ތިޔަ ލޯބި އެދިގެން... - 20

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

ކުރިމަތީގައި ހުރި ޝިޒާން ފެނި އޭނާއަށް ހައިރާންކަމެއް ލިބުނެވެ. އޭނާ ހީކުރީ ދެން މިރޭ ޝިޒާން ނާންނާނެކަމަށެވެ. ޝިޒާން ވެސް ހުރީ އާދައިގެ ޓީޝާޓަކާއި ސޯޓެއްގައެވެ. އޭނާ އެތެރެއަށް ވަންނަން އެދުނެވެ. މިންހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝިޒާން ކުރަން އުޅޭކަމެއް ނޭނގި އޭނާގެ ހިތް ތެޅިލިއެވެ.

ޝިޒާން މަޑުކޮށްލީ މިންހާގެ އިޒުނައަކަށެވެ. މިންހާ ކުޑަކޮށް އެއްފަރާތަކަށް ޖެހިލުމުން ޝިޒާން އެތެރެއަށް ވަނެވެ. މިންހާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިޒާން ކުރާނެ ކަމެއް ނޭނގި އޭނާ ވަނީ ހާސްވެފައެވެ. ޝިޒާން އެ ކޮޓަރިއަށް އަންނަން ޖެހޭ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް މިންހާއަކަށް ނޭނގުނެވެ. އެހެންކަމުން އޭނާގެ ހިތުގައި ބިރުވެރިކަން އޭރުވެސް ރަސްކަންކުރަމުން ދިޔައެވެ.

"ކީއްކުރަން... ކީއްކުރަން ތިއައީ؟" މިންހާއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. ހިންދިރުވައިލުމާއެކު އޭނާ ޝިޒާންއަށް ބަލައިލިއެވެ. ޝިޒާން ދޫކޮށްލީ ފުންނޭވާއެކެވެ.

"އާރ ޔޫ އޯކޭ؟" ޝިޒާން، މިންހާއަށް ފުންނަޒަރަކުން ބަލައިލިއެވެ. ކުއްލިއަކަށް އައިސް އެހެން ޝިޒާން އެ އަހަނީ އަނެއްކާ ކީއްވެބާއޭ މިންހާގެ ހިތަށް އެރިއެވެ.

"މިންހާ އަންކޮންފޮޓަބަލް ވާ އެއްވެސް ކަމެއް އޮތިއްޔާ އަހަރެން ކައިރީގައި ބުނައްޗޭ. އަހަންނަށް އެނގޭ ކުއްލިއަކަށް އައިސް އެޖަސްޓް ވާން އުނދަގޫވާނެކަން. އަހަރެން އަންޑަސްޓޭންޑް ވާނަން..." ޝިޒާން ބުނެލިއެވެ. އޭނާގެ ވާހަކަ ހުރީ މިންހާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ. މިންހާއާއެކު އޭނާ އަބަދުވެސް ހުންނާނަމޭ ޝިޒާންގެ އެ ނަޒަރު ބުނާފަދައެވެ.

"ހަމައެކަނި ތިހެން ބުނަންތަ ތިއައީ؟" މިންހާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. ޝިޒާންގެ އަޑުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެެކެވެ.

"މިންހާގެ ޙާލު ބަލައިލަން އަހަރެން ބޭނުންވީ..." ޝިޒާން އެހެން ބުނެލިއެވެ. ހަޤީގަތުގައި އޭނާ އެ ކޮޓަރިއަށް އައީ ރާމިޒާގެ ވާހަކަތަކުން އޭނާ ހާސްވީލެއް ބޮޑުކަމުންނެވެ. މިންހާ ހަމަޖެހިފައި ހުރިތަން ފެނި އޭނާގެ ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެން ދިޔައެވެ. ކޮންމެވެސް ވަރެއްގެ ތަސައްލީ އެއް އޭނާއަށް ލިބިގެންދިޔައެވެ.

