މިނިވަން މުއައްސަސާތަކަށް ބަޖެޓު ނުދެނީ މިނިވަންކަމާއެކު މަސައްކަތްކޮށްފާނެތީ: ސަލީމް

ނޮވެމްބަރު 15، 2021: އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ފުރިހަމައަށް ބަޖެޓު ނުދެނީ އެ މުއައްސަސާތަކުން މިނިވަންކަމާއެކު މަސައްކަތްކޮށްފާނެތީކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ބަޖެޓާ ގުޅޭގޮތުން އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އަންނަ އަހަރަށް އޮތް ބަޖެޓަކީ މިނިވަން މުއައްސަސާތަކަށް ފައިސާ ދެވޭނެ ވަރުގެ ގާބިލްކަން ހުރި ބަޖެޓެއް ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ކަމެއް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަންވެސް ކުރައްވާ ސަލީމް ވިދާޅުވިއެވެ.

ނޮވެމްބަރު 15، 2021: އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާމެދު އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"މިނިވަން މުއައްސަސާތަކަށް އަސްލު ބަޖެޓު ނުދޭ ގޮތަކީ އެ މީހުން މިނިވަންކަމާއެކީގައި އަސްލު މަސައްކަތްކޮށްފާނެތީ. އެ މީހުންނަށް އަދި ދޭ ނަޖެޓެއް ވެސް އެ މީހުންނަކަށް ނުދޭނެ. މިހާރު އެ ދޭ އެތިކޮޅު ވެސް އިންނާނީ ފިނޭންސް މިނިސްޓަރުގެ އަތުގައި. އޭތިކޮޅު އޮފީހަށް ވެސް ދޭނީ އެ މީހުން އެ ދުވަހަކަށް ބޭނުންވާ އަދަދަށް ވާ ވަރުގެ ފައިސާކޮޅެއް،" ސަލީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާވަނީ ސަރުކާރުން އެ ގޮތަށް ކަންކުރަނީ ސަރުކާރުގެ ތެރޭ އޮތް މަކަރުވެރި ވިސްނުންތަކުގެ ސަބަބުންކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި ސަރުކާރުގެ އަމިއްލަ ބޭނުމަށް ހަދާފައިވާ އެކިއެކި ކޮމިޝަންތަކަށް ބޮޑެތި ބަޖެޓުތައް ހޭދަކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަމަ ވަޒީފާ މި މީހުންގެ އެކްޓިވިސްޓުންނަށް ދޭންވެގެން ހެދެން އޮތް ހުރިހާ ކޮމިޝަނެއް ހަމަ ފާޑު ފާޑުގެ ނަންނަމުގައި އެ ހަދަމުން އެ ގެންދަނީ. އެހެންވީމާ އެ ބޭފުޅުން ވަޒީފާ ދިނުމުގެ ބޭނުމުގައި އަދިވެސް އިތުރު ކޮމިޝަންތައް ހެދުމަކީ ހަަމަ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އިދިކޮޅުން ބަޖެޓަށް ވޯޓު ދޭނެކަމަށެވެ. އަދި ބަޖެޓަށް ވޯޓު ނުދީ ރައްޔިތުންގެ ހައްގުތަކަށް އެއްވެސް ހުރަހެއް އެޅުނަ ނުދޭނެކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ބޮޑެތި ގެެއްލުންތަކަކާއެކު ފާސްވާނެ ބަޖެޓެއްކަމަަށް ޕީޕީއެމް، ޕީއެންސީގެ ހުރިހާ މެމްބަރުން ވެސް ވަނީ ވިދާޅުވެފައެވެ. އަދި ބަޖެޓަށް ވޯޓު ދިނުމުގައި އެ ކޯލިޝަނުން ވިސްނާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް