ސިޔާސީ މަޤާމުތަކާ މެދު މަވޯޓާގެ ވާހަކައާ ގުޅިގެން ބަހެއް

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

ޒަމާނީ ޖުމްހޫރީ ވެރިކަމެއްގެ އެންމެ މުހިއްމު އެއް އަސާސަކީ، ދައުލަތުގެ ދުސްތޫރީ ގުނަންތަކުގެ ތެރޭގައި ރައްޔިތުން ތަމްސީލު ކުރާ، ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެން ވާ ގުނަނެއް އޮތުމެވެ. ދިވެހިރާއްޖޭގެ ދުސްތޫރުން ރައްޔިތުންގެ މަޖިލިހޭ ކިޔާ ތަނެއް އުފައްދައި ޤާއިމު ކޮށްފައި ވަނީ އެ މަފްހޫމުގެ ދަށުން ކަމަށް ބުނެއެވެ. ރާއްޖޭގައި ރައްޔިތުންގެ މަޖިލިސް އެންމެ ފުރަތަމަ އުފެއްދުނީ 1932 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ޢަމަލު ކުރެވޭން ފެށި، ދިވެހި ދައުލަތުގެ ފުރަތަމަ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާއިންނެވެ. އެ މާއްދާއިން އެނގޭ ގޮތުގައި، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލިހެއް ޤާއިމު ކުރެވުނީ ޖުމްހޫރީ ފަލްސަފާގެ ދަށުންނެވެ. ޖުމްހޫރިއްޔަތުގެ އުޞޫލުތަކުގެ ދަށުންނެވެ.

ޖުމްހޫރީ ނިޒާމެއްގައި، ރައްޔިތުންގެ މަންދޫބުންގެ މައްޗަށް އެކުލެވިފައި އޮންނަ ތަޝްރީޢީ ނުވަތަ އިސްތިޝާރީ މަޖިލިހެއްގައި ތިބޭ ރައްޔިތުންގެ މަންދޫބުންނަކީ ޚާދިމުންތަކެކެވެ. ރައްޔިތުންގެ ޚާދިމުންތަކެކެވެ. ރައްޔިތުންގެ ފަރާތުން ބަސް ބުނުމަށް ޓަކައި އަމާނާތްތެރި ކުރެވިފައި ވާ ވަކީލުންތަކެކެވެ. ސިޔާސީ ވަކި ފިކުރެއް ގެންގުޅޭ ޕާޓީއަކަށް އެމީހުން ނިސްބަތް ވިޔަސް، ނުވަތަ ނުވިޔަސް ވެހެވެ. ހުރިހައި ޙާލަތުތަކެއްގައިމެ، ރައްޔިތުންގެ މަންދޫބުންގެ ސާހިބަކީ، ވެރިޔަކީ، އަދި އެމީހުން ތެދުވެރި ވެ އަމާނާތްތެރި ވާން ޖެހޭ ފަރާތަކީ ރައްޔިތުންނެވެ. ރައްޔިތުންނަށް ވުރެ އެމީހުންނަށް އިސް ވެގެން ވާނޭ ހަމައެކަނި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ. ﷲ ތަޢާލާ އާއި އެކަލާނގެ ދީނުގައި ވަނީ ރައްޔިތުންގެ މަޞްލަޙަތުތަކާއި ހެޔޮ ކަންކަން ރައްކައުތެރި ކުރުން ކަމަށް ވާތީ، މިއީ ފުށުއަރާނޭ ކަންކަމެއް ނޫނެވެ. އެއްވެސް ޙާލަތެއްގައި، ރައްޔިތުންގެ މައްޗަށް، އެމީހުންގެ މަންދޫބަކު ސިޔާސީ ޕާޓީއެއް އިސް ކޮށްގެން ނުވާނެއެވެ. ސިޔާސީ ގޮތުން ތިމާ ތަބަޢަ ވާ ލީޑަރު އިސް ކޮށްގެން ނުވާނެއެވެ. އަމިއްލަ ޒާތީ މަޞްލަޙަތުތައް އިސް ކޮށްގެނެއް ނުވާނެއެވެ. ތިމާގެ ރައްޓެހި ރަޙުމަތްތެރީންނާއި ގާތްތިމާގެ މީހުންގެ އަމިއްލަ މަޞްލަޙަތުތައް އިސް ކޮށްގެނެއް ނުވާނެއެވެ.

