ބަރުދަން ލުއިކުރުމަށް މިއޮތީ ފަސޭހަ ގޮތެއް!

ދިރި

ދިރިއަކީ ހަވާދުގެ ބާވަތުގެ ތެރެއިން ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެކައްޗެވެ. ކާތަކެތީގެ ރަހަ ހެޔޮވަރުކުރުމަށް ބޭރު ގައުމުތަކުގައިވެސް މި ހަވާދު ބޭނުންކުރެއެވެ. ހާއްސަކޮށް އަވައްޓެރި އިންޑިއާގައި މިއީ އެންމެ އާންމު ހަވާދެވެ. ގިނަމީހުން ދިރި ބޭނުންކުރަނީ އެއިން ލިބޭ ފައިދާތައް އެނގިގެނެއްނޫނެވެ. މީރު އެއްޗެއްނަމަ ކެއުމަކީ ދިވެހިންގެ އާދައެވެ.

ދިރިއަކީ ބަރުދަން ލުއިކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއްކަން އެނގޭހެއްޔެވެ؟ މިއީ ވަރަށް ހަލުވިކަމާއެކު ހަށިގަނޑުން ސަރުބީ ވިރުވައިލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދިރާސާތަކުގެ އަލީގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ދިރި ބޭނުންކުރުމުން 15-20 ދުވަހުގެ މުއްދަތުގެ ތެރޭގައި ހަށިގަނޑުން ސަރުބީ ވިރުވާލާ، ބަރުދަން ލުއިކޮށްދޭނެއެވެ. އަދި މޭވާއާއި ތަރުކާރީގެ ޑައިޓްކުރާ މީހުންނަށްވުރެން މާ އަވަހަށް ދިރި ބޭނުންކޮށްގެން ޑައިޓްކުރާ މީހުންގެ ބަރުދަން ލުއިވާ ކަމަށްވެސް އެކި އެކި ދިރާސާތަކުގެ އަލީގައި ދައްކައެވެ.

2015 ވަނަ އަހަރު ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ދިރި ބޭނުންކުރި މީހުންގެ ބަރުދަން 8 ހަފުތާގެ ތެރޭގައި 4-6 ކިލޯ ލުއިވެފައިވެއެވެ.

ދުވަހުގެ ކެއުމުގައި މި ގޮތްތަކަށް ދިރި ބޭނުންކުރެވިދާނެއެވެ.

1. ދިރި ލުނބޯ ހުތާއެކު

1 ޖޯޑު ފެނަށް 2 ސައިސަމުސާ ދިރި އެޅުމަށްފަހު 5 ނުވަތަ 6 ގަޑިއިރުވަންދެން ބަހައްޓާށެވެ. އަދި ހެނދުނު ހުސްބަނޑާ ހުރެ، 1 ސައިސަމުސާ ލުނބޯހުތް އެޅުމަށްފަހު ބޯލާށެވެ. 2 ހަފުތާ ވަންދެން ކޮންމެ ދުވަހަކު މި ފެން ބުއިމުން ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ.

2. ދިރި ޔޯގަޓާއެކު

1 ސަމުސާ މުގުރި ދިރިއާއި 1 ސަމުސާ ޕްލެއިން ޔޯގަޓް އެއްކޮށްލުމަށްފަހު ކޮންމެ އިރަކު ކައި ނިމިގެން ބޯލާށެވެ. 2 ހަފުތާ ތެރޭ ނަތީޖާ ފެންނާނެއެވެ.

2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި އޮބޭސިޓީގެ ބަލިމަޑުކަން ތަހައްމަލުކުރި އަންހެނުންގެ ތެރެއިން 80% އަންހެނުން ވަނީ 3 މަސްދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު 3 ގުރާމް ދިރި ޔޯގަޓާއެކު ބޭނުންކުރުމާއެކު ވަރަށް ބޮޑަށް ބަރުދަން ލުއިވިއެވެ.

3. މުގުރި ދިރި

1 ޖޯޑު ކެއްކި ފެނަށް 1 މޭޒުމަތީ ސަމުސާ މުގުރި ދިރި އަޅައި، ރަހަ ރަނގަޅުކޮށްލުމަށް ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ބޯލާށެވެ. ކޮންމެ ދުވަހަކުވެސް ރޭގަނޑު ނިދަން އޮށޯންނަމުން މި ބުއިން ބޭނުންކުރުމުން 20 ދުވަހުގެ ތެރޭގައި ނަތީޖާ ފެންނާނެއެވެ.

އިންޑިއާގެ ޕަންޗްކުލާގެ ނެޗުރަލް ހެލްތު ކެއާ ކުލިނިކުގައި މަސައްކަތްކުރާ ޑައިޓިޝަނިސްޓެއްކަމަށްވާ ޑޮކްޓަރ މާންސީ ޗަތްރާތު ވިދާޅުވެފައިވާ ގޮތުގައި ދިރިއަކީ ހާއްސަކޮށް ބަނޑުގައި ޖަހާފައިވާ ސަރުބީ ވިރުވާލުމަށް އެހީތެރިވެދޭ އެއްޗެއްކަމަށާއި ދިރި ބޭނުންކުރުމުގެ ސަބަބުން ކާތަކެތި ހަޖަމުކުރަން ފަސޭހަވެ، ބަނޑުހިކުމުގެ މައްސަލަވެސް ހައްލުވެދެއެވެ.

އަދި ޔޫކޭގެ މަޝްހޫރު ލިޔުންތެރިޔާ ޑެލީ ޕިނޮކް ލިޔުއްވާފައިވާ "ހީލިންގ ފޫޑްސް" ގައި ވާގޮތުން ދިރިއަކީ ހަޖަމުކުރަން ފަސޭހަވެ، ބަނޑު ހިކުމުންނާއި އެނބުރުން އެރުމުން ރައްކާތެރިކޮށްދޭ ހަވާދުގެ ބާވަތެކެވެ.

އެހެންކަމުން ބަރުދަން ލުއިކުރުމަށް ބޭނުންކުރުމަށް ދިރިއަކީ ރަނގަޅު އެއްޗެކެވެ. 2 ހަފުތާ ނުވަތަ އެއަށްވުރެ އަވަހަށް އެދެވޭ ނަތީޖާއެއް ނެރެން ބޭނުންނަމަ ކަސްރަތާއެކު މި ޑައިޓް ކުރިއަށް ގެންދެވިދާނެއެވެ.

މަސްދަރު: ޓައިމްސްއޮފްއިންޑިއާ.އިންޑިއާޓައިމްސް.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު