ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގަނީ

ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭގޮތުން ސޮއިކުރުން -- ފޮޓޯ/ ކަރެކްޝަނަލް ސާވިސް

ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭގޮތުން މޯލްޑިވްސް ކަރަކެޝަނަލް ސާވިސްއާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެއް އަހަރުގެ މުއްދަތަކަށް ގައިދީންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގާނެއެެވެ. އެ މަސައްކަތް ކުރާނީ ކަރެކްޝަންސްގެ ޑޮކްޓަރުންނާއި ނަރުހުންނެވެ. އެ މީހުންގެ އިތުރުން ކަރެކްޝަންސްގެ ކައުންސިލަރުންނާއި، ޕްރިޒަން އޮފިސަރުންގެ އިތުރުން ކޭސް ވޯކަރުން ވެސް އެ މަސައްކަތުގައި ބައިވެރިވާނެއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން ކަރެކްޝަންސްއިން ބުނީ ރިހެބިލިޓޭޝަން ޕްރޮގްރާމް ނިމުމުން އާފްޓާ ކެއާ ދިނުމާއި އެ މީހުން މުޖުތަމައުއަށް ނެރެ މޮނީޓަރުކުރުމުގެ މަސައްކަތް ވެސް ކުރާނެކަމަަށެެވެ. އަދި އެ ފަދަ އުސޫލުތައް ވެސް ކަނޑައަޅަން ބާރު އަޅާކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދެވެ. އެއްބަސްވުމުގައި ކަރެކްޝަންސްގެ ފަރާތުން ސޮއިކޮށްފައިވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅެވެ. އެންޑީއޭގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ތަނުގެ އެކްޓިން ސީއީއޯ މުހައްމަދު ރަމީޒެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގެ ޖަލުތަކުގައި ގައިދީންގެ ގޮތުގައި ތިބި ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަަލަތަކުގައި ޖަލުގައި ހުކުމް ތަންފީޒުކުރާ މީހުންނެވެ. އެގޮތުން މި އަހަރުގެ މިދިޔަ މަހާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި 184 މީހަކު ޖަލަށް ލައިފައިވެއެވެ.

މަސްތުވާތަކެތީގެ މީހުންނަށް ފަރުވާ ދިނުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުން އެންޑީއޭގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ.

ޖަލުގެ އާބާދީގެ ބޮޑު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއްކަން އެނގިފައިވާއިރު، މި ޕްރޮގްރާމަކީ އެމީހުން ޖަލުގައި ބައިތިއްބައިގެން ފަރުވާދިނުމުގެ ޕްރޮގްރާމެކެވެ.

އެގޮތުން، ފަރުވާގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ޑިޓޮކްސިފިކޭޝަން ނުވަތަ ހަށިގަނޑުން މަސްތުވާތަކެތީގެ ވިހަ ފިލުވާނީ ޖަލުގައި ހުކުމް ތަންފީޒްކުރާ މުއްދަތުގައެވެ. މިކަމަށްޓަކައި، މާފުށީ ޖަލުގައި ވަނީ ހާއްސަ ކްލިނިކެއް ވެސް ގާއިމުކޮށްފައެވެ.

މި އެއްބަސް ވުމުގައިވާ މުހިއްމު ނުކުތާތަކުގެ ތެރޭގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ލިޔެކިއުން ބަދަލުކޮށް، އެއްބަސްވެވޭ މުއްދަތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.

މުއްދަތު އިތުރު ކުރެވޭނީ އިތުރު ކުރާ ކޮންމެ ފަހަރަކު ވެސް މީލާދީ ގޮތުން 12 މަސް ދުވަހަށެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު މަސައްކަތް ހިނގާ ދިޔަގޮތް މުރާޖާ ކުރެވޭނެއެވެ. މުއްދަތުން ބޭރުންވެސް މި އެއްބަސްވުމަށް، ބަދަލެއްއް ގެންނަންޖެހިއްޖެ ހިނދެއްގައި މަޝްވަރާކޮށް، ގޮތެއް ނިންމިދާނެއެވެ.

comment ކޮމެންޓް