އެހެން ނަމަވެސް، ޖުމްހޫރީ ރައްޔިތުންގެ މަޖިލިހެއް ދިވެހިރާއްޖޭގައި ޤާއިމު ކުރެވުނުތާ ޤަރުނެއް ފުރޭން ކައިރި ވެފައި ވާ އިރު، އަޅުގަނޑުމެންގެ ތެރެޔަކު ޖުމްހޫރިއްޔަތުގެ ޙަޤީޤީ އުޞޫލުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލިހެއް ޤާއިމު ވުމުގެ ކުލައެއް ލިސާނެއް ވިޔަސް ނުފެނެއެވެ. އެއާ ޚިލާފަށް، ކަންކަން ދަނީ ގޯހުން ގޯހަށެވެ. ނުބައިން ނުބަޔަށް ކަންކަން ފުރޮޅެމުން އައިސް، މިހާރު މި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިހަކީ، ދިވެހި ތާރީޚުގައި ވެސް ފެނުނު ޖުމްހޫރިއްޔަތާ އެންމެ ދުރު، އެންމެ ޚުދުމުޚްތާރު، އެންމެ އަނިޔާވެރި، ސިޔާސީ ލީޑަރުންނާއި ބާރުވެރީންގެ މަޞްލަޙަތުތަކުގެ ޙިމާޔަތުގައި އެންމެ ބޮޑަށް މަސައްކަތް ކުރާ، އަދި ދިވެހި ޤައުމާއި ދިވެހި ޤައުމިއްޔަތަށް އެންމެ ކުލުނު ކުޑަ އަދި އެންމެ ޚިޔާނާތްތެރި އެއް މަޖިލިސް ކަމަށް ދަންނަވާން ޖެހެއެވެ. މި ބަހުގެ ކުދިބޮޑު ހެކި، މަޖިލިހުގެ ކޮންމެ ޖަލްސާއެއްގައި ހެން އެކިއެކި މެންބަރުންގެ ވާހަކަތަކާއި ޢަމަލުތަކުން ފެނެއެވެ.

މިގޮތުން އެންމެ ފަހުން ފެނުނު ކަމަކީ، ދިވެހި ސަރުކާރުގައި ހުރި ސިޔާސީ މަޤާމުތަކުގެ ދިފާޢުގައި ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު މަވޯޓާ އިބްރާހީމް ޝަރީފު ދެއްކެވި ވާހަކައެވެ. ސަރުކާރުގެ އެކިއެކި އޮފީސްތަކާއި އިދާރާތަކުގައި ހާހަކަށް ސިޔާސީ މަޤާމު އޮތް އިރު، މީގެ ތެރެއިން ދައުލަތަށް ޙަޤީޤަތުގައި ބޭނުން ވަނީ، މި ކޮލަމުގައި އަޅުގަނޑު މީގެ ކުރީން ޝާއިޢު ކުރި ލިޔުމެއްގައި ވެސް ދެންނެވި ފަދައިން، 250 ވަރަކަށް މަޤާމެވެ. ބާކީ 750 ވަރަކަށް މަޤާމަކީ ދައުލަތަށް ބޭނުމެއް އަދި ފައިދާއެއް ނެތް ގޮތުގައި، ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއްގެ ގޮތުގައި ވަޒީފާ ދިނުމުގެ ގޮތުން އުފެއްދިފައި ވާ މަޤާމުތަކެވެ. ސަރުކާރުގެ ވެރީންގެ ގާތްތިމާގެ މީސްމީހުންނާއި އެކުވެރި ރަޙުމަތްތެރީން އަދި ސަރުކާރު ހިންގާ ޕާޓީގެ ބޮޑުންނާއި މުޙައްރިކުން ނުވަތަ އެކްޓިވިސްޓުންނަށް ދައުލަތުގެ ޚަޒާނާއިން ބައި އެޅުން ފިޔަވައި އެހެން އެއްވެސް ނަތީޖާއެއް ނުނުކުންނާނޭ ގޮތުން، އުފެއްދިފައި ވާ މަޤާމުތަކެވެ. އެ މަޤާމުތަކުގައި ތިބީ ވެސް، ދައުލަތަށް އެއްވެސް ފައިދާއެއް ނުކުރާ ގޮތެއްގައި ތިބި މީހުންނެވެ.

ދައުލަތަށް ބޭނުމެއް އަދި ފައިދާއެއް ނެތް ގޮތުގައި ވަޒީފާ ދީފައި ތިބި މީހުންނޭ މި ދަންނަވަނީ ކީއްވެގެންތޯ، މިއީ ކިޔުންތެރީންގެ ހިތްޕުޅުތަކުގައި އުފެދިދާނޭ ސުވާލެކެވެ. މި ސުވާލަށް އަޅުގަނޑު މި މައުޟޫޢުގައި ކުރީން ލިޔުނު ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނޭ ކަމަށް ދެކެމެވެ. މަތީގައި އޮތް ޕެރެގުރާފުގައި އެ ލިޔުމަށް ލިންކު ދެވިފައި ވާނެއެވެ. ދެން، މި ތަނުގައި އިތުރު މިސާލަކުން، ކުރު ގޮތަކަށް، އެ ސުވާލާ މެދު އެއްޗެއް ދަންނަވާނަމެވެ.