"އަހަންނަކީ ވަރަށް ބިޒީކޮށް އުޅޭމީހެއް. ކުރިން ބުނިހެން ކަމެއް ބޭނުންވެއްޖެއްޔާ ރާމިޒައްތަ ނޫނީ މިގޭގައި އުޅޭ ކޮންމެ ނޯކަރަކު ކައިރީގައި ބުންޏަސް ކޮށްދޭނެ. މިންހާ ނުޖެހޭނެ އެއްވެސްކަމެއް ނުކުރެވިފަ ހުންނާކަށް. މީ ހަމަ މިންހާގެ ވެސް ގެ ކަމަށް ހީކޮށްލައިގެން އުޅުނީމަ ރަނގަޅުވާނެ. މިގޭގައި މިންހާއަށް މަނާވާނެ އެއްވެސްކަމެއް ނޯންނާނެ. ކަމެއް ކޮށްގެން މިންހާއާ ދިމާލަށް އެއްޗިސް ކިޔާކަށްވެސް އިތުރު މީހަކު ނާންނާނެ... އަހަރެން މިންހާއަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރާނަން..." ޝިޒާންގެ އަޑުގައި ވަނީ ޔަޤީންކަމެކެވެ. މިންހާ ހީކުރިގޮތާ ޚިލާފަށް ޝިޒާންގެ ފަރާތުން އޭނާ ހިތަށް އެރިފަދަ އެއްވެސް އަމަލެއް ނުފެނުނެވެ. ޝިޒާންއަކީ ޙަޤީގަތުގައި ކާކުބާއޭ މިންހާގެ ހިތަށް އެރިއެވެ. އެހާ ވަރަށް އޭނާއަށް އަޅައިލާ އޯގާތެރިވަނީ ކީއްވެބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. ޝިޒާން އޭނާއާ ކައިވެނިކުރީ އޭނާއާ މެދު ޝިޒާންގެ ހިތުގައި އިޙްސާސްތަކެއް ވާތީހެއްޔެވެ؟ ޝިޒާން ދުވަހަކުވެސް އެފަދަ ވާހަކައެއް އޭނާ ގާތު ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް، ޝިޒާންގެ ކޮންމެ އަމަލެއްގައި ބުނެދޭން ނޭނގޭފަދަ އޯގާތެރިކަމެއް ވެއެވެ.

ޝިޒާން ދިޔުމުން މިންހާ ވެސް ނިދަން އެނދުގައި އޮށޯވެލިއެވެ. ތަންމަތީގެ އަރާމުކަން އޭނާއަށް މަރުޙަބާ ކިޔުމާއެކު، ލޮލަށް ނިދިބަރުކަން އިޙްސާސްވާން ފެށިނަމަވެސް، މިންހާގެ ޚިޔާލުގެ ވާފަށް ޝިޒާންއާ ދިމާލަށް ދަތުރުކުރަމުން ދިޔައެވެ. ހަމައެއާއެކު، އޭނާގެ ޚިޔާލުގެ ލޯގަނޑަށް އާހިލްގެ ތަސްވީރުތައް ފެންނަން ފެށިއެވެ. ފޯނުން އާހިލް އޭނާއަށް ފޮނުވާފައިވާ އާހިލްގެ ތަސްވީރަށް މިންހާ ބަލަން ފެށިއެވެ.

"އަހަރެން ޝިޒާން ކައިރިން ވަރިވެގެން ވަރަށް އަވަހަށް އާހިލް ކައިރިއަށް ދާނަން..." މިންހާއަށް ހިތާ ހިތުން ބުނެވުނެވެ. އެފަފަ ޚިޔާލުތަކެއްގައި އޭނާ އޮއްވާ މާލަސްތަކެއް ނުވެ މިންހާއަށް ނިދޭގޮތްވިއެވެ.

******

ޖެހިގެން އައި ދުވަހު، މިންހާއަށް ހޭލެވުނީ ހެނދުނު ދިހައެއް ޖަހާ ބޮޑުވީ ފަހުންނެވެ. އޭނާއަށް ހޭލެވުނީވެސް ފޯނު ރިންގްގެ އަޑާއެކުއެވެ. ފޯނު ނަގާ ބަލައިލިއިރު، ގުޅަނީ ޔޫލިންކަމުން އޭނާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. އެއަށްފަހު، ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ... ލީން..."

"އަދި ކިރިޔާތަ ތި ހޭލީ؟" މިންހާއަށް ގޮވައިލަމުން ޔޫލިން ސުވާލުކޮށްލިއެވެ. މިންހާ ކަންނެތްކަމާއެކު އާއެކޭ ބުނެލިއެވެ.

"ކަމެއް ވެސް ނެތީތަ؟"

"އާނ. މާ ގަދައަށް ނިދުނީ؟" މިންހާ ބުނެލިއެވެ.

