އިންޑިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މުނޫ މަހާވަރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މުނޫ މަހާވަރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

މަގާމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައެވެ. އެއާއެކު ރައީސްވަނީ ސަފީރު މަހާވަރަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެ ގައުުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ޓަކައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވައިފައެވެ. އަދި އެ ކަމަށް އެހީތެރިކަން ބޭނުންވާކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ.

އެގޮތުން އިޖްތިމާއީ ދާއިރާއާއި އިގްތިސާދީ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި، އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވިއެވެ.

އިންޑާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރުގެ ގޮތުގައި މުނޫ މަހާވަރު ހަމަޖެއްސުމުގެ ކުރިން އެ މަގާމު ފުރުއްވަމުން ގެންދިޔައީ ސަންޖޭ ސުދީރެވެ. އޭނާގެ އެ މަގާމުގައި ހުންނެވިއިރު ވެސް ދެ ގައުމު ގުޅިގެންވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން އިންޑިއާގެ ކޮވިޝީލްޑު ލިބުނު ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވެއެވެ.

comment ކޮމެންޓް