ދިހަ މީހުންނަށް ކެއްކުމަށް ޓަކައި ރެސްޓޯރެންޓެއްގެ ބަދިގޭގައި މަސައްކަތް ކުރާން ބޭނުން ވަނީ ޝެފަކާއި އޭނާގެ އެހީތެރީންގެ ތިން މީހުން ކަމަށް ވަންޏާ، އެ ޢަދަދަށް މުއައްޒަފުން ތިއްބައި އޭގެ އިތުރުން ބަދިގެއަށް ރެސްޓޯރަންޓުގެ މެނޭޖަރުގެ ގާތް ރައްޓެހީންނާއި ޢާއިލާ މީހުންގެ ތެރެއިން، އިތުރު ދިހަ ބާރަ މީހުން ބޮޑު މުސާރަ ލިބޭ މުއައްޒަފުންގެ ގޮތުގައި ލުމުން، އެ އުފެދެނީ މި ދަންނަވާ ޙާލަތެވެ. މި ޙާލަތުގައި، ރެސްޓޯރަންޓުގައި އިތުރަށް ތިބޭ މީހުންނަކީ ތަނަށް ބޭނުންތެރި ބައެއް ނޫނެވެ. ތަނަށް އެމީހުންގެ ފަރާތުން ކުރާނޭ ފައިދާއެއް ވެސް ނޯންނާނެއެވެ. އެއާ ޚިލާފަށް، އެމީހުންގެ ސަބަބުން، ތަނުގެ ޙަޤީޤީ މުއައްޒަފުންނަށް ވާނީ ތުރާލެވެ. ޖެހޭނީ އުނދަގުލެވެ. ތަނުގެ މަސައްކަތު މާޙައުލުގައި ނުކުންނާނީ އިތުރު މައްސަލަތަކެވެ. ބޭނުމެއް ނެތި ލެވުނު "މުއައްޒަފުންނަށް" ދެވޭ މުސާރަ އާއި ފޯރު ކޮށްދެވޭ އެކިއެކި ވަސީލަތްތަކާއި އެމީހުން ބޭނުން ކުރާ ކަރަންޓާއި ފެން ފަދަ ޚިދުމަތްތަކުގެ ސަބަބުން، ތަނުގެ ޚަރަދުތައް ވާނީ އެތައް ގުނައެއް އިތުރެވެ. ތަނުގެ ފައިދާ ދާނީ ދަށަށެވެ. އޮޅުމެއް ނެތް ގޮތުގައި، މިފަދަ ޙާލަތެއްގައި، ހަމައެކަނި ފައިދާ ލިބޭ ބަޔަކީ އެއްކަލަ މެނޭޖަރާއި، މުއައްޒަފުންނޭ ކިޔައިފައި އޭނާ ތަނަށް ވައްދައިގެން، ތަނަށް ލިބޭ އެއްޗެއްގެ ބޮޑު ބައެއް މުސާރައޭ ކިޔައިފައި އެ ބަޔަކަށް ދޭ އޭނާގެ ގާތް މީހުންނެވެ. ރެސްޓޯރަންޓުގެ ވެރިޔާއަށް ލިބޭނީ ގެއްލުމެވެ.

ބޭނުމެއް ނެތް ސިޔާސީ މަޤާމުތަކުގެ ސަބަބުން ދިވެހި ދައުލަތަށް ލިބެމުން ދާ ގެއްލުން، މި ދެންނެވި މިސާލުގެ އަލީގައި ދެނެގަނެވެއެވެ. އެ މަޤާމުތަކުގެ ސަބަބުން ފައިދާ އާއި މަންފާ ލިބެނީ ހަމައެކަނި ބާރުގައި ތިބޭ މީހުންނާއި، ބާރުވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއަށާއި، އެ މަޤާމުތަކުގައި ތިބޭ މީހުންނަށް ކަން އޮޅުމެއް ނެތި ސާފު ވެއެވެ. އެ މަޤާމުތަކުގެ ސަބަބުން ދިވެހި ދައުލަތަށް ލިބެނީ މާލީ ގޮތުންނާއި އިދާރީ ގޮތުން ނުހަނު ބޮޑު ގެއްލުމާއި ނުޤުޞާންތައް ކަން އެނގޭ މެއެވެ. ޙަޤީޤަތުގައި މި ސިޔާސީ މަޤާމުތަކަކީ ވަކި ބަޔަކަށް ދައުލަތުގެ ޚަޒާނާއިން މަހަކު އެތައް ހާސް ރުފިޔާއަކުން ހަދިޔާ ކުރާ ކުރުމުގައި އަޅުވައިލާ "ޤާނޫނީ މޫނުމައްޗެއްކަން" ވެސް ސާފު ވެއެވެ. ހަމައެހެންމެ، ޟަމީރެއް ހުރި މީހަކަށް ނަމަ، އެ ފައިދާ ލިބޭ މީހުންނަށް އެ ލިބެނީ ނުޙައްޤު، ނާޖާއިޒު، ޙަލާލު ނޫން، ޚިޔާނާތްތެރި ފައިދާއެއްކަން ވެސް ސާފު ވާނެތެވެ.

ނަމަވެސް، ރައްޔިތުންގެ މަންދޫބެއްގެ ގޮތުން، ރައްޔިތުން ތަމްސީލު ކުރެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލިހަށް ވަޑައިގެން ހުންނެވި މަވޯޓާ ޝަރީފަށް މި ޙަޤީޤަތްތައް ފެނިވަޑައެއްނުގަތެވެ. އޭނާ ވިދާޅުވާ ގޮތުގައި، ސިޔާސީ މަޤާމުތަކުގައި ބޭކާރު ގޮތުގައި ތިބި 750 ވަރަކަށް މީހުންނަށް ދައުލަތުގެ ޚަޒާނާއިން އަޅާ ބަޔަކީ "ޢާއިލާތަކަކަށް ދޭ ކުޑަ މުސާރަކޮޅެކެވެ." އޭނާ ވިދާޅުވާ ގޮތުގައި، ސިޔާސީ މަޤާމުތަކުގައި ތިބި މީހުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށް ވާތީ އެމީހުންގެ މުސާރައިން އެއްޗެއް އުނި ކޮށްގެން ނުވަތަ ކަނޑައިގެން ނުވާނެއެވެ. އެމީހުންނަށް އެ ވަޒީފާތައް ޙައްޤުކަމަށް އޭނާ ދެކެވަޑައިގަންނަވާކަން ވެސް ސާފެވެ. ވަރަށް ކޯފާ ވެފައި ހުންނަވައިގެން، ސިޔާސީ މަޤާމުތަކުގެ މުސާރަ ކުޑަ ކުރުމުގެ ވާހަކަ ދައްކަވާ ބެއިފުޅުންނާ މުޚާޠަބު ކުރައްވައި، ތިޔަ ބެއިފުޅުން ތިޔަ އުޅުއްވަނީ ކިހިނެއް ވެގެންތޯއޭ، ކީކޭ ހިތަށް އަރައިގެން ތޯއޭ، މިފަދަ ސުވާލުތަކެއް ވެސް މަވޯޓާ ކުރެއްވި ކަމަށް ޚަބަރުތަކުން ފެނުނެވެ.

ޙަޤީޤީ މިސާލެއްގެ ވާހަކަ ދައްކަމާ ހިންގަވާށެވެ! މަވޯޓާ ޝަރީފުގެ ދަރިކަނބަލުންއަލްއުސްތާޛާ މަރިޔަމް މިޒްނާ ޝަރީފް ޑެޕިޔުޓީ ހައި ކޮމިޝަނަރެއްގެ ގޮތުގައި ސިޔާސީ މަޤާމެއްގައި މަސައްކަތް ކުރައްވާ އިދާރާ ކަމަށް ވާ، މެލޭޝިޔާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި އެއް އިރެއްގައި ތިބީ ހައެއްކަ އަށެއްކަ މުއައްޒަފުންނެވެ. މިހާރު ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބެއިބެއިފުޅުން، އެއިރު އެ ޢަދަދު ވެސް ގިނަ ވެގެން ޓުވީޓުތައް ކުރައްވައިއުޅުއްވިއެވެ. ނަމަވެސް މިހާރު އެތަނުގައި ފަންސަވީހާއި ތިރީހާ ދެމެދުގެ ޢަދަދެއްގެ ދިވެހި މުއައްޒަފުން އެބަތިއްބެވެ. ތަނުގައި ތިބޭ މެލޭޝިޔާ މުއައްޒަފުންގެ އިތުރުންނެވެ. ހައި ކޮމިޝަނުގެ މަސައްކަތްތަކުގެ މިންވަރު އިތުރު ވީތޯއެވެ؟ މެލޭޝިޔާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސަފާރީ ގުޅުންތަކާއި އެހެނިހެން ގުޅުންތަކުގެ ދާއިރާ ފުޅާ ވެގެން ގޮސް، ތިރީހަކަށް މުއައްޒަފުން ތިބުން ޟަރޫރަތަކަށް ވީތޯއެވެ؟ ނޫނެކެވެ! އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ތަނަށް ބޭނުންވާ ހައެއްކަ އަށެއްކަ މުއައްޒަފުންގެ އިތުރުން، ދެން ޢައްޔަން ކުރެވިފައި ތިބި އެންމެންނަކީ ވެސް ސިޔާސީ ގޮތުން މުއައްޒަފުންގެ ހެދުން ލެއްވުނު މީހުންނެވެ. އެ ބަޔަކު ކުރާނޭ އެއްވެސް ޙަޤީޤީ މަސައްކަތެއް ހައި ކޮމިޝަނުގައި ނެތް، އެ ބަޔަކުގެ ފަރާތުން ތަނަށް އެއްވެސް ޚިދުމަތެއް ބޭނުން ނުވާ މީހުންނެވެ. ގާތްގަނޑަކަށް އެ އެންމެންނަކީ ވެސް ތަނަށް ޚިދުމަތެއް ކުރުމުގެ ޙަޤީޤީ ޤާބިލިއްޔަތެއް ވެސް ނެތް މީހުންނެވެ. މި މީސްމީހުންނަށް ޚާރިޖީ ޚިދުމަތުގެ މުއައްޒަފުންނަށް ދެވޭ ބޮޑު މުސާރަ އާއި އިތުރު އެތައް ޢިނާޔަތެއް ދެވި، ކޮންމެ މީހަކަށް ދައުލަތުގެ ބަޖެޓުން މަހަކު ގާތްގަނޑަކަށް ބައިލައްކަ ނުވަތަ އެއަށްވުރެ ވެސް ބޮޑު ޚަރަދެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރެވެމުން މި ދަނީ، ދައުލަތަށް އެއްވެސް ފައިދާއެއް މަންފާއެއް ނެތް ގޮތުގައެވެ.