"ޝިޒާން ކޮބާ؟ އަދިވެސް ނިދާފަތަ؟" ޔޫލިންގެ ސުވާލާއެކު މިންހާ ހިނދުކޮޅަކަށް ހިމޭންވިނަމަވެސް، އޭނާ އެއްވެސްކަމެއް ޔޫލިންއަށް އަންގަން ބޭނުންނުވާތީ، އަވަސް އަވަހަށް ވާހަކަދައްކަން ފެށިއެވެ. އެ އަޑު އާދައިގެ ގޮތެއްގައި ބަހައްޓަން މިންހާ މަސައްކަތް ކުރިއެވެ.

"ޝިޒާން ހޭލައިގެން ކޮންމެވެސް ތަނަކަށް ގޮސްކަންނޭނގެ ވީ. އަހަންނަކަށް ނުގޮވާ..." ހާސްވީވަރުން މިންހާއަށް އަވަސް އަވަހަށް ބުނެވުނެވެ.

"އާޔ ޔޫ ޝުއަރ އެވްރީތިންގް އިސް އޯކޭ؟... ޝިޒާން އެކަނިތަ ތިގޭގައި އުޅެނީ؟" ޔޫލިން އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނާ ކަންތައްތައް އެނގެން ބޭނުންވިއެވެ.

"ބޮޑުގެއެއް މީ. ކޮންމެ ކަމަކަށް ނޯކަރުން ތިބޭ. އަހަރެން ހީކުރިވަރަށް ވުރެ ޝިޒާން މުއްސަނދި. " މިންހާ އެގެއާ ބެހޭގޮތުން އެތައް ވާހަކައެއް ޔޫލިންއަށް ކިޔައިދިނެވެ. ޔޫލިންވެސް މިންހާއަށް ވަރަށް ނަސޭހަތްދިނެވެ. މިންހާގެ ނަސީބު އަތުގައި ހިފީކަމަށާއި އާހިލްފަދަ މީހަކަށްޓަކާ ޝިޒާން ދޫކޮށްނުލުމަށް ޔޫލިން ނަސޭހަތް ތެރިވިއެވެ. އާހިލް މިންހާ ދެލެ ލޯބިވާނަމަ، އެއްފަަހަރު ނަމަވެސް މިންހާ ކައިރިއަށް އަންނާނޭކަމަށާއި އިސްވެ ކައިވެނީގެ ވާހަކަވެސް ދެއްކީސްކަމުގައި ޔޫލިން ބުނެލިއެވެ. މިންހާއަށްވެސް އެންމެ ރަނގަޅުވާނީ ބާކީ އޮތް ދުވަސްތަކުގައި ޝިޒާންއާއެކު ޙަޔާތުގެ ދުވަސްތައް ހޭދަކުރުން ކަމުގައި ޔޫލިން ބުންޏެވެ. އެއީ މިންހާ ބައްޕަގެ އެންމެފަހު އެދުންކަމުގަޔާއި އެ އެދުން މިންހާ ފުއްދައިދޭންވާނޭ ކަމުގައި ޔޫލިން ބުންޏެވެ. މިންހާ ޔޫލިންގެ ވާހަކަތަކަށް އެއްބަސްވަމުން ދިޔަނަމަވެސް، އޭނާގެ ހިތުގައި ހިނގަމުން ދިޔައީ ވަރުގަަދަ ހައިޖާނުގަނޑެކެވެ.

ފެންވަރާލައިގެން ނުކުމެ ރީތިވެގެން، މިންހާ ކޮޓަރިން ނުކުމެގެން ތިރިއަށް މިސްރާބުޖެހިއެވެ. ސިޓިން ރޫމުގައި އޭރު ނޯކަރަކު ތަންތަން ފޮޅާ ސާފުކުރަން އުޅެއެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ.

"މޭމް. ކަމެއް ބޭނުންތޯ؟" މިންހާ ހުއްޓި އޭނާއަށް ބަލަން ފެށުމުން، ނޯކަރު ކުއްޖާ އޭނާގެ މަސައްކަތް ހުއްޓާލާ މިންހާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.

"ނޫން..." މިންހާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެ އަންހެން ކުއްޖާ މަސައްކަތަށް އެނބުރުމާއެކު، މިންހާ ގޭތެރެއަށް ނަޒަރު ހުއްޓައިލީ ޝިޒާންގެ އެއްވެސް އިޝާރާތެއް ވޭތޯއެވެ.

"މިންހާ..." މިންހާއަށް ސިހުން ލިބުނީ ކުއްލިއަކަށް އޭނާގެ ފަހަތުން ރާމިޒާ ގޮވައިލި އަޑު އިވިފައެވެ. މިންހާ އެނބުރި ބަލައިލިއެވެ.

"އެއްޗެއް ކައިލަން އުޅެންވީނު... ޝިޒާންތަ ތި ހޯދަނީ... " ރާމިޒާ ސުވާލުކޮށްލިއެވެ.

"އާނ... ނޫން..." މިންހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރާމިޒާ އޭނާގެ ފަހަތުން ކާބަޔަށް އައުމަށް މިންހާއަށް އިޝާރާތް ކޮށްލިއެވެ. މިންހާ ރާމިޒާގެ ފަހަތުން ހިނގައިގަތެވެ.

"ޝިޒާން ވީ އޮފީހުގައި. ގެއަށް އަންނާނެ އިރެއް ބުނާކަށް ނޭނގެ. ކަމެއް ބޭނުންވެއްޖެއްޔާ ބުނެލާތި!" ރާމިޒާ ހިތްހެޔޮކަމާއެކު، ވާހަކަ ދެއްކިއެވެ.

ކާ މޭޒު ކައިރިއަށް ހުއްޓުނު މިންހާ ހުރީ އާޝާހުވާވަރުވެފައެވެ. އޭނާއަށް މީރުހެން ހީވާކަހަލަ އެއްޗެއް ވިއްޔާ މޭޒުމަތީގައި ހުއްޓެވެ. ތަފާތު ވައްތަރުގެ ސެލެޑާއި ހެނދުނުގެ ނާސްތާއަށް ކަމުދާ ގޮތަށް ތައްޔާރުކޮށްފައި ހުރި ސޭންޑްވިޗްވެސް ހުއްޓެވެ. އޭގެ އިތުރުން ޖޫހާ ސައިވެސް ހުއްޓެވެ. މޭޒުމަތީގައި ހުރި ބޮޑު މޭވާ ވަށިގަނޑު ފުރާލަށް ކަހަލަ ގޮަތަކަށް އެކި ވައްތަރުގެ މޭވާތައް ހުއްޓެވެ. މީގެ ކުރިން އޭނާއަށް ނުފެންނަ ޒާތުގެ މޭވާވެސް ހުއްޓެވެ.

"އިށީނދޭ..." ރާމިޒާ ގޮނޑިއަށް އިޝާރާތް ކޮށްލިއެވެ. މިންހާ ގޮނޑީގައި އިށީނެވެ. އޭނާ އިނީ ބަނޑުހައިވެގެން ހަލާކުވާން ކައިރިވެފައިކަމުން، މިންހާ ތައްޓަށް އެއްޗެހި އަޅައިގެން އަވަސް އަވަހަށް ކާން ފެށިއެވެ. ކައި ނިންމާލައިގެން މިންހާ ނުކުމެލީ ގޭގެ ފެންޑާއަށެވެ. އެތަނުގައި ހުރެފައި މިންހާ ގޯތިތެރޭގައި ހިނގާލަން ގަސްދުކޮށްލިއެވެ. ގޯތިތެރެއިން ހިނގަމުން ހިނގަމުން ގޮސް މިންހާ ގޭގެ ބިއްދޮށަށް މިސްރާބުޖެހިއެވެ.

މިންހާ ގޭގެ ބިއްދޮށަށް ދިޔަފަހުން، ކާރުގައި އައިސް ޝިޒާން ގެއަށް ވަނެވެ. އޭނާ ކާރު ގޭ މައިދޮރުގެ ކުރިމަތީގައި ބާއްވާފައި އެތެރެއަށް ވަތްއިރު، ވަދެވުނީ ރާމިޒާގެ ކުރިމައްޗަށެވެ.

