ބޭވަފާތެރިޔާގެ މަތިން ހަނދާން ނައްތާލާނީ ކިހިނެއް؟

އިންތިހާއަށް ލޯބިވާ މީހަކު ތިބާއަށް އޮޅުވާލާ، ބޭވަފާތެރިވުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. އެހެނަސް އެފަދަ ކަމެއް ކުރިމަތިވުމުން ގަބޫލުކުރަން ޖެހޭ ކަމެކެވެ. އެމީހަކު ބޭވަފާތެރިވުމުން ތިބާގެ ސިކުނޑީގައި އޭނާގެ ޚިޔާލުތައް ފުނިޖެހިފައިވާނަމަ އޭގެ ފުން އަސަރު ތިބާއަށް ކުރުވާނެއެވެ. އެކަމަކު، ދުވަސްވާވަރަކަށް އެކަން ހަނދާންނެތޭ ފަހަރު އާދެއެެވެ. ނަމަވެސް ގިނަ ފަހަރު، ބޭވަފާތެރިޔާގެ މަތިން ހަނދާން ނައްތާލަން ކިތަންމެ މަސައްކަތް ކުރިޔަސް އެކަން އޮންނަނީ ނުވެފައެވެ. މިކަމުން އެނގިގެންދާ ކަމަކީ ބޭވަފާތެރިޔާ ހިތުން ނެރެ އެއްލާލުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭކަމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުންނެވެ.

ވެދިޔަ ކަންތަކަކީ ވީ ކަމެއްކަމުގައި ހިތާއި ސިކުނޑިން ގަބޫލުކުރުން

ބޭވަފާތެރިޔާގެ މަތިން ހަނދާން ނައްތާލުމަށް އެންމެ ފުރަތަަމަ ކުރަންޖެހޭ ކަަމަކީ އެއީ ހަގީގަތުގައިވެސް ވީ ކަމެއްކަމުގައި ހިތާއި ސިކުނޑިން ގަބޫލުކުރުމެވެ. ތިބާއާއެކު އެމީހަކަށް ނޫޅެވުނުކަން ގަބޫލުކުރުމުން ތިބާ އެމީހަކާއެކު އުޅުމަށް ކުރި އުންމީދުތަކާއި ދުށް ހުވަފެންތައް ހަނދާން ނައްތާލަން ފަސޭހަވެގެންދާނެއެވެ.

އެހެންމީހުންނާ ބައްދަލުވެ މަޖާކުރުން

މީހަކު ބޭވަފާތެރިވުމުން ނުވަތަ ލޯބިވާ މީހަކު ތިބާއާ ވަކިވުމުން ހިތާމަކުރަމުންދާއިރު އެކަނިވެ ހުރުމަކީ ރަނގަޅުކަމެއްނޫނެވެ. އެއީ ނަފުސާނީ ގޮތުން ތިބާ ވަރަށް ބޮޑަށް ބަލިކަށި ކުރުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ. އަދި ބޭރަށް ނުކުމެ، އެކުވެރިންނާ ބައްދަލުވެ ސަކަރާތްޖަހާ މަޖާކޮށް ހެދުމުން ތިބާއަށް ލިބިފައިވާ ހިތްދަތިކަމަށް ލުއި ލިބޭނެއެވެ.

ފާއިތުވި ދުވަސްތަކުގައި ވީ ކަންތައްތަކުގައި ތިބާ ކުށްވެރިނުކުރުން

ލޯބިވެރިޔާ ބޭވަފާތެރިވީ ތިބާއަށް އޭނާއާ ދޭތެރޭ ރަނގަޅަށް ކަންތައްތައް ކޮށްދެވިފައި ނުވާތީ ކަމުގައި ތިބާ ގަބޫލުކޮށް އެކަމުގައި އަމިއްލަ ނަފުސު ތިބާ ކުށްވެރިކުރާނަމަ ދިރިއުޅުމުގައި ތިބާއަށް ކުރިއަށް ނުދެވޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި އެމީހަކު މަތިން ހަނދާން ނައްތާލަން އުނދަގޫވާނެއެވެ.

ތިބާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ވަގުތުގެ ބޭނުން ހިފުން

އެކަންކަމުން ތިބާގެ ސިކުނޑި ބަރީއަކުރުމަށްޓަކައި ތިބާގެ އަގުހުރި ވަގުތުތައް ތިބާއަށްޓަކައި ބޭނުންކުރާށެވެ. ދިރިއުޅުމުގައި ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި މަސައްކަތްތައް ކުރާށެވެ. ނަތީޖާއެއްގެ ގޮތުން ބޭކާރު ވިސްނުންތަކުން ތިބާ ސަލާމަތްކޮށްދޭނެއެވެ.

އެމީހަކު މަތިން ހަނދާންވާފަދަ ތަންތަނުންނާއި ކަންކަމުން ދުރުވުން

ބައެއް ތަންތަނަށް ދިއުމުންނާއި ބައެއް އެއްޗެހި ފެނުމުން ލޯބިވީ މީހާ މަތިން ހަނދާންވާނެއެވެ. އެހެންކަމުން އެމީހަކު މަތިން ހަނދާން ނައްތާލަން ބޭނުންނަމަ އޭނާއާ ގުޅުން ހުރި ތަންތަނަށް ދިއުން ހުއްޓާލަން ޖެހެއެވެ. އަދި އެމީހަކު މަތިން ހަނދާންވާ ތަކެތި ފެންނަން ހުންނަ ނަމަ އެ އެއްޗަކީ ނައްތާލެވޭ އެއްޗަކަށްވާނަމަ ރަނގަޅު ގޮތަކީ އެ އެއްޗެއް ނައްތާލުމެވެ.

އަދި އެމީހަކު މަތިން ހަނދާން ވާ ފަދަ ލަވަތަކާއި ޓީވީ ޑްރާމާތައް ބެލުމަކީ ރަނގަޅުކަމެއް ނޫނެވެ. އެއީ އެމީހަކު މަތިން އިތުރަށް ތިބާ ހަނދާންވެ ހިތްދަތިކުރުވާނެ ކަމެކެވެ. އެހެންކަމުން އެފަދަ ކަންކަމުންވެސް ދުރުވެ ހުރުން މުހިންމެވެ.

އެހެން މީހަކާ ލޯބީގެ ގޮތުން ގުޅުން

އެހެން މީހެއްދެކެ ލޯބިވާއިރު މިކަމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ބޭވަފާތެރިވި މީހަކު މަތިިން ހަނދާން ނައްތާލަން މިއީ އެންމެ ފަސޭހަ ގޮތެވެ. އެހެން މީހެއްގެ ފަރާތުން ލޯތްބާއި އަޅައިލުން ލިބި، ތިމާ އެމީހަކަށް އަޅައިލުމާއި އިހުތިރާމު ދިނުމުން ދެމީހުންގެ ދެމެދު ލޯބި އުފެދުން އެކަށީގެންވެއެވެ.

މަސްދަރު: މެރިއޭޖް.ކޮމް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު