ހިޔާ ފުލެޓް ގޮނޑަކަށް

ހިޔާ ފްލެޓް ސަރަހައްދުގައި މީހަކު ކުނި އަޅަނީ. ސަން ފޮޓޯ / މުހައްމަދު ހައްޔާން

"ކުނީގެ ވަހާއި ހެދި ނޯއް ދަމާލަން ނުކެރޭ. މިތަނަށް ނާޅާ އެއްޗެއް ނެތް. މުޅި ސަރަހައްދު ކުނިވެފައި. މިއީ އިންސާނުން ދިރިއުޅޭ ތަނެކޭ ބުނަން ވެސް ލަދުގަންނަން ޖެހޭ."

ގިނަބައެއްގެ އުންމީދުތަކާ ގުޅިފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފުނި ޖެހިފައި ހުރި ކުނިބުނީގެ ކުޑަވަރެއްގެ ފަރުބަދައަކަށް އިޝާރާތް ކުރަމުން އެ ތަނުގައި ދިރިއުޅޭ މީހަކުން ބުންޏެވެ.

އެއީ ތެދެކެވެ. ސައިކަލް ގޮސް ޕާކު ކޮށްލީން ސުރެން ދުވަން ފެށީ ކުނި ވަހެވެ. އޭރު އަދި މި ކުނި ފަރުބަދަ ލޮލަށް ނުފެނެއެވެ. ކައިރިވީ ވަރަކަށް ވަސް އިތުރަށް ގަދަވިއެވެ. ދެން ފެނުނީ ކުނީގެ ފަރުބަދަ ތަކެކެވެ.

ކުނިން ބަރާވެފައި ހުރި ފަރުބަދަތަކަށް ކައިރިވެލިއިރު ހަގީގަތުގައި ވެސް އެތަނުގައި ނެތް އެއްޗެއް ނެތެވެ. ކަރުދާހާއި ލާން ގެންގުޅޭ އަންނައުނާއި ދަޅާއި ފުޅިއާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ނުވިތާކަށް ކުނި ބަތާއި ރިހަޔަށް ދަންދެން ހުއްޓެވެ. އެތަނުގައި ހަގީގީ ރަށްވެހިންނަކީ އެއްވާމަކަށް އުދުހިލާ އުދުހިލާ ތިބި މެހިތަކެކެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު އިތުރަށް ނުތަނަވަސްކަން އިހުސާސް ކުރެވުނެވެ.

މިއީ މިތާ ދިރިއުޅޭ އެންމެނަށް ކޮންމެދުވަހަކު ވެސް ފެންނާނެ މަންޒަރުތަކާއި ކުރެވޭނެ އިހުސާސްތަކެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ދިއުމާއެކު ފެންނަނީ 25 ބުރީގެ އުސް އިމާރާތްތަކެކެވެ. އެކި ކުލަކުލައިން ޖަރީވެފައި ހުރި ރީތި ހިޔާ ފްލެޓުތަކެވެ. ނަމަވެސް އެ ފްލެޓްތަކާ ހަމައަށް ދިއުމާއެކު ދެން ފެންނަނީ ހަޑި މަންޒަރެކެވެ. މިއީ ނާތަހުޒީބު ބައެއް ދިވެހިންގެ އިހުމާލުން ފެންނަ ފިނޑި އަމަލެކެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ތަރައްގީ ކުރި ހިޔާ ފްލެޓްތަކަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޅި ފްލެޓް ތަކަކަށް ވީއިރި، ފްލެޓުތައް ކިތަންމެ ރީތި ނަމަވެސް އެސަރަހައްދުން ދައްކުވައިދޭ މަންޒަރު ވަނީ ހަޑިވެފައެވެ. އެސަރަހައްދުގައި މިހާރު ހިނގާ ލެވެން ވެސް ނެތެވެ. ދުވާ ނުބައި ވަހާއި ފެންނަ ހަޑި މަންޒަރުން ތަނުގެ ފޮޓޯ އެއް ނަގާލެވެން ވެސް ނޯވެއެވެ.

