ރައީސް ޔާމީނުގެ ވެރިކަމުގެ އެއް މަސް ދުވަހާ މި ސަރުކާރުގެ ތިން އަހަރާ އަޅާ ނުކިޔޭނެ: އަދުރޭ

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތުގެ ތެރެއިން އަދުރޭ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިސަރުކާރަށް ތިން އަހަރު ފުރިގެން ދިޔައިރު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާ މިސަރުކާރާ އަޅާ ނުކިޔޭނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ "ސަން"އަށް ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރު ރައީސް ޔާމީންގެ ވެރިކަމުގެ އެއް މަސް ދުވަހާ ވެސް އަޅާ ނުކިޔޭނެ ކަމަށެވެ.

"ރައީސް ޔާމީން ހުވާ ކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު 13:21 ގަ. އެހެންވީމަ އެއިރުން ފެށިގެން އެ ދުވަހުގެ އިރުއޮއްސި ހަޔަކާ ދެމެދު ހިނގި ވަގުތުކޮޅާވެސް މި ތިން އަހަރާ އަޅާ ނުކިޔޭނެ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިއަކު ވަނީ ބްރިޖު އަޅުއްވާނީ ކިހާ ހިސާބަކުތޯ ސުވާލު އުފައްދަވާފައެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީނުގެ ޖަވާބަކަށް ވީ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި މަސައްކަތް ފެނިގެން ދާނެ ކަމެވެ.

"ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ 2013 ވަނަ އަހަރު. 2015 ވަނަ އަހަރު އެތަނުގެ އަމަލީ މަސައްކަތް ފެށިއްޖެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެ މަސައްކަތް ނިމި ދިވެހި ރައްޔިތުން ބޭނުން ކުރުމަށް އެތަންވެސް ހުޅުވިއްޖެ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުން އަޅަން މަސައްކަތްކުރާ ބްރިޖަކީ ރައީސް ޔާމީނުގެ ސަރުކާރުގައި އެ ބްރިޖެއް އެޅުމަށް ކުރަހާ، ފައިސާވެސް ހޯދައިފައިވާ ބްރިޖެއް ކަމަށެވެ. އަދި ތިން އަހަރު ފާއިތުވީ އިރުވެސް މި ސަރުކާރަށް އެ ބްރިޖު އަޅާނެ ގޮތުގެ ކުރެހުންވީ ހިސާބެއް ނޭނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންކަމުން، މި ސަރުކާރާ ރައީސް ޔާމިނުގެ ސަރުކާރު އަޅާ ނުކިޔޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އަދުރޭ ސިފަ ކުރެއްވީ "މުޑުދާރު" ވެރިކަމެއްގެ ގޮތުގައެވެ.

"އަޅުގަނޑު ދަންނަވާނީ މި ތިން އަހަރަކީ ދިވެހިރާއްޖޭގެ ތާރިހުގަ އައި ހަޑި މުޑުދާރު ތިން އަހަރޭ. އެންމެ މުޑުދާރު ތިން އަހަރު. ދިވެހި ބަހުގެ ރަދީފުގައި މުޑުދާރުގެ މާނަ ޖައްސަވާ. އެއީ މި ސަރުކާރު އެންމެ ކުރު ގޮތަކަށް ސިފަ ކުރެވޭނެ ގޮތް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުގައި ވެރިކަމުގައި މިހާރު ތިބީ ތަނެއް ދޮރެއް ނުދަންނަ، ވާ ނުވާ ވެސް ނޭނގޭ ބަޔަކެވެ.

"މިއުޅެނީ މި ސަރުކާރު އައި ފަހުން ޑޮލަރެއް 20 ރުފިޔާއަށް އަތު ނުޖެހިގެން. އިންޑިއާގެ ސަފީރު މި އަންގަނީ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތައްވެސް. ޕްރޮޖެކްޓު ހިންގަން ޖެހޭ ރަށްރަށްވެސް. ދެން މިހިސާބަށް ދިޔާމަ ވިސްނާ މި ސަރުކާރު ރަނގަޅުވާނެ ވަރު،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ހާލަތު މިހާރު އޮތް ހާލަތު ބަޔާން ކޮށްްދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ހުރި ހުރިހާ ފައިސާއެއް މި ސަރުކާރުން "ކައި ހުސްކޮށްފި" ކަމުގައެވެ.

"ސަރުކާރުގަ މިހާރު ތިބި މީހުންނަށް ވަރަށް ރަނގަޅު. ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ހުރި ހުރިހާ ފައިސާއެއް ކައި ހުސްކޮށްފި. ރައްޓެހިންނަށް ބަހައިލައިފި. ކޮވިޑާ ގުޅިގެން ލިބުނު ހުރިހާ އެހީތަކަށް ވީ ގޮތެއް ނޭނގޭ. ވެންޓިލޭޓަރުތަކުން ކުރި ވައްކަން. އެ ފައިސާ ލިބުނީ ކާކަށް ކަމެއް ނޭނގޭ. ވަނީ ކޮންތަނަކަށް ކަމެއް ނޭނގޭ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ގަބޫލުފުޅު ކުރައްވާ ގޮތުގައި އާންމު ރައްޔިތުންނަށް މި ސަރުކާރު ރަނގަޅެއް ނޫނެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އިސްވެރިންނަށް ބަރާބަރަށް މުސާރަ ލިބޭތީ މިސަރުކާރާ މެދު އެބޭފުޅުންގެ ޝަކުވާއެއް ނެތް ނަމަވެސް ސަރުކާރުން ކަންތައް ކުރާ ގޮތާ މެދު އާންމު ރައްޔިތުންގެ ނުރުހުން އޮވެއެވެ.

