ސަރަހައްދީ ފުޓުބޯޅައިގައި އަޑުބަރޭއަށް ރެކޯޑެއް، އެންމެ އަވަސް ރަތް ކާޑު

ގައުމީ ޓީމަށް އަލުން ނެގި ހުނަރުވެރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ//އެފްއޭއެމް

މިއަދު ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު (އަޑުބަރޭ) އަލީ ކުޅެން ނުކުތްތާ މިނަޓެއް ނުވަނީސް ހޯދި ރަތްކާޑާއެކު ސަރަހައްދީ ފުޓުބޯޅައިގެ ރެކޯޑެއް ހަދައިފިއެވެ.

މުބާރާތުގެ ކުރިން އެންމެ ބޮޑު ފާޑިޔުކިޔުމެއް ވެސް އަމާޒުވި އަޑުބަރޭ މިއަދުގެ މެޗުގައި ކުޅެން އެރުވީ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ފަސް މިނަޓުގެ ތެރޭގައެވެ. އިތުރުވަގުތުގެ ދެވަނަ މިނަޓުގައި އަޑުބަރޭ ކުޅެން ނުކުތްތާ 30 ސިކުންތުގެ ތެރޭގައި އޭނާ ވަނީ ރެކޯޑެއް ހަދައިފައެވެ. އެކަމަކު މި ރިކޯޑަކީ ދިވެހި ރާއްޖެއަށް ވެސް ލަދުވެތި ރެކޯޑެކެވެ.

ކުޅެން އެރިތާ ގާތްގަނޑަކަށް 30 ވަރަކަށް ސިކުންތުގެ ތެރޭގައި އަޑުބަރޭ އަށް ރަތްކާޑެއް ރެފްރީ ދެއްކީ، ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ކުޅުމުން ބޭރުގައި ކުރި ފައުލަކާއި ގުޅިގެންނެވެ. މިއީ ސަރަހައްދީ ފުޓުބޯޅައިގައި ވެސް ކުޅެން ނުކުތުމަށްފަހު އެންމެ އަވަހަށް ކުޅުންތެރިއަކު ހޯދި ރަތްކާޑަށް ވުމަކީ ގާތް ކަމެކެވެ.

އެގޮތުން އަޑުބަރޭ ވަނީ ސްޓީވް ބޯޅަ އާއި ނުލައި ދުވެފައި ދަނިކޮށް ފަހަތުން އައިސް އުޅަނބޮށިން ސްޓީވްގެ ކަރުގައި ޖަހާފައެވެ. މިއާއެކު ވަގުތުން ރެފްރީ މެޗުގެ ކުޅުން ހުށްޓުވާ އަޑުބަރޭ އަށް ރަތްކާޑު ދެއްކިއިރު ގިނަ ވަގުތުތަކެއް ވަންދެން ސްޓީވް އަށް ދަނޑުމަތީގައި ވަނީ ފަރުވާދީފައެވެ.

ކުޅެން އެރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޑުބަރޭއަށް ރެފްރީ ދެއްކި ރަތްކާޑާއެކު މެޗުން މޮޅުވުމަށް ބާކީ ޓީމުގައި ހުރި ނަމަ ހުރި ހިތްވަރުވެސް ވަނީ ގޮސްފައެވެ. އަދި އެހެންމެ އޭގެ ސަބަބުން ޓީމު އިތުރަށް ޑީމޯޓިވޭޓްވެ، ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ވަނީ ބޭކާރުވެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުރި މިހާރު އުމުރުން 34 އަހަރުގެ އަޑުބަރޭގެ މިއަމަލަށް ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ފާޑުކިޔަމުންނެވެ. މިފަދަ އަމަލުތަކަކީ މީގެކުރިންވެސް ސަރަހައްދީ ފުޓުބޯޅައިގެ މައި އިދާރާ ތަކާއި، ގައުމުތަކުގެ ފުޓުބޯޅަ ފެޑެރޭޝަންތަކުންވެސް ހަރުކަށި އަދަބުތައް ދެމުން އަންނަ އަމަލުތަކެކެވެ.

އަސްހަދަކީ މީގެ ކުރިން ވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާ އަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި އޭނާ، ރާއްޖެ ތަށި ނެގި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ސަސްޕެންޑްކުރި އެވެ.

އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެއާ އެކު ކްލަބް ލެވެލްގެ ބައެއް މެޗުތައް ގެއްލުނެވެ.

comment ކޮމެންޓް