އެ ކުނި ފަރުބަދައިގާ އެންމެ ގިނައިން ފެންނަން ހުރީ ދޮންނަ މެޝިން، އަވަން އަދި ފުރިޖު ފަދަ ގޭތެރޭގައި ބޭނުންކުރާ ސާމާނުގެ ހުސް ފޮށިގަނޑުތަކެކެވެ. ފުޅިމަދު ފޮށިގަނޑުތަކާއި އެކި ކަހަލަ ކަރުދާސް ފޮއްޓެވެ. ތަށިމުށިތަކާއި ޕްލާސްޓިކް ކޮތަޅުތަކާއި ސިމެންތި ހުސްކުރި ގޯންޏާއި ލަކުޑި ފަދަ އެއްޗެހިން މުޅި ސަރަހައްދު ވަނީ ފުރާލާ ގޮނޑަކަށް ބަދަލުވެފައެވެ.

ބެލެވޭގޮތުގައި ކުނީގެ ގޮތުގައި އެތާހުރި އެއްޗެއްސަކީ ހިޔާ ފްލެޓަށް ދިިރިއުޅުން ބަދަލުކުރާއިރު ގެއަށް ގަންނަ ސާމާނުތަކުގެ ހުސް ފޮށިގަނޑު ފަދަ އެއްޗެއްސެވެ.

ހިޔާ ޓަވަރު ހައެއްގައި ދިރިއުޅޭ މީހަކު ބުނީ ދަރިފުޅު ސްކޫލަށް ގޮވައިން ދާއިރު ވެސް އެސަރަހައްދުން ހިނގާފަ ދާން ބޭނުންނުވާ ކަމަށާއި ދުވާ ނުބައި ވަހުން އުނދަގޫ ވާ ކަމަށެވެ.

"ހަގީގަތުގައިވެސް މިތަން މިހާރު މިއޮތީ ގޮނޑަކަށް ވެފައި، މިހެން މިވަނީ އިންތިޒާމުތައް ހަމަނުޖައްސާ މި ފްލެޓުތަކަށް މީހުން ބަދަލުކުރީމާ، އެސަރަހައްދާ ކައިރިވިޔަސް ދުވާ ނުބައި ވަހުން ހުންނަން ޖެހެނީ ނޭފަތުގައި އަތް އަޅައިގެން،" ސަން އަށް ހިޔާފްލުޓުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

އެސަރަހައްދަށް ކުނި އަޅަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ހިޔާ ފްލެޓް ހަތަރެއްގައި ދިރިއުޅޭ މީހަކު ބުނީ އެސަރަހައްދަކީ އެޗްޑީސީން ކުނި އަޅަން ބުނެފައިވާ ތަން ކަމަށާއި ކުނިވާ ޒާތުގެ އެއްޗެއް ހުރިނަމަ އެތަނުގައި ހުންނަ ޑަސްބިނަށް ލުމަށް ބުނެފައިވާ ކަމަށެވެ.

"އަހަރެމެން ކައިރި ބުނެފައި އޮންނަނީ އެތަނަށް ކުނި އަޅަން. ކީއްވެގެންކަމެއް ނޭނގޭ ކުނި ނުގެންގޮސް އެހުންނަނީ އެއް. ކުނިވާ ޒާތުގެ އެއްޗެހި އަޅަނީ އެތަނުގައި ވެމްކޯ އިން ބަހައްޓާފާ ހުރި ޑަސްބިންތަކަށް،" އެމީހާ ކިޔައިދިނެވެ.

ކަންމިހެން އޮތްއިރު މިއީ ހަގީގަތުގައި ކޮންބައެއްގެ ޒިންމާއެއް އޮތް ކަމެއްތޯ ބަލާލުން މުހިއްމެވެ.

ފެލެޓްތަކަށް ވަނުމާއެކު ވެސް ފެނުނު މަންޒަރަކީ އެތަން މިތަނަށް ކުނި އަޅާފައި ހުރި މަންޒަރެވެ. ސިނގިރޭޓު ބޮއެފައި އެއްލާލައިފައި ހުރި ފިލްޓަރުތަކެއްގެ އިތުރުން ދަޅު ކުނި ފަދަ ތަކެއްޗެވެ. މިއީ އެތަނުގެ އެތެރޭގެ ހާލަތަށް ވީއިރު ހިޔާ ފްލެޓް ބޭރުން ބަލާލާ ކޮންމެ ފަހަރަކުވެސް ލޮލުގައި އަޅައިގަންނަނީ އެކުނި ފަރުބަދައެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ކުނި ގިނަވުމާ ގުޅިގެން ވެމްކޯ އަދި އެޗްޑީސީން ބުނަނީ ކީކޭ؟

މިކަމާ ގުޅިގެން ވެމްކޯގެ މާކެޓިން އެންޑް ޕީއާރު އޮފިސަރު އަހުމަދު އާޒިމް "ސަން"އަށް ވިދާޅުވީ ހިޔާ ފްލެޓް ސަރަހައްދުގައި އެ އޮޕަރޭޝަން ހިންގަނީ އެޗްޑީސީއާއި ވެމްކޯއާ ދެ ކުންފުނިން ގުޅިގެން ކަމަށެވެ. އެކަން ލަސްވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ނިމިފައި ނުވުވުމާއެކު ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ސަރަހައްދުގެ މަގުތައް އަދި ނިމިފައެއް ނުވޭ. މަގުތައް ނިމުމާއެކު ހަގީގީ އޮޕަރޭޝަން ދާނީ އޮޕަރޭޓް ވަމުން. މިވަގުތު ހިޔާ ފްލެޓަށް ހިދުމަތް ދެމުން މިދަނީ ހިލޭ ސާބަހަށް. އެތާ ބަހައްޓާފަ ހުރި ޑަސްބިންތަކަށް ކުނި އެޅުމުން ވެމްކޯ އިން ކުނިތަކާއި ހަވާލުވާނެ،" އާޒިމް ވިދާޅުވިއެވެ.

ވެމްކޯ ފަރާތުން ވާހަކަދައްކަވަމުން އާޒިމް އިތުރަށް ވިދާޅުވީ މިވަގުތު ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ފަރުދުންނަށް ވެސް މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހިލޭ ސާބަހަށް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ބައެއް މީހުން އެތަނުގައި ބަހައްޓާފައި ހުރި ޑަސްބިންތަކަށް ކުނި އަޅާ އެ ހިދުމަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކުވެސް މިހާ ގިނަ އާއިލާތައް ހިޔާ ފްލެޓްތަކަށް ބަދަލުވުމާއެކު، އެތާ ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކުނި މިނަގަނީ. މީ ޓްރާންސިޝަން ޕީރިއަޑް ކަމަށްވާތީ މައްސަލަތައް ވެސް ދިމާވަނީ. މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް ހިދުމަތް ފޯރުކޮށްދެވޭތޯ،" އާޒިމް ވިދާޅުވިއެވެ.

ވެމްކޯގެ ފަރާތުން ހިދުމަތް ދެވިގެން ދާނީ އެ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިމުމަށްފަހު ވެމްކޯއަށް ލިބެން ޖެހޭ އެކްސެސްތައް ލިބުމުން ކަމަށާއި ވެހިކަލް އަށް ވެސް ވަދެވޭނީ އޭރަށް ކަމުގައި އާޒިމް ވިދާޅުވިއެވެ.

ހަމައެހެންމެ ވެމްކޯ އިން ބުނެފައިވަނި އެޗްޑީސީން ޑަސްބިން ބަހައްޓަން ކަނޑައެޅި ހަތަރު ސަރަހައްދެއްގައި ޖުމުލަ ހަ ޑަސްބިން ބަހައްޓަފައިވާނެ ކަމަށެވެ. އެއިން ކޮންމެ ޑަސްބިނަކީ 640 ލީޓަރުގެ ޑަސްބިންތަކެކެވެ.

މީގެ އިތުރުން ވެމްކޯ އިން އަންނަނީ ހިދުމަތް ދިނުމަށް މުވައްޒަފުން ނަގަމުން ކަމަށާއި މަގުތަށް ނިމުނު ހާ އަވަހަކަށް ހިދުމަތް ދިނުމަށް ވާން ޖެހޭ ފުރިހަމަ ތައްޔާރީތައް ވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ހިޔާ ފްލެޓުގައި އުޅޭ ހުރިހާ ކަސްޓަމަރުން ވާނީ މިހާރު ވެމްކޯގައި ރަޖިސްޓްރީ ކުރެވިފައި ކަމަށާއި ރަޖިސްޓްރޭޝަންގެ އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެތަނުގައި ދިރިއުޅޭ މީހުން ފްލެތްތަކުގެ ބޭރުގައި ކުނި ބެހެއްޓި ނަމަވެސް ވެމްކޯ އިން ނުގެންދާނެ ކަމަށާއި ދޮރުމަތިން ކުނި އަދި ނަގަން ނުފަށާ ކަމަށާއި އިމާރާތުގެ ތިރީގައި ހުންނަ ޑަސްބިނަށް ކުނި އެޅުމުން ކުނި ނަގާނެ ކަމަށް ވެމްކޯ އިން ބުނެފައިވެއެވެ. އެހާ ގިނަ ބަޔަކު ބަދަލުވަމުންދާތީއާއެކު އޮވާ ފްލޯ ގެ މައްސަލަތައް ވެމްކޯ އަށް ކުރިމަތިވެފައިވީ ނަމަވެސް ކޮންމެދުވަހަކުވެސް ގަވާއިދުން ވެމްކޯ އިން ކުނި ނަގަމުންދާ ކަމުގައި ވެމްކޯ އިން ބުނެފައިވެއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ފަރާތުން ވާހަކަ ދައްކަވަމުން އަލީ މަޝާރު ވިދާޅުވީ ދެ ވައްތަރެއްގެ ކުނި ހުންނައިރު، އޭގެ ތެރެއިން ގާ ކުނި ފަދަ އެއްޗެއްހި އަޅަން ވަކި ސަރަހައްދެއް ކަނޑައަޅާފައި ވާނެ ކަމަށާއި ކުނިވާ ޒާތުގެ އެއްޗެހި އަޅަން ޑަސްބިންތަކެެއް ހަމަޖައްސާފައިވާނެ ކަމަށެވެ.

"ކޮންމެދުވަހަކު އެޗްޑީސީގެ ކްލީނިން ޓީމުން ދަނީ އެތަން ސާފުކުރުމުގެ މަސައްކަތް ކުރެވެމުން. އެތައް ބަޔަކު ދުވަހެއް ދުވަހަކަށްފަހު ބަދަލުވުމާއެކު ކޮންމެ ދުވަހަކުވެސް ވަރަށް ބައިވަރު ކުނި އެތަނަށް އެބަ އަޅާ. ކޮންމެ ދުވަހަކުވެސް އެޗްޑީސީން ކޮންމެވެސް ޕަސެންޓޭޖެއް ފުރިހަމަ ކުރަމުން ދާނީ،" މަޝާރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަކި ސަރަހައްދުތަކަކަށް އެޗްޑީސީން ކުނި އަޅަން ބުނެފައިވީ ނަމަވެސް މަނާ ބޯޑު ޖަހާފައި ހުންނަ ސަރަހައްދަަށް ކުނި އަޅަމުން ގެންދާ ކަމަށް މަޝާރު ވިދާޅުވިއެވެ. އެޗްޑީސީން ސާފުކުރަމުން ގެންދާނީ ކަނޑައެޅިފައިވާ ސަރަހައްދުތަކަށް އަޅާފައި ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ އެޗްޑީސީން ގާކުނި އަދި ކޮންސްޓްރަކްޝަން ވޭސްޓް އަޅަން ވަކިސަރަހައްދެން ކަނޑައެޅިފައިވާ ކަމަށް އެޗްޑީސީން އިއުލާން ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަންމިހެން އޮތް އިރު މިފެންނަނީ ނާތަހުޒީބު ބައެއް ދިވެހީންގެ ކިބައިން ފެންނަ ފިނޑި އަމަލެކެވެ. ތިމާ ދިރިއުޅެމުން އަންނަ ވެށި ހަލާކުވިޔަ ނުދީ ފަރުދީ ޒިންމާ މިކަމުގައި ނަގަން ޖެހެއެވެ. ވަކި ބަޔަކަށް ބަރޯސާވެ ތިބެ އެ ހަޑި މަންޒަރު ދިވެހީންގެ ކިބައިން ފެނިގެން ނުދިޔުމަށް އަތުކުރި އޮޅާލާ މަސައްކަތްތަކެއް ކުރެވެން އެބަޖެހެއެވެ. އެންމެ ކުޑަމިނުން ބޮއެފައި އެއްލާ ދަޅު ވެސް ޖެހުނުހާތާކަށް އެއްލާލާކަށް ނުވާނެއެވެ. ކުނި އަޅަން ހާއްސަކޮށްފައިވާ ސަރަހައްދަން ކުނި އެޅުން މުހިއްމެވެ. ވެށި ސަލާމާތްކުރަމާތޯއެވެ.

comment ކޮމެންޓް