ހިޔާ ފްލެޓް: އަލިފާނުގެ ބޮޑު ހާދިސާއެއްގެ ބިރު ހީވެފައި!

ހިޔާ ފްލެޓް ކައިރީ ހުރި ކުނިތަކެއްގައި ރޯވެފައި -- ފޮޓޯ/ މަރިޔަމް ޝިއުނާ-ޓުވިޓާ

އަހަރެމެން ދިވެހިންނަކީ ބައެއް ފަހަރަށް ނިކަން ކަންފަސޭހަ ބައެކެވެ. ކޮށްލެވޭ ކުޑަކުޑަ ކަމެއްގެ ސަބަބުން ނުކުމެދާނެ ހިތި ނަތީޖާއަކާ މެދު ގިނަ ފަހަރަށް ވިސްނާލެވެނީ ކޮންމެވެސް ބޮޑު ހާދިސާއަކާ ކުރިމަތި ވީމައެވެ.

ބްރިޖްގައި އެކްސިޑެންޓްތައް ގިނަވާން ފެށުމާއެކު ހެލްމެޓް އެޅުން މަޖުބޫރު ކުރުމާއި، ކަނޑުމަތީގެ ހާދިސާތައް އިތުރުވާން ފެށުމުން ލައިފް ޖެކެޓް އަޅަން ފެށުމަކީ އޭގެ ބައެއް މިސާލުތަކެވެ.

މިދިޔަ ހުކުރު ދުވަހުގެ ހުކުރު ގަޑީ، ފިރިހެންވެރިން ހުކުރަށް ގޮސް، އަންހެނުންނާއި ކުޑަކުދިން ގޭގައި ހަމަޖެހިލި ވަގުތު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ކައިރީ ހުރި ކުނިތަކެއްގައި ވަނީ އަލިފާން ރޯވެފައެވެ.

އެއީ އެންމެ ފަހުން އެތަނުގައި ރޯވި ދުވަހަށްވީ ނަމަވެސް، އަލިފާން ރޯވެގެން ރިޕޯޓްކުރާވަރު ގިނަ ކަމުން، އެތަނުގައި "ދެދުވަހުން އެއްދުވަހު" އަލިފާން ރޯވާ ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު ސިފަކުރައްވައެވެ.

"ކޮންމެގޮތެއް ވިޔަސް އަލިފާނަކީ ސޭފް އެއްޗެއް ނޫން. އެކަން އެގޮތަށް [ރޯވުން އެއީ] ބަޔަކު ގަސްދުގަ ކުރާ ކަމެއް ވެއްޖެއްޔާ އެއީ ވަރަށް ދެރަ ކަމެއް. އެކަމަކު އަޅުގަނޑުމެންނަކަށް ނޭނގޭ އެއީ ބަޔަކު ގަސްތުގަ ކުރާ ކަމެއް ކަން ބުނާކަށް،" އަލިފާނުގެ ސަބަބުން ލިބިދާނެ ގެއްލުމެއް ސިފަކުރައްވަމުން ހަނާ ކިޔައިދެއްވިއެވެ.

ހިޔާ ފްލެޓްތަކުގެ ކައިރީގައި ހުންނަ ކުނީގައި އަލިފާން ރޯވަނީ ގަސްތަކާ ނުލާ މީހަކަށް ކޮށްލެވޭ އަމަލަކުން ކަމެއް ނޫނީ ގަސްތުގައި ބަޔަކު ރޯކޮށްލަނީ ކަމެއް ޔަގީންކޮށް ބުނާކަށް އެމްއެންޑީއެފް އަކަށްވެސް އަދި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަކަށް ވެސް ނޭނގެއެވެ.

ނަމަވެސް އެންމެނަށް އެއްބަސްވުމަކަށް އާދެވޭ އެއްކަމެއް އޮވެއެވެ. އެއީ ގިނަ ފަހަރަށް އަލިފާން ރޯވާން ދިމާވަނީ ސިނގިރޭޓް ފިލްޓަރެއް އެއްލާލުމުންނެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކުނިތަކެއް -- ފޮޓޯ ސޯޝަލް މީޑިއާ

ހިޔާ ފްލެޓްގެ ޓަވަރު10 ގައި އުޅޭ އިސްމާއިލް އަބްދުއްރަހީމް (އިއްސެ) ބުނާ ގޮތުގައި އަލިފާން ރޯވަނީ ސިނގިރޭޓް ބުއިމަށްފަހު ފިލްޓަރު ނިވާނުލައި ޓަވަރު މަތިން އެއްލައިލާތީއެވެ. ފަރުވާ ކުޑަކޮށްލެވޭ އެފަދަ އަމަލަކުން ވެސް ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށް އޭނާ ގަބޫލުކުރެއެވެ.