އަދުރޭ ވިދާޅުވާގޮތުގައި ރައްޔިތުންނަށް މި ސަރުކާރު ކަމުނުދަނީ ވޭތުވެ ދިޔަ ތިން އަހަރުވެސް ދައުލަތް އެންމެ ބޮޑަށް ދަރުވާލީ މި ސަރުކާރުން ކަމުގައި ވާތީއެވެ. ރާއްޖޭގެ މިނިވަކަމަށްވެސް އެންމެ ބޮޑު ގޮންޖެހުންތަކަކާ ވެސް ކުރިމަތި ލާން ޖެހުނީ ހަމަ މި ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުވެސް ރަށްރަށުގެ ބޭސް ފިހާރަތަކުން ބޭސް ނުލިބޭ މައްސަލަ ބޮޑު. އަޅުގަނޑު މިހާރުވެސް މިހުރީ ފުވައްމުލަކުގަ. އަޅުގަނޑުމެން ރައީސް ޔާމީނުގެ ސަރުކާރުގައި ދިވެހިރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ގާއިމް ކުރިން. މިތާވެސް ފިހާރަ އެބަ ހުރި. އެކަމަކު ބޭހެއް ނެތް. އެހެންވީމަ ރައްޔިތުންނަށް މި ސަރުކާރު ކަމު ނުދަނީ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ކުރާނެ މަސަައްކަތެއް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ. އަދި މި ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކުޓުތައްވެސް ނުހިނގާ ކަމަށް ވިދާޅުވެ، އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އެ ބޭފުޅުން ވިދާޅުވި ނޫންތޯ އެމީހުންގެ ތަރައްގީގެ ޕްރޮޖެކްޓުތަކަކީ އަތް ނުލެވޭ މަޝްރޫއު ތަކެކޭ. އެހެންވީމަ އެއަކުން ނުލިބޭނެ ނޫންތޯ އާމްދަނީއެއް. އަތް ނުލެވޭ ތަރައްގީގެ ޕްރޮޖެކްޓުތަކުން އެ ބޭފުޅުންނަށް ފައިދާ ވާނީ. ދައުލަތުގެ މާލިއްޔަތުގަ ހުރި ފައިސާ ހުސްވާނީ. އިންޑިއާގެ ލޯނު ނަގައިގެން އެ ބޭފުޅުންގެ އަމިއްލަ އެޖެންޑާ ތަރައްގީ ކުރަނީ. ދިވެހި ރައްޔިތުންނަށް ވީ ފައިދާއެއް ނެތް،" އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރުގެ ނިމިދިޔަ ތިން އަހަރަށް ބައްލަވާލައްވާ އަދުރޭ ވިދާޅުވީ ޒުވާނުންނަށް ވަޒީފާއެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުވެސް ދުވަހެއް ދުވަހެއް ދަނީ ދަށަށް ކަމަށާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް އޮތީ މަޑުޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިހިނެއްތޯ މި ސަރުކާރު ރަނގަޅު ވާނީ. މިނީ ބަސް ގެންނަން ބުނީ ތިން މަސް ތެރޭ. މިހާރު ތިން އަހަރުވީ. ސަރުކާރުގެ ފުރަތަމަ 24 ގަޑިއިރު ތެރޭ ޔާމީން ރަޝީދުގެ މަރުގެ ތަފްސީލު ހާމަ ކުރަން ބުނި. އަދި 24 ގަޑިއިރެއް ނުވޭ. މި ސަރުކާރު އައި ފަހުން ގޮތް ނޭނގޭ މަރުތަކުގެ އަދަދު އަންނަނީ އިތުރުވަމުން. ރޭޕް ކޮށްފިއްޔާ އެމީހަކު ހިމާޔަތް ކުރޭ. ވައްކަން ކުރާ މީހަކަށް އަދަބެއް ނުލިބޭ. ސަރުކާރުން ބޭނުންވާ މީހުން ކިތަންމެ ބޮޑު ކުށެއް ކުރިއަސް ހައްޔަރު ކުރެވޭ ކަމަކަށް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.

މި ސަރުކާރަށް ތާއިދު ނެތްކަން ހާމަވެގެންދާނީ އިންތިހާބަކުން ކަމުގައި އަދުރޭ ދެކެވަޑައިގަންނަވައެވެ. އަދުރޭ ވިދާޅުވީ ރައްޔިތުން ތިބީ ދެން އަންނަ ރިޔާސީ އިންތިހާބެއްގައި ވެރިކަން ބަދަލު ކުރުމަށް ކެތްމަދުވެފައި ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ދިވެހި ރާއްޖޭގެ ތާރިހު ދުށް އެންމެ ކާމިޔާބު ސަރުކާރަކީ ރައީސް ޔާމީނުގެ ސަރުކާރެވެ. އަދި ހުރިހާ ރޮނގަކުންވެސް އެންމެ ބޮޑު ތަރައްގީއެއް ރާއްޖެއަށް ގެނައީ ހަމަ ރައީސް ޔާމީނުގެ ސަރުކާރުގައެވެ. ޔާމީނުގެ ފަސް އަހަރާ އަޅާ ކިޔޭނެ އިތުރު ފަސް އަހަރެއް ދެން ރާއްޖޭގެ ވެރިކަމުން ފެނުން ނާދިރު ކަމުގައިވެސް އޭނާ ގަބޫލުފުޅު ކުރައްވައެވެ.

comment ކޮމެންޓް