ރައްޔިތުން އެދެނީ މިޔަރުގެ މަސްވެރިކަމުން ވެސް އާމްދަނީ ހޯދަން: އާމިރު

މެމްބަރު އަހްމަދު އާމިރު --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުން މިއަދު އެދެނީ މިޔަރުގެ މަސްވެރިކަންކޮށް އެ މަސައްކަތުން ވެސް އާމްދަނީ ލިބޭނެ ގޮތެއް ވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ފުދުންތެރިވުމަށް ޓަކައި ރާއްޖެއަށް ލިބިފައި އޮތް ހަމައެކަނި ވަސީލަތަކީ ގުދުރަތީ މުއްސަނދިކަން ކަމަށެވެ. އަދި އެއީ ޓެކްސްގެ ނިޒާމުން އާމްދަނީ ހޯދުމަށް މަގުފަހިކުރުވި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ކަނޑުގެ މުއްސަދިކަން އޮތް ގައުމެއް. އެކަމު އަޅުގަނޑުމެންނަށް ކަނޑުގެ ބޭނުން އެބަ ހިފޭތޯ. ހަމައެކަނި ޓޫރިޒަމް ނޫން ގޮތަކަށް އާމްދަނީ ލިބޭނެ ގޮތެއް ނެތް ވަނީ ކަމަށް ވަންޏާ ކޮންމެސް މުއާހަދާއެއްގައި ސޮއިކޮށްފައި އެ ކަންކަަމަށް ހުރަސް އެޅޭ ކޮންމެވެސް ކަމެއް ކުރަނީ،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މިޔަރުގެ މަސްވެރިކަމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކަންކޮށް ވަރަށް ރަަނގަޅަށް ނަފާ ހޯދަމުން އައި ކަމެއްކަމަށެވެ.

"ކީއްވެތޯ މިއަދު ދައުލަތަށް އަލުން ނުކެރިގެން މި އުޅެނީ އަނބުރާ ރިވައިޒްކޮށްފައި އެ މުއާހަދާ އިސްލާހުކޮށްފައި މިޔަރުގެ މަސްވެރިކަމުން އާމްދަނީ ހޯދޭނެ ގޮތެއް ހޯދަން. މި ބާވަތަށް ވީހެން ކަނޑުމަސްވެރިކަން ކުރަނިކޮށް ކަނޑުމަސް މީގެ ފަހުން ކެއުން މަނަލޭ ބުނީމާ ދެން އަޅުގަނޑުމެން ކީއްތޯ ކުރާނީ،" އޭނާ ވިދާޅުވިއެެެވެ.

އެއާއެކު އޭނާ ވިދާޅުވީ މުއާހަދާތަކުގައި ސޮއިކުރާއިރު ރައްޔިތުން އެކަމުގައި ދެކޭ ގޮތް ހޯދަން ވާނެކަމަށެވެ. އަދި ރައްޔިތުން ނޭދޭފަދަ ކަންކަން ކޮށްގެން ލިބޭނީ ބޮޑު ގެއްލުމެއްކަމަށް އޭނާ ވިދާޅުވިއެެވެ.

އިތުރަށް ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ ބަޖެޓުގައި ހިމެނޭ ކަންކަން ދުވަހަކު ވެސް ތަންފީޒުނުކުރެވޭކަމަށެވެ. އަދި ރައްޔިތުން ތަަމްސީލުކުރާ މެންބަރުންގެ ހައިސިއްޔަތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރި ކަމުގައިވީ ނަމަވެސް އެކަމަށް އެއްވެސް މިންވަރަކަށް އަޅައިނުލާކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަށް މެންބަރުން ބަހުސްކުރައްވަމުން އަންނަ އިރު މިހާތަނަށް ޖުމްލަ 70 މެންބަރުންވަނީ ބަހުސްކުރައްވާފައެވެ. މިހާރު ބަޖެޓު އޮތީ ބަޖެޓު ކޮމިޓީގައި ދިރާސާކުރުމުގެ މަރުހަލާގައެވެ.

comment ކޮމެންޓް