އެމްޑީޕީ އޮފީހުގެ މުވައްޒަފުން ބިރުވެރިކަމެއްގައި، ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުގައި އެދިއްޖެ

އެމްޑީޕީ އޮފީހުގެ ބިއްލޫރި ގަނޑު މީގެ ކުރިން ތަޅާލާފައި: އެ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ވަނީ އެދިފައި --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ހައްޔަރުކޮށް ދޫކޮށްލި މީހާ އެ ޕާޓީގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިންޒާރު ދެމުންދާ ކަމަށް ބުނެ، އެ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދިނުމަށް އެދިއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އާއި އިތުރު މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

އެ މައްސަލަައިގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު އެއްފަހަރު އިތުރު ކުރުމަށްފަހު, 15 ދުވަސް ފަހުން ވަނީ ދޫކޮށްލާފައެވެ.

އޭގެ ފަހުން އޭނާގެ ފަރާތުން އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އިންޒާރު ލިބެމުންދާ ކަމަށް ބުނެ, ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވައިފައިވާ ސިޓީއެއް މިއަދު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައެވެ.

އެ ސިޓީގައި ހަސަން ލަތީފް ވިދާޅުވީ, މާރާމާރީ ހިންގި މީހާ އަންނަނީ އެ އޮފީހުގެ އެކި މުވައްޒަފުންނަށް ވައިބާ އާއި މެސެންޖާ މެދުވެރިކޮށް މެސެޖު ކުރަމުން ކަމަށާއި އެ އޮފީހަށް ދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެމުންދާ ކަމަށެވެ.

އެ ސިޓީއާ އެކު އެމްޑީޕީން ވަނީ އެ މީހާ އެ އޮފީހުގެ މުވައްޒަފުންނަށް ކޮށްފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓްތަކެއް ވެސް ފުލުހުންނަށް ހުށަހަޅާފައެވެ.

"އެ މައްސަލަ ޝަރީއަތުން ވަކި ގޮތަކަށް ނިމެންދެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ޕާޓީގެ މައި އިދާރާ (ހ. ޝަރާޝާ) ގެ ސަލާމަތީ ކަންކަން ބަލަހައްޓަވައި ދެއްވުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދެން," ސީޕީ ހަމީދަށް ހަސަން ލަތީފް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގި މީހާ މިހާރު ވަނީ އޭނާގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ.

comment ކޮމެންޓް