މި ފެށޭ 2022 ވަނަ އަހަރަށް ހުށައެޅުނު ބަޖެޓުގައި، މެލޭޝިޔާ ހައި ކޮމިޝަނަށް ރިކަރެންޓް ޚަރަދަށް 33 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ވަނީ ހިމަނައިފައެވެ. ހައި ކޮމިޝަނުގައި ތިބި ސިޔާސީ މުއައްޒަފުންގެ ތެރެއިން، އިތުރު ކުރެވިފައި ވާ ނަވާރަ މަޤާމުގެ މުސާރަ އާއި ޢިނާޔަތްތަކަށް މަހަކު މިލިއަނެއް ޚަރަދު ވާނޭ ކަމަށް ބަލަމާ ހިންގަވާށެވެ! އެހެން ބަލާ އިރު، މި ޢަދަދަކީ ދިވެހި ދަރިވަރަކު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ ނުވަތަ ޔުނިވަރސިޓީ އޮފް މެލެޔާ ފަދަ ޔުނިވަރުސިޓީއަކުން، ޤާނޫނީ ދާއިރާ ފަދަ ދާއިރާއަކުން ޕީއެޗްޑީ ފުރިހަމަ ކުރުމަށް ޓަކައި މެލޭޝިޔާއަށް އަނބިމީހާ ނުވަތަ ފިރިމީހާ އާއި އެއް ކުއްޖަކު ގޮވައިގެން އައިސް، ކޯސް ނިމޭންދެން ހުރިހައި ޚަރަދެއް ކުރެވޭހައި ފައިސާއެވެ. ހުރިހައި ޚަރަދެކޭ މި ދެންނެވީ، ދަރިވަރުގެ ކޯސް ފީ އާއި، ދަރިވަރާއި ޢާއިލާގެ މެންބަރުންގެ ވިސާ ފީ އާއި، ދަރިފުޅުގެ ތިން އަހަރުގެ ކިޔެވުމުގެ ހުރިހައި ޚަރަދަކާއި، ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ތިން އަހަރުގެ ކުއްޔާއި، ފޯނާއި ކަރަންޓާއި އިންޓަރނެޓާއި ފެނާއި ކެއިންބުއިމުގެ ހުރިހައި ޚަރަދަކާއި، މުނިފޫހި ފިލުވުމަށް ޓަކައި އާދައިގެ ގޮތެއްގައި ބޭރަށް ނުކުމެލައި އުޅުމަށް ކުރާ ޚަރަދުތައް ވެސް ހިމެނޭ ގޮތުންނެވެ. އެހެންކަމުން، މެލޭޝިޔާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ތިބި ބޭކާރު ސިޔާސީ މުއައްޒަފުން ވަކި ކޮށްފައި، އެމީހުންނަށް ކުރާ ޚަރަދުތައް ދިވެހި ކުދީންނަށް މި ދެންނެވި ފަދަ ސްކޮލަރޝިޕްތަކެއް ދިނުމަށް ޚަރަދު ކޮށްފިއްޔާ، އަހަރަކު ބާރަ ދަރިވަރުންނަށް ދައުލަތުގެ ޚަރަދުގައި ޕީއެޗްޑީއަށް މެލޭޝިޔާގައި ކިޔެވުމުގެ ފުރުޞަތު ދެވޭނެއެވެ. ފަސް އަހަރުގެ ތެރޭގައި ފަސްދޮޅަސް ސްކޮލަރޝިޕެވެ.

މި ޙަޤީޤަތްތަކުގެ ކުރިމަތީގައި މަވޯޓާ ޝަރީފު ފަދަ ބެއިފުޅުން ލޯ މަރުއްވައިލައްވަނީ ކީއްވެގެންތޯއެވެ؟ މި ކަންކަން މިހެން ހުރި އިރު، ސިޔާސީ މަޤާމުތަކަށް ކުރެވެމުން މިދާ ބޮޑު އިސްރާފު ތަބްރީރު ކުރައްވަނީ ކީއް ވެގެން ތޯއެވެ؟ ޖުމްހޫރިއްޔަތުގެ ފިކުރާއި އުޞޫލުތަކުގެ މަތީން، ރައްޔިތުންގެ ޙައްޤުގައިތޯއެވެ؟ ރައްޔިތުންގެ މަންދޫބުންގެ ގޮތުން އަމާނާތާއި ޒިންމާ އަދާ ކުރެއްވުމުގެ މަގުންތޯއެވެ؟ ނުވަތަ އަމިއްލަ ޒާތާއި ގާތްމީހުންނާއި އަނބިދަރީން ރައްޓެހި ރަޙުމަތްތެރީންގެ މަޞްލަޙަތުގައިތޯއެވެ؟

