ޕިކަޕަކުން ޖެހި އަނިޔާވި އަންހެނެއްގެ ފައި ބުރި ކޮށްލައިފި

ރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓު ހިނގި ސަރަހައްދު --- ސަން ފޮޓޯ / އަހުމަދު އައިމަން އަލީ

ރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ އޭނަގެ ފައި ބުރި ކޮށްލައިފިއެވެ.

މި އެކްސިޑެންޓުގައި އަންހެން މީހާގެ ފައި ޗިސްވުމުގެ ސަބަބުން އޭނާގެ ވާތުފައި ވަނީ ބުރި ކޮށްލައިފައި ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ ނިކަގަސް މަގުން ބާ ޖަމާލުއްދީން ކައިރިން ހިނގައިފައި ދިޔަ 47 އަހަރުގެ އަންހެނެއްގެ ގައިގައި ކޮންޓްރޯލުން ނެއްޓިގެން އައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ 21:03 އެހާކަންހާއިރު ކަމަށެވެ.

ރޭ މާލޭގައި އެކްސިޑެންޓު ހިނގި ސަރަހައްދު -- ސަން ފޮޓޯ / އަހުމަދު އައިމަން އަލީ

"ސަން"އަށް ލިބިފައިވާ ވީޑިއޯއިން ފެންނަ ގޮތުން އަންހެން މީހާ މަގު ހުރަސް ކުރި ވަގުތު ޕިކަޕު ކޮންޓްރޯލުން ނެއްޓިގެން ގޮސް ވަނީ އަންހެން މީހާއާ އެކު ކުރިމަތީ ހުރި ފާރަށް އަރާފައެވެ. ވީޑިއޯ އިން ފެންނަން އިން ގޮތުގައި އެތަނުގައި އިން ހޮޅިދަނޑިއެއްވެސް ވަނީ ބަޅުވެފައެވެ.

އެކްސިޑެންޓުވުމުގެ ކުރިން އަންހެން މީހާ މަގު ހުރަސް ކުރުމަށް ދިޔަ ވަގުތު ޕިކަޕް ކޮންޓްރޯލު ނުކުރެވިގެން އަންހެން މީހާ އާ ދިމާއަށް ދަނީ ---

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ ހޮޅިދަނޑި ނެތްނަމަ އަންހެން މީހާ ސަލާމާތް ވުމަކީ ވަރަށް ވެސް ނާދިރު ކަމެކެވެ. މިހާރު އެ ހޮޅިދަނޑި ވަނީ އެތަނުން ނަގާފައެވެ.

މި ހާދިސާ ހިނގުމާއި އެކުހެން ޕިކަޕު ދުއްވަން އިން މީހާ ވަނީ ޕިކަޕުން ފައިބާ އެ އަންހެން މީހާއަށް އެހީތެރިވުމަށް މަސައްކަތް ކޮށްފައެވެ. އެ ސަރަހައްދުގައި ތިބި އެހެން މީހުންގެ އެހީތެރިކަމާ އެކު އަންހެން މީހާ ޕިކަޕަށް އަރުވައި އެމްބިއުލާންސް އަންނަން ދެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެކްސިޑެންޓަށް ފަހު އެ ސަރަހައްދުގައި ތިބި މީހުން އަންހެން މީހާ ޕިކަޕަށް އެރުވުމުގެ މަސައްކަތް ކުރަނީ ---

ފުލުހުން ބުނީ އަންހެން މީހާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ޕިކަޕު ދުއްވަން އިނީ 59 އަހަރުގެ ދިވެހި ފިރިހިނެއް ކަމަށާއި އޭނާ އަކީ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

comment ކޮމެންޓް