"މިސާލަކަށް ވައި ހުންނަ ގޮތަކުން ފްލެޓެއްގެ ތެރެއަށް ހިފައިފިއްޔާ ކިހިނެތްތޯ ކޮންޓްރޯލް ކުރަން ހަދާނީ،"

ވައިގަދަ ދުވަހެއްގައި ދެ ޓަވަރު ދޭތެރޭގައި އާދަޔާ ހިލާފަށް ވައިގަދަވާ އިރު ހިޔާ ފްލެޓަށް ލިބިދާނެ ގެއްލުން ބޮޑުކަމަށް އިއްސެ ބުނެއެވެ.

އިއްސެ ބުނީ އަލިފާން ރޯވުމުގެ ހާދިސާތައް ހިނގުން ހުއްޓުވޭނީ އާއްމުން ފަރުދީ ޒިންމާ ނަގައިގެން ކަމަށެވެ. ސަބަބަކީ ބެލްކަނީގައި ތިބެގެން ސިނގިރޭޓް ބުއިން މަނާ ކުރުން ފަދަ ކަމެއް ކުރި ނަމަވެސް އާއްމުން އެގޮތަށް އަމަލު ނުކުރާނެތީއެވެ.

މިވަގުތު 853 އާއިލާ ހިޔާ ފްލެޓްގައި ދިރިއުޅެމުން ދާއިރު، ކުނިތަކުގައި އަލިފާން ރޯވާން ދިމާވާ ވަކި ސަބަބެއް ދެނެގަނެވިފައި ނުވާކަމަށް އެޗްޑީސީގެ މީޑިއާ އޮފިޝަލު އަލީ މަޝާރު ވިދާޅުވިއެވެ.

"އެކަހަލަ މައްސަލަތައް [ކުނީގައި ރޯވާ މައްސަލަތައް] އެބަ އާދޭ. ދެން މީގަ ސީދާ ރޯވަނީ މިހެންވެގެންނޭ ބުނާކަށް ނޭނގެ. އެކަމު މީގަ އެބައުޅޭ ބައެއް ހާލަތްތަކުގަ ސިނގިރޭޓް ބޮއެފަ ނިއްވާނުލާ އެއްލާލުމާ، އެކަހަލަ ބައެއް އިޝޫސް އުޅޭކަން މިކޮޅަށް ފާހަގަ ކުރެވިފަ އެބަހުރި" މަޝާރު ވިދާޅުވިއެވެ.

މަޝާރު ފާހަގަ ކުރެއްވި ގޮތުގައި ގޭބިސީތަކުން ކޮންމެ ދުވަހަކު އުކާލާ ޑަސްބިން ކުނި ވެމްކޯއިން އުކަމުން ދާއިރު، ބޮޑެތި ކުނީގެ ގޮތުގައި ހިމެނޭ ގާކުނި ނުވަތަ ކޮންސްޓަރަކްޝަން ވޭސްޓްގެ ކުނި އެޗްޑީސީން ކޮންމެ ދުވަހަކުވެސް އުކާލައެވެ.

ނަމަވެސް މަނާ ބޯޑު ޖަހާފައިވާ ތަންތަނަށް މީހުން ކުނި އެޅުމާއި މާލެއިން ހިޔާ ފްލެޓަށް ބަދަލުވާ މީހުން ގެންނަ އެއްޗެހީގެ ތެރެއިން ބައެއް ތަކެތި ކުނިތަކުތެރެއަށް އަޅާކަން އެޗްޑީސީން ފާހަގަކޮށްލިއެވެ.

އަލިފާން ރޯވުމުގެ ސަބަބުން މިހާތަނަށް އެއްވެސް ފްލެޓަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެޗްޑީސީން ވިދާޅުވާއިރު، އެގޮތަށް ގިނަގިނައިން ރޯވާނަމަ ދުމުގެ ސަބަބުން އާއްމު ސިއްހަތަށް ގެއްލުން ވާނެ ކަމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ބުނެއެވެ.

" އެވްރެޖްކޮށް ބަލައިފި ނަމަ އެބަ އާދޭ ހަފްތާއަކު ދެކޯލު ނޫނީ ތިން ކޯލު [އަލިފާން ރޯވެގެން]،"

ހިޔާ ފްލެޓްތައް ކައިރީ ހުންނަ ކުނީގައި ރޯވެގެން އާއްމުން ރިޕޯޓް ކުރާ ކަމަށާއި، އެފަދަ ކޯލެއް ލިބޭތާ މިނެެޓެއް ހާއިރުން ފުރަތަމަ ފިޔަވަހިން ފަޔާ ލޮރީ ދަތުރު ފަށާކަމަށް ފަޔާ ސާވިސްއިން ބުނެއެވެ.

ގިނަ ހާދިސާތައް ހިނގަނީ އާއްމުންގެ ފަރުވާ ކުޑަ ކަމުން ކަން ފަޔާ އެންޑް ރެސްކިއު ސާވިސްއިންވެސް ލަފާކުރެއެވެ.

