ބެންކަށް ފައިސާ ޖަމާކުރަން ދިޔަ ވަގުތު ހަމަލާދީ ލައްކައެއްހާ ރުފިޔާ ފޭރި ގަނެފި

ފުވައްމުލަކު ރިންގް ރޯޑު -- ފޮޓޯ/ އެމްޓީސީސީ

ފުވައްމުލަކުގައި މޯލްޑިވިއަން އެއާލައިންސްގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ފައިސާ ޖަމާކުރަން އޭޓީއެމްއަކަށް ދިޔަ ވަގުތު ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށްލައި، ފައިސާތައް ފޭރިގަނެފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ ރިޕޯޓު ލިބުނީ ރޭ 2:00 ހާ އިރު ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި 93،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ފޭރިގަނެފައިވާކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ހަމައެއާއެކު އެ ހާދިސާގައި އެއް މުވައްޒަފަށް އަނިޔާވުމުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

comment ކޮމެންޓް