ސިފައިންގެ މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީފި

ސިފައިންގެ ބަޔަކު ޑިއުޓީގައި: ރޭ ސިފައިންގެ މީހަކު ރަހީނުކޮށް ވަނީ އަނިޔާދީފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ސިފައިންގެ މީހަކު ރޭ ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީފިއެވެ.

މާފިލާފުށީގައި ހުރުމަށްފަހު އިއްޔެ މާލެ އައި ހަސަން ފަހީމް ރަހީނުކޮށް އަނިޔާކޮށްފައިވަނީ ރޭ ދަންވަރުއެވެ.

އާއިލާގެ ފަރާތުން 'ސަން' އާ ވާހަކަދެއްކި މީހަކު ބުނީ, ހަސަން ފަހީމް އޭނާގެ އާއިލާގެ މީހަކަށް ގުޅައި ބަލާއައުމަށް އެދުނު ކަމަށާއި އޭރު އޭނާ ހުރީ ކަޅުތުއްކަލާ ކޮށި (ކޭކޭ)ގައި ކަމަށެވެ. އޭރު ގަޑިން 12:00 ޖަހާފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

"ފަހުން ގުޅުމުން ވެސް ފޯނު ނަގާ. އެކަމަކު ވާހަކަ އެއް ނުދައްކާ. ކޭކޭ ކައިރިއަށް ގޮސްގެން ވެސް ދިމައެއް ނުވި. ދެން ފަތިހު ގުޅިއިރު އޮތީ ފޯނު ނިއްވާލާފައި," ފަހީމްގެ އާއިލާ މީހަކު ކިޔައިދިނެވެ.

ފަހީމްގެ ހަބަރެއްވީ މިއަދު ހެނދުނުއެވެ. އާއިލާ އިން ބުނި ގޮތުގައި ފަހީމް އައިޖީއެމްއެޗް ކައިރިއަށް ގެންގޮސް ވައްޓާލުމަށްފަހު، އޭނާ ރަހީނުކުރި މީހުން ވަނީ ފިލާފައެވެ. އަދި ފަހީމް ވަނީ ކޮންމެވެސް ވަރަކަށް ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ.

"ކަޅުތުއްކަލާ ކޮށިން ނިކުމެގެން ކޮންމެވެސް ތަނަކަށް ދަނިކޮށް ބަޔަކު އޭނާ ވަށާލައި ފައިސާ ދިނުމަށް އެދުނު. ނަމަވެސް އޭނާ އަތުގައި އެ ވަގުތަކު ފައިސާއެއް ނެތް ދެން އެ މީހުން ގެންދިޔައީ އެތަނުގައި (ބޮނޑިބަތް ޕާކް) ކައިރީގައި ހުރި ކޮޓަރިއަކަށް," އާއިލާ މެންބަރަކު ބުންޏެވެ.

ކޮޓަރިއަށް ގެންދިއުމުގެ ކުރިން އޭނާ ހޭނެތުނުކަމަށް އާއިލާ މެންބަރު ކިޔައިދިނެވެ. އަދި ހޭވެރިކަމަށްވީ ފަތިހު ކަމަށާއި އޭރު އޮތީ ދިން އަނިޔާތަކުގެ ސަބަބުން ވަރަށް ބޮޑަށް ހާލު ދެރަވެފައި ކަމަށް އޭނާ ކިޔައިދިނެވެ.

"ހިއެއް ނުވޭ އެ މީހުނަކަށް ފަހީމް އަތުން އެއްވެސް ފައިސާއެއް ލިބުނު ހެނެއް," އާއިލާ މެންބަރަކު ބުންޏެވެ.

މަގުމަތިން ފަހީމް ހިފަހައްޓައި ހަމަލާދިނީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށް އާއިލާ މެމްބަރު ބުންޏެވެ. އަދި ފަހީމުގެ ބޮލުގައި އެއްޗަކުން ޖެހުމުން އޭނާ ހޭނެތުނު ކަމަށް ފަހީމާ ހަވާލާދީ އާއިލާއިން ބުންޏެވެ.

އައިޖީއެމްއެޗުގެ އެމަޖެންސީގައި ފަހީމަށް ފަރުވާ ދެމުން އަންނައިރު, އެކަން އާއިލާއަށް އެނގުނީ ހެނދުނު ހަތެއް ޖަހަން ވެފައި ހުއްޓާއެވެ. އެއީ ފަހީމް ދިން ނަންބަރަށް އައިޖީއެމްއެޗުން ގުޅައި އެކަން އެންގުމުންނެވެ. އޭނާ ދީފައިވަނީ, އޭނާގެ އަންހެނުންގެ ނަންބަރެވެ.

އިއްޔެ މާލެއައި ހަސަން ފަހީމް, އަނބުރާ މާފިލާފުއްޓަށް ދިއުމަށް ހަމަޖެހިފައި އޮތީ މިއަދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 9:55 ހާއިރު ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އިން ބުނީ އަނިޔާތަކެއް ލިބިފައިވާ 38 އަހަރުގެ ދިވެހި ފިރިހެނަކަށް އެ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ވެސް ނުދެއެވެ.

comment ކޮމެންޓް