"އެނގިހުރެ އެއްލައިލެވޭ ސިނގިރޭޓް ބަޓުކޮޅުތައް ނޫނީ ބައެއްފަހަރު ހިނގާފަ އެބަހުރި ގަސްތުގަ ކުނިތަކުގަ ރޯކޮށްލާފަވެސް،" ފްލެޓްތައް ކައިރީ ރޯވާން ދިމާވާ ސަބަބެއްކަމަށް ފަޔާ އެންޑް ރެސްކިއުއިން ފާހަގަ ކުރީ އެންމެންވެސް ބުނި ސަބަބުތަކެވެ.

އެޗް4 ގައި އުޅޭ އަލީ އަހުމަދުގެ ނަޒަރުގައިވެސް ކަން ވަނީ މިހެންނެވެ. އަހަރެމެން ދިވެހިންގެ ހުންނަ ގޯސް އާދަތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅެނީއެވެ.

" މިހާރު އަހަރުމެން މި ޓަވަރު ތެރެއިން ދެ ދުވަހަކު އެތަނުން މީހުންވެސް ނެރެލައިފިން އެގޮތަށް ކަންތައް ކުރާތީ. ހަމަ ފިލްޓަރު ނިއްވާނުލާ ސިނގިރޭޓު ބުރި ބަޓުބުރި އެއްލާލަނީ. ތަނެއްގައި ރޯވާނީ ބުނެފައެއް ނޫން،"

މިފަދަ ކަންކަމަކީ ދެތިން މީހަކު އުޅުނަސް ހައްލު ނުވާނެ ކަމަށް ބުނަމުން އަލީ ފާހަގަ ކުރި ގޮތުގައި އެ މައްސަލަ ހައްލު ކުރަން 'ތަންކޮޅެއް ރަނގަޅު ބައެއް' އުޅެންޖެހޭ ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު އުޅޭ މިކަހަކަ ތަނެއްގައި އަލިފާން ރޯވުން ފަދަ މައްސަލަތައް ކުރިމަތިވާތީ، އެކަން ހައްލު ކުުރުމަށް އަމިއްލަ ހަރަދުގައި ކެމެރާ ހަރުކުރަން ވެސް އަލީ ހުރީ ތައްޔާރަށެވެ. ނަމަވެސް އެޗްޑީސީން އެކަމަށް އެއްބަސްނުވާތީ އެކަން ނުވަނީއެވެ.

ހިޔާ ފްލެޓްތައް ކައިރީ ހުންނަ ކުނީގައި އަލިފާން ރޯވުން އާއްމުވެފައި ވާތީ، އެތަނުގައި އަލިފާން ރޯވާ ކޮންމެ ފަހަރަކު ހަބަރެއް ގޮތަށް އެ މައުލޫމާތު ނުދޭކަމަށް ކެޕްޓަން ހަނާ ފާހަގަ ކުރެއްވިއެވެ. އެއީ ކުޑަ ތަންކޮޅަކު ރޯވެފައި ވާތީއާއި ފަސް ވަރަކަށް މިނެޓް ތެރޭގައި ނިއްވާލެވޭތީއެވެ.

ނަމަވެސް އަލިފާނަކީ ނުރައްކާތެރި އެއްޗެއްކަމަށް ކެޕްޓަން ހަނާ ފާހަގަ ކުރައްވައެވެ. އެގޮތުން އަލިފާން ރޯވުމުން އަރާ ދުމުގެ ސަބަބުން އޭގެ ސިއްހީގެއްލުން ވާނެކަމަށް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ފާހަގަ ކުރެއެވެ. މީގެ އިތުރުން، ކުނި އަޅަން ހާއްސަ ތަންތަން ހުއްޓާ، އެހެން ތަންތަނަށް ކުނި އަޅާކަން އެޗްޑީސީން ފާހަގަ ކުރައްވައެވެ.

ކަން މިގޮތަށް ހުރި އިރު، އަންނަ މަސް ނިމޭއިރު ގްރޭސް ޕީރިއެޑް ނިމުމުން ހިޔާ ފްލެޓަށް އިތުރު އެތައް ބައެއް ކުރިއަށް އޮތް ތަނުގައި ޖަމާވާނެއެވެ. ދިރިއުޅެން ފަށާނެއެވެ. މާނައަކީ ކުރިއަށް އޮތް ތާނގައި މިހާރަށްވުރެ ކުނީގެ ގޮތުގައި ނެރޭ ތަކެތި ގިނަވާނެ ކަމެވެ. އެހެންކަމުން "ދެދުވަހުން އެއްދުވަހު" ކުނިތަކުގައި ރޯވާނަމަ ލިބިދާނެ ގެއްލުންތައް އިހުސާސް ކޮށްލައި، އެކަމަށް ދުރާލާ ފިޔަވަޅު އަޅަން ޖެހެއެވެ. ހުން އަންނާނެކަމަށް ރަޖާލާ އުސޫލުންނެވެ.

comment ކޮމެންޓް