ދައުލަތުގެ ޚަޒާނާ އަކީ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް މުސާރައޭ ކިޔައިގެން ބައި އެޅުމަށް ޓަކައި ޤާއިމު ކުރާ އެއްޗެއް ނޫނެވެ. އެއީ ރައްޔިތުންގެ ޢާއްމު ފައިދާއަށް ޓަކައި އަދި ޤައުމީ ކަންކަމަށް ޚަރަދު ކުރުމަށް ޓަކައި ހުންނަ އެއްޗެކެވެ. އެ ފައިސާއިން ދައުލަތަށް ބޭނުމެއް ނެތް ގޮތުގައި ސިޔާސީ އެކްޓިވިސްޓުންނަށް މުސާރައިގެ ނަމުގައި ބައި އެޅުމަކީ ފައުޅުގައި ރައްޔިތުންގެ ފައިސާ ފޭރުމެވެ. އެއީ، ރައްޔިތުންގެ ޚަޒާނާ އަކީ ވެރީންގެ އަމިއްލަ އެއްޗެއް ކަމަށް، އަދި ވެރީން ހިތުހުރި ގޮތެއް އެއަށް ހެދޭނޭ ކަމަށް ދުށުމުގެ ސަގާފަތުގެ ތެރެއިން ކުރެވޭ ކަންކަމެވެ. ކޮރަޕްޝަން ނުވަތަ ފަސާދައިގެ ވައްތަރުތަކުގެ ތެރެއިން، ޤާނޫނުގެ އަތް ވެސް ނުފޯރާ ޒާތުގެ، އެންމެ ނުރައްކާތެރި އެއް ވައްތަރެވެ.

އެއްވެސް ޝައްކެއް ނެތެވެ. ދައުލަތުގެ ޚަޒާނާއިން މުސާރަ ދެވޭ މުއައްޒަފުން ޢައްޔަން ކުރާން ވާނީ، ޙުކޫމަތުގެ ނިޒާމު ހިންގުމަށް ބޭނުން ވާ މިންވަރަށެވެ. ސަރުކާރުގެ ނިޒާމު ހިންގުމަށް ބޭނުން ވާ މިންވަރަށެވެ. ޚަޒާނާއިން ރައްޔިތުންގެ ތެރެއިން ބަޔަކަށް ނަގުދު ފައިސާގެ ގޮތުގައި އެހީތެރިކަން ފޯރު ކޮށްދެންޏާ، އެ އެހީތެރިކަން ފޯރު ކޮށްދޭން ވާނީ އެފަދަ އެހީ ޙައްޤު ވާ މީހުންނަށެވެ. އަމިއްލަޔަށް ޞިއްޙީ ފަރުވާ ހޯދުމުގެ މާލީ ޤާބިލިއްޔަތު ނެތް ބަލި މީހުންނާއި، އަޅައިލާނޭ މީހަކު ނެތް މުސްކުޅި ފަޤީރުންނާއި، މާލީ ތަނަވަސްކަމެއް ނެތި އެކަނިމާއެކަނި ޢާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އުފުލާން ޖެހިފައި ވާ އެކަނި މައިން އަދި އެކަނި ބަފައިންނާއި، ވަޒީފާއެއް ހޯދާން މަސައްކަތް ކޮށް އެކަމަކު ނުލިބުމުގެ ސަބަބުން ދަތި ޙާލުގައި އުޅޭން ޖެހިފައި ވާ ވަޒީފާ ނެތް މީހުންނާއި، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ތަޢުލީމުން މަޙްރޫމު ވެފައި ވާ ކުދީން ފަދަ ފަރާތްތަކަށެވެ. އެއީ ވެސް، މުސާރައޭ ކިޔައިފައެއް ނޫނެވެ. އެފަދަ އެހީތެރިކަން ފޯރު ކޮށްދޭން ވާނީ، އަދި ރަނގަޅަށް ހިނގާ ޤައުމުތަކުގައި އެފަދަ އެހީތައް ފޯރު ކޮށްދެވެނީ "އިޖުތިމާޢީ ރައްކައުތެރިކަމުގެ" ނިޒާމުތަކުގެ ތެރެއިން ދެވޭ މާލީ އެހީތެރިކަމުގެ ގޮތުގައެވެ.

