ޖޭއެސްސީއާއެކު، ޕީޖީ ވެސް ރިފޯމްކުރަންޖެހޭ: ޑރ. ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން، (ޖޭއެސްސީ)އާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، (ޕީޖީ) ވެސް ރިފޯމް ކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެެވެ.

ޖަމީލް މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކެއްގެ އިތުރުން އެ މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ މެމްބަރުންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާތީ، އެ ނިންމެވުމަށް ފާޑު ވިދާޅުވެ، މިއަދު ކުރެއްވި ޓްވީޓްގައެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް ރާއްޖެއަކު ނެތް ކަމަށާއި އޭގެ ބަދަލުގައި ހުރީ ސަރުކާރުން ފޮނުވާފައިހުރި ގާނޫނީ ވަކީލެއް ކަމަށެވެ.

"މިހާރު އެންމެންނަށް ވެސް އަންދާޒާކުރަން އެނގޭ ދައުވާ ކުރާނެ އަދި ނުކުރާނެ މައްސަލަތައް. ޖޭއެސްސީއާއެކު ޕީޖީ ވެސް ރިފޯމްކުރަންޖެހޭ. އޭޖީ އޮފީހުން ދައުވާ އުފުލި ޒަމާނަށް އަނބުރާ އެކަން ރުޖޫއަވެއްޖެ،" ޖަމީލްގެ ޓްވީޓްގައި ވެއެވެ.

މިމައްސަލައަކީ، ރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ޑިސެންބަރު 31، 2019 ގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުމުން އޭސީސީން ތަހުގީގުކުރި މައްސަލައެކެވެ.

އޭސީސީން ބުނީ އެ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅީ ތިން ކުންފުންޏަކުން ކަމަށެވެ. އޭގެ ތެރެއިން ބިޑު އެވޯޑު ކުރަން ޓްރާންސްޕޯޓު މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނީ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާތިލުކުރުމަށްފަހުގައި ކަމަށެވެ.

އޭގެ އިތުރުން، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި، މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކުރާ، ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށްވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ކަމަށް އޭސީސީން ފާހަގަކުރިއެވެ.

އެ މިނިސްޓްރީން އެހެން ބުނި ނަމަވެސް އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި، ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

ހަމައެހެންމެ ތަހުގީގުން ބެލިބެލުމުން، ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް އޭސީސީން ބުންޏެވެ.

ހަމައެހެންމެ، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަހްގީގުން އެނގެން އޮންނަ ކަމަށް އޭސީސީން ބުންޏެވެ.

އެހެންކަމުން އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގްސަދުގައިކަން ތަހްގީގަށް ސާބިތުވާ ކަމަށް އޭސީސީން ބުންޏެވެ.

އެ މައްސަލާގައި ދައުވާކުރުމަށް ޓަކައި ފޮނުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޒު އަލީ (ބްލޫބެލް/ ސ.ހުޅުދޫ) އާއި، ހަމަދު ޢަބްދުލްޣަނީ (ގ.ސައިމާ/ މާލެ) އާއި، އަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ) އާއި، މުއައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ) އާއި، މަރްޔަމް ސަމާހަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ ނަމެވެ.

މީގެ އިތުރުން އޭސީސީން ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ. އަދި މިދިޔަ އޭޕްރިލް މަހުގެ 15ގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑާއެކު ގާއިމްކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައި ކަމަށް ވެސް އޭސީސީން ބުންޏެވެ.

comment ކޮމެންޓް