ލުތުފަރު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ބިދޭސީ އަކު މަރުވެއްޖެ

މާލޭ ޖަލު: ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މިއަދު ވަނީ މަރުވެފައި ---ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ށ. ޅައިމަގު "ކުރިމަގު" ބޯޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައިވަނީ, ލުތުފަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އެމްޑީ އަކްތަރު ހޮސައިން (50 އަހަރު) އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ, އެނގިހުރެ ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ކަރެކްޝަނުން ބުނީ އަކްތަރު މަރުވެފައިވަނީ, ރޭ ފަތިހި ގޮޅީތެރޭ ތާސްކުޅެން އިންދާ މެއަށް ތަދެއް އަރައި، ނޭވާލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.

"އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުންކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި," ކަރެކްޝަނުން ބުންޏެވެ.

އަކްތަރުގެ އިތުރުން އެ މައްސަލަގައި ދެން ދައުވާ އުފުލާފައިވަނީ, އަލަމިންއާއި ނޫރުލް އިސްލާމް ސަރުކާރުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެނގިހުރެ ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ލުތުފަރު މަރާލާފައިވަނީ އޭނާ އެއްޖިއްސުން ގުޅުން ހިންގަން މަސައްކަތް ކުރިކަމަށް ބުނެއެވެ.

ލުތުފަރު މަރާލީ ކަމަށް ތިން މީހުންވެސް ތަހުގީގުގެ މަރުހަލާގައި އެއްބަސްވެ އެކަން ހިނގިގޮތް ކިޔައިދީ އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވީނަމަވެސް ޝަރީއަތުގައި އެކަމަށް ތިން މީހުންވެސް އިންކާރުކުރިއެވެ.

ތަހުގީގުގައި އެއްބަސްވީ އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ވެސް އެމީހުން ބުނެއެވެ.

comment ކޮމެންޓް