ކަމީލާ ކެބޭލޯ އާއި ޝޯން މެންޑަސްގެ ލޯބީގެ ގުޅުން ނިމުމަކަށް

ހޮލީވުޑްގެ މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމުގައިވާާ ޝޯން މެންޑަސް އާ ކަމީލާ ކެބޭލޯގެ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ ---

ހޮލީވުޑްގެ މަޝްހޫރު ދެ ލަވަ ކިޔުންތެރިން ކަމުގައިވާާ ޝޯން މެންޑަސް އާ ކަމީލާ ކެބޭލޯގެ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެއެވެ.

މީގެ އަށް ގަޑިއިރު ކުރިން އެ ދެ މީހުންގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވަނީ އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ ކުރިން އެންމެ ގާތް ދެ ރަހުމަތް ތެރިންގެ ގޮތުގައި ތިބެފައި ކަމުން ދެން ވެސް އެގޮތުގައި ދެމި ހުންނާނެ ކަމަށެވެ.

މި ގުޅުން ނިމުމަކަށް އައި ނަމަވެސް އަދިވެސް ދެ މީހުންގެ ދެމެދު އޮތް ލޯތްބަށް ބަދަލެއް ނާންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ދެ މީހުންގެ ސަޕޯޓަރުން އެ ދެމީހުންގެ ގުޅުމަށް ދިން އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޝޯން އަދި ކަމީލާގެ އިންސްޓަގްރާމް ސްޓޯރީ ---

ކަމިލާ އާއި ޝޯން މެންޑަސް ލޯބީގެ ގޮތުން ގުޅުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މި ގުޅުމަށް ބައެއް މީހުންގެ ފާޑު ކިޔުން އަމާޒުވި ނަމަވެސް އެ ދެ މީހުންގެ ގުޅުން މިއަދާ ހަމައަށްވެސް އޮތީ ވަރުގަދަ ކޮށެވެ.

މީގެ ކުރިން ޝޯން ދީފައިވާ އިންޓަވިއުއެއްގައި ކަމީލާ އަކީ އޭނާގެ އެންމެ ފަހުގެ ބައިވެރިޔާ ތޯ އެހުމުން އޭނާ ބުނީ އެންގޭޖް ކޮށް ކައިވެނި ކުރުމަށް ވިސްނާ ކަމަށެވެ.

މި ދެ މީހުންނަކީ 2015 ވަނަ އަހަރުން ފެށިގެން އެންމެ ގާތް ރަހުމަތްތެރިންނެވެ.

މީގެ ދެ އަހަރު ކުރިން ދެ މީހުން އެކުގައި ލަވައެއްވެސް ވަނީ ނެރެފައެވެ. މި ލަވަ ވެގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަމީލާ އަދި ޝޯންގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލުވެގެން ދިޔަ ލަވަ އަކަށެވެ. މިހާތަނަށް މި ލަވައަށް ޔޫޓިއުބުގައި 1.3 ބިލިއަން ވިއުޒް ވަނީ ލިބިފައެވެ.

މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝޯން މެންޑަސް ވަނީ 2014 ވަނަ އަހަރުން ފެށިގެން 122 އަށްވުރެ ގިނަ އެވޯޑު ހާސިލް ކޮށްފައެވެ. ކަމީލާގެ ގިނަ ލަވަތަކެއް ނެރިފައިވާއިރު އޭނާއަށް ވަނީ މިހާތަނަށް 9 އެވޯޑު ހާސިލް ކޮށްފައެވެ.

comment ކޮމެންޓް