ކުރީން އަޅުގަނޑު މި މައުޟޫޢުގައި ލިޔުނު ލިޔުމުގައި ވެސް ފާހަގަ ކުރި ފަދައިން، ދިވެހި ސަރުކާރުގައި، ދައުލަތް ހިންގުމުގެ މަސައްކަތްތަކަށް ބޭނުން ވާ ވަރަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރަށް ސިޔާސީ މަޤާމުތައް އެބަހުއްޓެވެ. އެ މަޤާމުތަކަކީ، ޤައުމު ކާ ކަތުރުފަނިތަކަކަށް ވެފައި ވާ އެއްޗެކެވެ. އެއީ އެއްވެސް ގޮތަކުން ދައުލަތަށް ބޭނުން މަޤާމުތަކެއް ނޫނެވެ. އެ މަޤާމުތަކުގައި ތިބި ގާތްގަނޑަކަށް އެންމެންނަކީ ވެސް، އެފަދަ މަޤާމުތަކުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އެއްވެސް ގޮތަކުން ޤާބިލު ވެސް ނޫން މީހުންނެވެ. މި ބަހުގެ ތެދުކަން ދައްކައިދޭ ހެކިތައް އަބަދުމެ ދަނީ ފެންނަމުންނެވެ. އެންމެ ފަހުން ފެނިގެން ދިޔަ ހެއްކަކީ، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުރި އަސްޢަދު ޢަލީ ދިވެހި ޤައުމުގެ މޫނުމަތީގައި ޖެއްސި ހުތުރު ލައްގަނޑެވެ. މީނާ އަކީ ވެސް ސިޔާސީ މީހުންގެ ތައްގަނޑު މޫނުގައި ޖެހިފައި ހުރުމުގެ ސަބަބުން ޤާނޫނުގެ ބާރު އެ ބައެއްގެ މައްޗަށް ނުފޯރާ މީހުންގެ ތެރެއިން މީހެކެވެ. އެންމެ ފަހުން މީނާގެ ފަރާތުން ފެނިގެން ދިޔަ ޢަމަލަކީ، ސްރީ ލަންކާގައި އޮތް ފުޓުބޯޅަ މުބާރާތުގެ މެޗެއްގައި ދިވެހި ޤައުމު ތަމްސީލު ކުރަމުން، ކުޅުމުން ބޭރުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގެ ކަރުގައި އުޅަނބޮށީން ޖަހައި މާރާމާރީ ހިންގުމުގެ ޢަމަލެވެ. މިއީ ޤާނޫނާއި ސުލޫކީ ހަމަތަކާ ޚިލާފަށް މީނާ ކުރަމުން އަންނަ އެތައް ޢަމަލުތަކުގެ ސިލްސިލާއަށް އެންމެ ފަހުން އިތުރު ވި ބޮޅެވެ. އެކަމަކު، އެ މަޤާމެއް އަދާ ކުރުމުގެ ޢިލްމީ ނުވަތަ އަޚްލާޤީ އެއްވެސް ޤާބިލިއްޔަތެއް މީނާގެ ކިބައިގައި ނެތް މަޤާމެއްގައި، ސްޓޭޓް މިނިސްޓަރުކަމުގައި މީނާ ބަހައްޓައިގެން، ދިވެހި ރައްޔިތުންގެ ޚަޒާނާއިން މީނާއަށް މަހަކު ބައިލައްކައެއްހައި ރުފިޔާގެ މުސާރަ ދޭން ރައްޔިތުންނަށް އެބަ ޖެހެއެވެ. ޑިޕްލޮމެޓިކް ދަރަޖައިގެ ޕާސްޕޯޓު ފަދަ ޢިނާޔަތްތައް ދޭން އެބަ ޖެހެއެވެ. އަނެއް ކޮޅުން، ޤައުމު ދެކެ ލޯބި ވާ، ޤައުމުގެ އަބުރު ހިފެހެއްޓުމަށް ޓަކައި އިޚްލާޞްތެރި ގޮތެއްގައި މަސައްކަތް ކުރާ، ޤައުމަށާއި ޤައުމިއްޔަތަށް ޚިދުމަތް ކުރާ، އަދި ޤާބިލު ދިވެހި އެތައް ދަރީންނެއް ތިބީ ވަޒީފާ ނެތިފައި ބޭކާރު ވެފައެވެ. ނިކަމެތި ކޮށްލެވިފައެވެ. ކަންކަން މިހެން އޮތުމުން، ޤައުމާ މެދު ޤައުމުގެ ދަރީން ފޫހި ވުމާއި، ޤައުމަށް ޚިދުމަތް ކުރުމުގެ އިރާދާ ބަލިކަށި ވުމާއި، ޤައުމަކީ އެއްވެސް ޢަދުލުވެރިކަމެއް، ހަމައެއް، ގޮތެއް، ފޮތެއް، އުޞޫލެއް ނެތް ތަނެއް ކަމުގެ ޤަބޫލުކުރުން އިތުރަށް ވަރުގަދަ ވެ، ޤައުމަށް ތެދުވެރި ގޮތުގައި ޚިދުމަތް ކުރުމަކީ ބޭކާރު އަދި މާނައެއް ނެތް ކަމެއް ކަމަށް އެމީހުންނަށް އިތުރަށް ޤަބޫލު ކުރެވުން ފިޔަވައި ނުކުންނާނީ ކޮން ނަތީޖާއެއްތޯއެވެ؟

މަވޯޓާ ޝަރީފުގެ ބަހުގައި، ބޭކާރު ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަން ކޮށްގެން އެމީހުންނަށް ބޮޑު މުސާރަ ދޭ ދިނުން، އެމީހުންނަކީ ދިވެހި ރައްޔިތުން ކަމަށް ވުމުގެ ސަބަބުން ތަބްރީރު ކުރެވޭ ކަހަލައެވެ. އެހެންވިއްޔާ، ދިވެހި ހުރިހައި ރައްޔިތުންނަށް ސިޔާސީ މަޤާމުތައް ދޭން ވީ ނޫންތޯއެވެ؟ ނުވަތަ، ޤައުމުގައި ތިބި ފަޤީރު، ނިކަމެތި، މިސްކީނު ޢާއިލާތައް ބަލައިފައި، އެ ޢާއިލާތަކުގެ މެންބަރުންނަށް ސިޔާސީ މަޤާމުތައް ދީގެން، މުސާރަ ދޭން ވީ ނޫންތޯއެވެ؟ ހަމަ ޔަޤީނުން، އަސްޢަދު ޢަލީ ފަދަ މީހުންނަށް ސިޔާސީ މަޤާމުތައް ދީގެން އެމީހުންނަށް ދައުލަތުގެ ޚަޒާނާއިން ބައި އެޅުމަށް ވުރެ، އެ ގޮތް ރަނގަޅެވެ!

ސިޔާސީ މަޤާމުތަކާ މެދު ކުރާން ޖެހޭ ކަމަކީ، އެ މަޤާމުތަކުގެ މުސާރަ ކުޑަ ކުރުމެއް ނޫނެވެ. ދައުލަތުގެ ނިޒާމުގައި ސިޔާސީ މަޤާމު އުފެއްދުމަކީ ތަޢައްޞުފީ ގޮތެއްގައި، އާރބިޓްރަރީ ގޮތެއްގައި، އެ ވަގުތަކު ބާރުގައި ތިބި ބަޔަކު ހިތުހުރި ގޮތަކަށް ކުރާ ކަމެއް ކަމުގެ ސަގާފަތަށް ނިމުމެއް ގެންނާން ވީއެވެ. ސިޔާސީ މަޤާމުތަކަށް މީހުން ޢައްޔަން ކުރެވޭނޭ ހަރުދަނާ އުޞޫލުތަކެއް ކަނޑައަޅާން ވީއެވެ. އެ މަޤާމުތަކަށް ޢައްޔަން ކުރެވޭ މީހުންގެ ކިބައިގައި ހުންނާން ޖެހޭ ޢިލްމީ، ފަންނީ، އަދި ސުލޫކީ ޝަރުޠުތައް ކަނޑައަޅާން ވީއެވެ. ދައުލަތުގެ ނިޒާމަށް ބޭނުން ވާ ވަރަށް ވުރެ ގިނައިން ސިޔާސީ މަޤާމު އުފައްދައިގެން، ވެރިކަމުގައި ތިބޭ ބަޔަކުގެ ގާތްތިމާގެއިން ރައްޓެހީންނާއި ވެރިކަން ކުރާ ޕާޓީގެ އެކްޓިވިސްޓުންނަށް ޚަޒާނާއިން ބައި އެޅުމުގެ ވަސީލަތަކަށް އެ މަޤާމުތައް ހެދުމުގެ ދޮރު ބަންދު ކުރާން ވީއެވެ. މިހާރު ތިބި ސިޔާސީ މަޤާމުތަކުގެ ތެރެއިން، ދައުލަތަށް ބޭނުން ނެތް 750 ވަރަކަށް މަޤާމު އުވައިލައި، އެ މަޤާމުތަކުގައި ތިބި މީހުން ވަގުތުން ވަގުތަށް އެ މަޤާމުތަކުން ވަކި ކުރާން ވީއެވެ. ވަކި ކުރުމުން އެމީހުންގެ ޢާއިލާތަކަށް ދައުލަތުން ލިބޭ މުސާރަ ހުއްޓުމަކީ، އެމީހުންނަށް ލިބޭ ނިކަމެތިކަމެއް ނޫނެވެ. އެހެނެއް ނޫނެވެ! އެމީހުން ޖެހެނީ ނުޙައްޤު ގޮތުގައި، ނާޖާއިޒު ގޮތުގައި، ޤައުމަށް ފައިދާއެއް އަދި މަންފާއެއް ނެތް ގޮތުގައި އެމީހުން ތިބި ވަޒީފާތަކުން ވަގުތުން ވަކި ކުރާށެވެ! ރައްޔިތުންގެ ޚަޒާނާއިން ނުޙައްޤު މުސާރަ ކެއުމުގެ ބަދަލުގައި، ހެޔޮ ގޮތުގައި މަސައްކަތް ކޮށްގެން ދިރިއުޅުމަކީ އެމީހުން ވެސް، އަދި އެހެން ދިވެހި ރައްޔިތުން ވެސް ހިނގާން އޮތް މަގެވެ. ޢަދުލުވެރި މުޖުތަމަޢެއް ބިނާ ކުރެވޭނޭ ގޮތަކީ މިއެވެ. ހެޔޮ ޤައުމެއް ބިނާ ކުރެވޭނޭ ގޮތަކީ މިއެވެ.

ފަހު ބަހެއްގެ ގޮތުގައި ދަންނަވައިލާން ބޭނުން ވާ ވާހަކައެއް އެބައޮތެވެ. މިއީ ވަކި ސަރުކާރަކާ މެދު ދައްކާ ވާހަކައެއް ނޫނެވެ. 2008 ގެ ފަހުން ދިވެހިރާއްޖެއަށް އައި ކޮންމެ ސަރުކާރެއްގައި ވެސް، ދައުލަތަށް ބޭނުން ވާ ވަރަށް ވުރެ އިތުރަށް ސިޔާސީ މަޤާމުތަކުގައި މުއައްޒަފުން ގެންގުޅުނެވެ. އެހެންކަމުން، ވަކި ސަރުކާރެއް ކުށްވެރި ކުރުމުގެ ނިޔަތެއް ނެތި، މި ވާހަކަ މި ދަންނަވަނީ ޤައުމުގެ ޙައްޤުގައެވެ. ދިވެހި ޤައުމާ ޖަހައިގެން ދުނިޔެ ކެއުމުގެ ފުރުޞަތު އެކަކަށް، އެއް ބަޔަކަށް ވެސް ދީގެން ނުވާނެޔޭ ދެންނެވުމުގެ ގޮތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް