ދުވަސް ފެށުމުގެ ގޮތުން ކަސްރަތުކޮށްލާ!

ތިބާ ހެނދުނު ހޭލުމާއެކު ހަރަކާތްތެރިވެ އުޅުމާއި ހެލިފެލިވެ އުޅުމަކީ ފުރަތަމަ ކަމަކަށް ހިޔާރުކުރާނެ ކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށްވެސް ބަލާނީ ހައިހޫނުކަން ފިލުވޭތޯއެވެ. ނަމަވެސް ދުވަސް ފެށުމުގެ ގޮތުން ކަސްރަތު ކުރުމަކީ ގިނަގުނަ ފައިދާ ލިބޭ ކަމެކެވެ.

ހެނދުނު ހިނގަން ނުވަތަ ދުވަން ދިއުމަކީ ކަސްރަތު ލިބޭ ކަމެކެވެ. ގާތްގަނޑަކަށް 30 މިނިޓް ހިނގައިފިނަމަ އެދުވަހަކަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ކަސްރަތު ލިބި، އެތައް ފައިދާއެއް ލިބިގެންދާނެއެވެ.

ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން

ދުވަސް ފެށުމުގެ ގޮތުން ހިނގައިފިނަމަ އެ ދުވަހެއްގައި ހަށިގަނޑަށް ގިނަ ހަކަތަ ލިބިދޭނެކަމަށް ވެއެވެ. ވަކިން ހާއްސަކޮށް ބޭރު މަގުތަކުގައި ހިނގައިފިނަމަ ހަކަތަ ލިއްބައިދޭ މިންވަރު އިތުރުވާކަމަށްވެއެވެ.

ދިރާސާއަކުން ދެއްކި ގޮތުގައި ހެނދުނު ވަގުތު 20 މިނިޓް ބޭރުގައި ހިނގި މީހުންގެ ހަށިގަނޑުގައި 20 މިނިޓް ގޭތެރޭގައި އާދައިގެ ކަސްރަތު ކުރި މީހުންނަށްވުރެ ވަރުހުރެއެވެ.

އަދި އެހެން ދިރާސާއަކުން ދެއްކި ގޮތުގައި ހެނދުނު އެއްވެސް އެއްޗެއް ނުކައި، 10 މިނިޓް ބޭރުގައި ހިނގި މީހާގެ ހަށިގަނޑުގެ ވަރު ކޮފީ ތައްޓެއް ބޮއެގެން ހުރި މީހާއަށްވުރެ މާ ގަދައެވެ.

މޫޑު ރަނގަޅުވުން

ހެނދުނު ހިނގުމުގެ ސަބަބުން ނަފުސާނީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބޭކަމަށްވެއެވެ.

އެގޮތުން ހެނދުނު ހިނގާލުމުން ކަންކަމާ މާބޮޑަށް ވިސްނޭ ނަމަ އެކަމުން ދުރުހެލިކޮށްދީ، މޫޑު ރަނގަޅުވެ، ނަފުސާނީ ބަލިމަޑުކަމެއް ތަހައްމަލުކުރަމުންދާނަމަ އެކަމަށް ލުޔެއް ލިބޭނެ ކަމަށް ނަފުސާނީ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރެއް ކަމަށްވާ މެކްސް ހެމިލްޓަން ބުނެފައިވެއެވެ. އަދި އޭނާ ބުނެފައިވާ ގޮތުން މިކަމުން ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންނަމަ މަދުވެގެން ހަފުތާއަކު ފަސް ދުވަހު 20-30 ހެނދުނު ވަގުތު ހިނގަން ޖެހެއެވެ.

ބަރުދަން ލުއިވުން

މާބޮޑަށް ފަލަވެ، ބަރުދަން އިތުރުވުމަކީ ގިނަ މީހުން ހިތާމަކުރާ ކަމެކެވެ. ހެނދުނު ވަގުތު ހިނގުމުން ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި 30 މިނިޓް ހުއްޓާނުލައި ހިނގައިފިނަމަ 150 ކެލޮރީސް ހަށިގަނޑުން ނެތިކޮށްލައެވެ. އަވަހަށް ނަތީޖާ ނެރެން ބޭނުންނަމަ ހިނގުމުގައި ހޭދަކުރާ ވަގުތު އިތުރު ކުރެވިދާނެއެވެ.

ބަލިތަކުން ރައްކާތެރި ކޮށްދިނުން

ހެނދުނު ވަގުތު ހިނގުމަކީ ތަފާތު ބަލިތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ނޭވާލުމަށާއި ހަޖަމުކުރުމަށްވެސް މިކަމުގެ ސަބަބުން އެހީތެރިވެދެއެވެ.

ދިރާސާތަކުން ދެއްކި ގޮތުގައި 30 މިނިޓް ހިނގައިފިނަމަ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ. ހަކުރުބަލި ހުންނަ ފަރާތެއް ހެނދުނު ވަގުތު 20-30 ހިނގައިފިނަމަ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭނެއެވެ. އަދި މިއީ ކެންސަރުގެ ބަލިތަކުން ވެސް ރައްކާތެރިކޮށްދިނުމަށް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ރޭގަނޑު ރަނގަޅަށް ނިދުން

ހެނދުނުގެ ކަސްރަތުން ރޭގަނޑު ރަނގަޅަށް ނިދުމަށް އެހީތެރިވެދެއެވެ.

ސިއްހަތާ ބެހޭ އޮފިޝަލުން 2017 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އުމުރުން 55-65 މީހުންގެ ތެރެއިން ރޭގަނޑު ނިދަން އުނދަގޫ މީހުން ހެނދުނު ހިނގަން ދިއުމުން ރޭގަނޑު ނިދަން ފަސޭހަވެއެވެ.

އެހެންކަމުން ދުވަސް ފެށުމުގެ ގޮތުން ހެނދުނު ކަސްރަތުކުރުމުގެ ގޮތުން 20-30 މިނިޓް ހިނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

މަސްދަރު: ހެލްތްލައިން.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު