެ. ބިރެއް ޖެހިލުމެއްނެތިއެވެ.

"ހޭއި ސިމްބާ..."ކައިލްގެ މޫނު އަލިވެގެން ދިޔުމާއެކު އަތްދިއްކޮށްލީ އޭނަގެ ކަޅުދެލިކޮޅެއްހާ ޕާޝިއަން ބުޅަލާއި ދިމާލަށެވެ. ސިމްބާގެ ފަހަތުން ކައިލްގެ ޕީއޭވެސް ފެނިލިއެވެ. އޭނަ އެއައީ ޖަނަވާރަށް ފަރުވާދޭ ޑޮކްޓަރަށް ސިމްބާ ގެންގޮސްފައެވެ. ކައިލް އޭނައަށް ޝުކުރު އަދާކޮށްފައި ފޮނުވައިލިއެވެ. ޚާދިމާ ބޯ ގުދުކޮށްގެން ހުރެ އެތައްފަހަރު މާފަށް އެދުނުއިރު ކައިލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވީ އޭނަގެ ފަލަބުޅަލަށެވެ. އިސްހާގު އެއީ މައްސަލައެއް ނޫންކަމަށް އަތުގެ ހަރަކާތުން އަންގާ ޚާދިމާ އެތަނުން ދާން އެންގިއެވެ.

ސިމްބާ ފުންމައިގެންގޮސް ކައިލްގެ އުނގުގައި މޮޑެވިގަތީ ބޮޑު ކެހެރި ރަގެއްފަދައިންނެވެ. އަދި ލޯބިން އަޑެއް ލައްވަމުން އެސޮރުގެ މޫނު ކައިލްގެ އަތުގައި ކާއްތަމުން ދިޔައެވެ.

"ކައިލްއަށް އެނގޭތަ؟ ކައިލްގެ ގާލްއެއް ހުރެފައި އެކުއްޖާ ލޯބިވާނަމަ ސިމްބާއާއި ހާދަވަރަކަށް ހަސަދަވެރިވީސް."މިކާލް ހިނިގަނޑެއް ޖަހާލައިފިއެވެ." އަހަރެންވެސް އެހާ ހަސަދަވެރި އެބަވޭ. އަހަރެމެންގެ އެކުވެރިކަމަށް އެތައް ގަރުނެއް ވީއިރު އަދިވެސް އޭގެ ފުރިހަމަގޮތުގައި އަތާ އަތް ޖައްސާ ސަލާމެއްވެސް ނުކުރެވޭ. އައުޗް އިސްހާގު....."

އިސްހާގު މިކާލްގެ އަތުގައި ވިކައިގަތުމުން ލިބުނު ވޭނުން ހަޅޭއްލަވައިގަނެވިއްޖެއެވެ.

"ކާ ގަޑީގައި އެހާ އަނގަތަޅާކަށް ނުވާނެ މިކާލް. ޒާފިރާ އާންޓީ ހިތްހަމައެއްނުޖެހޭނެ. ދެކެބަލަ.ކާގަޑީގައި ވާހަކަދެއްކުމަކީ އާންޓީ ރުހޭކަމެއްނޫން...."އިސްހާގު އޮރެންޖް ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ. މިކާލް އެދިމާލަށް ނަޒަރު ހުއްޓައިލިއިރު ޒާފިރާ ތަރުކާރީ ސޫޕް ސަމުސަލަކުން ފަހަރަކު އެތިފޮދެއް ބޮމުން ދިޔައީ ހިމޭންކަމާއެކުގައެވެ. ލޯ ފަންކަމުގައި ވިޔަސް އޭނަގެ އެހެން ހިއްސުތައް ރަގަޅެވެ. އެހެންމީހުން އެހީތެރިވުމުން އަމިއްލަ ބަލިކަށިކަން ބޮޑަށް އިހުސާސްވާތީ އޭނަ އެގޮތެއް ނޭދެއެވެ. ކިތަންމެ ލަހުން ކަމުގައިވިޔަސް ޒާފިރާ ކައިބޮއި ހަދަނީ އަމިއްލަ އަތުންނެވެ. ފަރުވާތެރިކަމާއި ސާފުތާހިރުކޮށެވެ. މަދުފަހަރެއްގައި ސޫޕްފޮދެއް ދަތްދޮޅިން ތިކިތަޅައިލިނަމަވެސް ފޮތިކޮޅުން ފޮހެލަނީ އެހާ ނަލަކޮށެވެ.

"ހޭއި ސިމްބާ.." މިކާލް ސިމްބާއާއި ތޮޅެލުމުން ސިމްބާވެސް ސަމާސާކުރުމުގެ ބަދަލުގައި ހިތްހަމަނުޖެހިފައި ގޮތަކަށް އޮތެވެ. އަދި ކަންނެތްކޮށް އާފުރިލާފައި އަދިވެސް ރަގަޅަށް ކައިލްގެ އުނގުގައި ހަމަޖެހިގަތެވެ. އަދި ލޯ މަރާލައިފިއެވެ.

"ސިމްބާވެސް މިކާލް އިނީމަ ނުރުހިފައި.." ކައިލް ސިމްބާގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމަމުން ދިޔައެވެ. ކެއުމަށްފަހު ކައިލް އެ ބޮޑު ބުޅާ ކޮނޑުމައްޗަށް ލީ ޒީނަތްތެރިކުރެވިފައިވާ ބޮޑު ކެހެރިގަނޑެއް ހެންނެވެ. އަދި ބޮޑު ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ޒާފިރާ ނިދަން ކޮޓަރިއަށް ވަންއިރު ކައިލް މިކާލްއާއި އިސްހާގާއިއެކު ބޮޑުކޮޓަރީގައި އެތައް ދަމެއްވާންދެން ވިޔަފާރިއާއި ބެހޭގޮތުން ވާހަކަދެއްކުމުގައި ވަގުތުހޭދަކުރިއެވެ. ކައިލް އެދެމީހުންނަށް އަޖައިބުވެ ސިހޭވަރުގެ ޚަބަރެއްވެސް ދިނެވެ. އޭނަ ވިންޓަރފެލްގައި އޮތް ހަފްލާއަށް ހާޟިރުވާނެކަމުގައެވެ.

"ޔަގީންތަ؟" އިސްހާގު ބުމަ އަރުވައިލަމުން ސުވާލުކުރިއެވެ. ކައިލް މީހުންނާއި ޖަމާއަތްތަކާއި ދުރުވާންވެގެން ބައްދަލުވުންތަކަށް ނުދާ ކަމާއި އިވެންޓްތަކަށް ހާޟިރުނުވާކަން އެންމެ ރަގަޅަށް އެނގޭ އެކަކީ އިސްހާގުއެވެ. ކައިލް ވިންޓަރފެލްގައި އޮތް ހަފްލާއަކަށްދާން އެއްބަސްވިކަމީ ހައިރާންވާވަރުގެ ކަމެކެވެ. ސަބަބަކީ އެތައް ބަޔަކަށް ދައުވަތުދީގެން ވަރުގަދަ ޕާޓީތައް ބޭއްވުމަށް ވިންޓަރފެލް މަޝްހޫރުކަމުންނެވެ.

"އެހާ ރަގަޅު އޮފާއެއް ދޫކޮށްލުމަކީ ފުދޭވަރެއްގެ އަދަބެއްނެތް ކަމަކަށް ނުވާނެތަ އިސްހާގު؟" ކައިލް ސިމްބާ އުރާލައިގެން ތެދުވުނެވެ. އިސްހާގުއާއި މިކާލް އެކަކު އަނެކަކަށް ހައިރާންކުރުވަނިވި ނަޒަރަކުން ބަލައިލިވަގުތު މިކާލް ކޮނޑު އަރުވައިލިއެވެ. އެދެމީހުން ކުރެ އެކަކަށްވެސް ނޭގުނީ ކައިލް އެ ހަފްލާއަށް ދާން ނިންމި މަގުސަދެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު