މި 3 އަހަރު ތެރޭގައި ރައްޔިތުންނަށް އަނިޔާވެރިވުން ނިމުމަކަށް ގެެނެވިއްޖެ: އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މި ވީ ތިން އަހަރުގެ މުއްދަތުގައި ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ނިމުމަކަށް ގެނެސްފައި ވާކަމަށް އެ ޕާޓީން ބުނެފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ސަރުކާރަށާއި ރައީސަށް މަރުހަބާ ކިޔަމުން އެމްޑީޕީން ބުނީ ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ހާސިލު ކުރައްވަމުން ގެންދާނެކަން ޔަގީން ކުރާ ކަމަށެވެ.

ދެ ހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް ރައްޔިތުން އެމްޑީޕީއަށް ވޯޓުދިން މައިގަނޑު ސަބަބަކީ އެ ޕާޓީންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހު ވެވަޑައިގަތް ވައުދުތަކާއި ގެންގުޅުއްވާ ތަސައްވަރުގެ ސަބަބުންކަމަށް އެ ޕާޓީން ބުނެއެވެ.

މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަން އެމްޑީޕީން ފާހަގަ ކުރިއެވެ.

އެގޮތުން ޑިމޮކްރެސީއާއި ގާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމުކު ރެވިފައިވާކަމަށް ފާހަގަ ކުރިއެވެ.

އޭގެ އިތުރުން ޖުޑިޝަރީ އިސްލާހު ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން އައު ސްޕްރީމް ކޯޓެއް އައްޔަނުކުރައްވައި، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަން ވެސް އެ ޕާޓީން ފާހަގަ ކުރިއެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަގާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވާނެ ކަމަށެވެ.

މި ސަރުކާރުން ސިޔާސީ ހަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަމަށާއި ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް މި ތިން އަހަރުގެ ތެރޭގައި ގެނެސްފައި ވާކަން ފާހަގަ ކުރިއެވެ.

އެމްޑީޕީގެ މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންތިހާބު ވެވަޑައިގެންފައިވާކަން ފާހަގަކޮށް، މި ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަމަށް އެމްޑީޕީން ބުންޏެވެ.

ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އެ ޕާޓީން ވަނީ ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ.

comment ކޮމެންޓް