ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ޗެކު ނަންބަރުގައި ފުށު އެރުމެއް!

ރައީސް ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން ---

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކުގެ އެކައުންޓް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރު ދިމާ ނުވާކަން ހާމަވެއްޖެއެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައިވާއިރު މިހާރު ކުރިއަށް ދަނީ ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް ކުރުމުގެ މަރުހަލާއެވެ. މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އަޑުއެހުންތައް ނިންމާލައި, އިތުރުކަމެއް ފާހަގަކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އޭރު މައްސަލަ ބައްލަވާ ބެންޗުން އޮތީ ބުނެފައެވެ.

އެ މައްސަލައިގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ, ފަނޑިޔާރުންގެ ބެންޗުން ކަމެއް ސާފުކުރުމަށެވެ. އެއީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ޗެކުގެ އެކައުންޓް ނަންބަރުގައި ހުރި ފުށުއެރުމެކެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ ވޮޑުމުލާއާ ގުޅުންހުރި ފައިސާ ނޫން ކަމަށް މީގެ ކުރިން ވެސް ދިފާއުން އޮތީ ފާހަގަކޮށްފައެވެ.

"ކްރިމިނަލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ޑިޕޮސިޓް ސްލިޕްގައިވާ ޗެކް ނަންބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަންބަރާއި ދިމާ ނުވާކަން ވަނީ ފާހަގަކޮށްފައި," ފަނޑިޔާރުންގެ ބެންޗުގައި އިންނެވި މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން ---

"އެ މައްސަލައިގައ ވާހަކަ ދެކެވޭ ޗެކް ހުށަހެޅިފައި ނުވާކަމަށް އިސްތިއުނާފްކުރާ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ސާފުކޮށްދެއްވާފައިވޭ. އަދި މި މައްސަލަ ހައި ކޯޓުން ނިމުނު ފަހުން ދައުލަތުގެ ފަރާތުން އަބްދުالله ޒިޔާތުގެ މައްޗަށް ދައުވާކުރި މައްސަލައެއްގެ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓްގައި މިދެންނެވި ޗެކްގެ ނަންބަރު ހިމެނިފައި އިންކަމުގައި ބުނެ އެނެކްސްގެ ގޮތުގައި އިސްތިއުނާފް ފޯމާއި އެކުގައި އެ ގަޒިއްޔާގެ ތެރޭގައި ޗެކް ނަންބަރު ލިޔެފައި އިންބައި ހުށަހަޅާފައިވޭ އަދި އެކަމާއި ގުޅޭ ގޮތުން ވާހަކަ ވެސް ދެކެވިފައިވޭ," މަހާޒް ވިދާޅުވިއެވެ.

އެ މައްސަލައިގެ ޗެކްގައިވާ ނަންބަރާއި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި ޖަހާފައި އޮތް އެއް މިލިއަން ޑޮލަރު ޖަމާވިކަމަށް އޮންނަ ނަންބަރާއި ދިމާނުވަނީ ކީއްވެ ތޯ, ފަނޑިޔާރު އެއްސެވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް, ޕަބްލިކް ޕްރޮސިކިއުޓާރ އަހްމަދު ނައުފަލް ވިދާޅުވީ, އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކްގެ ނަންބަރާއި އެކައުންޓް ސްޓޭޓްމަންޓްގައިވާ ޗެކް ނަންބަރާއި ދިމާ ނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެކަން ހިނގާފައިވަނީ ނަންބަރު އިންޓާރ ކުރުމުގައި ނުބައިކޮށް ޖެހިފައި އޮޮތުމުން ކަމަށް ނައުފަލް ވިދާޅުވިއެވެ.

ޗެކްގެ ނަންބަރު ތަފާތުކޮށް އިން ނަމަވެސް އެއް މިލިއަން ޑޮލަރު, އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި އިން ތާރީހާއި އަދަދު ދިމާވާކަން ނައުފަލް ފާހަގަކުރެއްވިއެވެ.

"ދައުލަތަށް ގަބޫލުކުރެވެނީ އެއީ ސިސްޓަމަށް އިންޓާރ ކުރުމުގެ ތެރޭގައި ދެ އަކުރުގެ އޮޅުމެއް އޮތީ ކަމަށް އެ ނަންބަރާއި," ނައުފަލް ވިދާޅުވިއެވެ.

މައްސަލަ ތަހުގީގް ކުރި ފުލުހުން ވަނީ ބޭންކުން އެ މައުލޫމާތު ސާފުކޮށްފައިކަން ފާހަގަކޮށް ފުލުހުންނާއި ހަވާލާ ދެއްވާ ނައުފަލް ވިދާޅުވީ ބޭންކުން ވެސް ބުނެފައިވަނީ, އެއީ އެންޓާރ ކުރިއިރުގައި އޮޅިގެން ނުބައި ނަންބަރެއް ޖެހުނީ ކަމަށެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީންގެ ވަކީލް އަބްދުالله ސިޔާޒް ވިދާޅުވީ, ދައުލަތުގެ ވާހަކަތައް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ އޮޅުމެއް އޮތްނަމަ މީގެ ކުރީގެ މަރުހަލާތަކުގައި ވެސް އެކަން ފާހަގަކުރެވެން ވާނެ ކަމަށެވެ. ދިގު ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ދިފާއުން އެދުނީ އެ ފަރާތުން އެދުނު ގޮތަށް މައްސަލަ ނިންމަވައި ދެއްވުމަށެވެ.

މިއަދުގެ ކުރު އަޑުއެހުމަށް ރައީސް ޔާމީންވެސް ވަޑައިގެން އިންނެވި އެވެ. ނަމަވެސް އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަހާޒް ވިދާޅުވީ, މަސައްކަތް ކުރައްވަނީ ރިސެސްއަށް ދިއުމުގެ ކުރިން މައްސަލައިގައި ގޮތެއް ނިންމެވުމަށެވެ.

މަހާޒްގެ އިތުރުން ދެން ބެންޗުގައި ހުމެނިވަޑައިގަންނަވަނީ ޑރ. އަޒްމިރަލްދާ ޒާހިރުއާއި ޑރ. މުހައްމަދު އިބްރާހީމެވެ.

comment ކޮމެންޓް