"މިންހާ ކޮބާތަ؟ ހޭލައިފިތަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"ދެންމެ މިތަނުގައި ހުރެފައި ބޭރަށް ނުކުތީ..." ރާމިޒާ ބުނެލިއެވެ. ޝިޒާން ގަޑި ބަލައިލިއެވެ. އޭނާ އައީ ވަރަށް މުހިންމު ފައިލެއް ބާއްވާފައި ދެވުމުން އެ ބަލައެވެ. ގަޑިއަށް ބަލައިލަމުން ވަގުތުކޮޅެއް އޮތުމުންނާ އެކީ މިންހާގެ ޙަބަރެއް ބަލައިނުލާ އަނބުރާ އޮފީހަށް ދާކަށް ޝިޒާންގެ ހިތެއް އެއްބަހެއް ނުވެއެވެ. އޭނާ ވެސް މިސްރާބުޖެހީ ގޭގެ ބިއްދޮށަށް ދިޔުމަށެވެ. މިންހާއަށް ނުކުމެގެން ދެވޭނީ އެ ދިމާލަށް ކަން ޝިޒާންއަށް އެނގޭތީއާވެސް އެކުގައެވެ.

ގޭގެ ބިއްދޮށަށް ދިޔަ މިންހާއަށް އަނެއްކާވެސް އެގޭގެ ފުރިހަމަކަމާއެކު ހިތާހިތުން ތައުރީފް ކުރެވެން ފެށިއެވެ. ބަގީޗާތެރޭގައި އުނދޯއްޔެއް ބަހައްޓާފައި ހުރިއިރު އެތަނުގައިވެސް ހަވީރު ސައިބޮވޭ ފަދަ ގޮނޑިތައް ވަށް މޭޒެއްގެ ދޮށުގައި ބަހައްޓާފައި ހުއްޓެވެ. ތަނުގައި ހައްދާފައިވާ ފެހިގަދަ ވިނަގަނޑުގެ ސަބަބުންވެސް އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭއިރު ހިނގޭނޭ ހެން ރަތްކުލައިގެ ގާ ޖަހާފައި ހުއްޓެވެ. ހިތްގައިމު މާހައުލެކެވެ. މިންހާގެ ނަޒަރު ހުއްޓުނީ އެއްފަރާތުގައި ހަދާފައިވާ ސްވިމިން ޕޫލަށެވެ. އޭނާ މަޑުމަޑުން އެ ދިމާލަށް ފިޔަވަޅުއަޅަން ފެށިއެވެ. ފެންގަނޑު ވަށައިގެން އިށީނދެވޭ ގޮނޑިތައް އެކި ދިމަދިމާލުގައި ބަހައްޓާފައިވާއިރު ނޫކުލައިން ފެންނަ ފެންގަނޑު ނުހަނު ސާފެވެ.

މިންހާ ފެންގަނޑު ކައިރީގައި ހުއްޓުނެވެ. ކޮންމެވެސް ވަރަަކަށް އޭނާ ހުރި ހިސާބު ތެމިފައިވާތީ، މިންހާ އެ ތަނަށް ކައިރިވީވެސް ފުދޭވަރަަކަށް ބަލައިގެންނެވެ. އެ ދިމާލަށް އަންނަމުން ދިޔަ ޝިޒާން މިންހާއަށް ނުފެނުނީ އޭނާ ޝިޒާންއަށް ފުރަގަސް ދީގެން ހުރީތީއެވެ. އެތަނަށް ގެއްލިފައި ހުރިވަރުން ޝިޒާން އައިސް އޭނާއާ ދާދި ގާތުގައި ހުއްޓުނުއިރުވެސް މިންހާއަކަށް ރޭކާނުލިއެވެ.

"މިންހާ..." ކުއްލިއަކަށް ޝިޒާން މިންހާއަށް ގޮވައިލުމާއެކު ސިހުނު، މިންހާ ފަހަތަށް އެނބުރުނުގަޑީގައި ދާދިގާތުން ފެނުނު ޝިޒާންގެ ސޫރައާއެކު، އޭނާއަށް ހަދައިލެވުނު ގޮތަކުން، ފައި އަރި އަޅައިލާ އޭނާ ކައްސައިލާ ގޮތްވިއެވެ. އެއާއެކު އޭނާއަށް ހިފުނީ ޝިޒާންގެ ގަމީހުގެ ގިރުވާނުގައެވެ. ހުޝިއާރުކަމާއެކު، ޝިޒާން މިންހާ ސީދާކޮށްލަން އުޅުނުނަމަވެސް، އެހާ ވަގުތެއް އޭނާއަކަށް ނުލިބުނެވެ. މިންހާއާއެކު އޭނާ ވެސް ގޮސް ވެއްޓުނީ ފެންގަނޑުގެ ތެރެއަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު