މަހަށް ގޮސް އުޅުނު މީހަކު ސްޓްރޯކެއް ޖެހި ކުއްލި ގޮތަަކަށް މަރުވެއްޖެ

ކުއްލި ގޮތަކަށް މަރުވި މީހާ ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ/ އެމްއެންޑީއެފް

މަހަށް ގޮސް ހުއްޓާ ސްޓްރޯކެއް ޖެހި ކުއްލި ގޮތަކަށް މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަހަށް ގޮސް އުޅުނު ދޯނިން މަސްވެރިކަން ކުރަމުން ދިޔައީ ގދ. ތިނަދޫ ހުޅަނގުން 33 ނޯޓިކަލް ބޭރުންނެވެ.

ދޯނީގައި ހުއްޓައި އޭނާއަށް ކުއްލި ގޮތަަކަށް ސްްްޓްރޯކެއް ޖެހުމާއެކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އޭނާވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ސީ އެމްބިއުލާންސްގައި ތިނަދުއަށް ގެންގޮސްފައިވަނީ ހަވީރު 17:25ހާއިރެވެ.

މި ހާދިސާއާ ގުޅިގެން ޑރ. އަބްދުއްްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިކަމަށެވެ.

"ސްޓްރޯކެއް ޖެހިގެން އޭނާ މަރުވީ. ދެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އަޅުގަނޑުމެން އޭނާ ގެނައީ. ގެނައި އިރު ވެސް އޮތީ މަރުވެފައި،" އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް