އީސީގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުދޭތާ އަށް އަހަރު

އީސީގެ ނައިބް ރައީސްއާ އެ ކޮމިޝަނުގެ ބައެއް މެންބަރުން ބަޖެޓު ކޮމެޓީގައި --- ފޮޓޯ: މަޖިލިސް

އިލެކްޝަން ކޮމިޝަން (އީސީ)ގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުދޭތާ އަށް އަހަރު ވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީން އެހެން ބުނެފައިވަނީ, އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މެންބަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް އެ ކޮމިޝަނުން ހުރި ކަންބޮޑުވުންތައް ފާޅުކުރަމުން އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ވިދާޅުވީ, މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި މަގާމުގެ ކުރިއެރުން ދޭން ޖެހޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް ވޭތުވެދިޔަ އަށް އަހަރު ދުވަހުގައި އެކަން ކުރެވިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ނުދެނީއެއް ނޫން. އަޅުގަނޑުމެން ހަމަ މުވައްޒިފުންގެ އެސެސްމަންޓް ހަދައި އެ ދޭން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ފިނޭންސް މިނިސްޓްރީއާ ހަމައަށް ފޮނުވީމަ މިނިސްޓްރީން އެޕްރޫވް ނުލިބިގެން އެކަން ނުވެފައި އޮތީ," ހަބީބް ވިދާޅުވިއެވެ.

އަސާސީ މުސާރައިގެ ގޮތުގައި އެހެން މުއައްސަސާތަކުން ދޭ ވަރުގެ ބޮޑު މުސާރައެއް އީސީގެ މުވައްޒަފުންނަށް ނުދޭކަން ފާހަގަކޮށް ހަބީބް ވިދާޅުވީ, އެތަނުގެ މުވައްޒިފުންގެ އަސާސީ މުސާރައަކަށް ދެނީ ސިވިލް ސާވެންޓަކަށް ލިބޭވަރުގެ އަދަދެއް ކަމަށެވެ. އެކަން ބަޖެޓުން ވެސް އެނގޭނެކަމަށް ހަބީބް ވިދާޅުވިއެވެ.

އެކަންކަން މިދިޔަ އަހަރު ވެސް އީސީން ފާހަގަކުރިއެވެ. މި އަހަރުގެ ޖުލައި މަހު އެކަމަށް ކޮންމެވެސް ހައްލެއް ލިބޭނެ ކަމަށް އޭރު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ބުނި ކަމަށް ހަބީބް ވިދާޅުވިއެވެ. ނަމަވެސް އެކަން ވާން ނެތް ކަމަށް ފިނޭންސް މިނިސްޓްރީއާ ހަވާލާދީ އެ ކޮމެޓީން ފަހުން އަންގާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

"މުސާރައިގެ ކުރިއެރުމެއް ނުދެވި އަނެއްކާވެސް އިތުރު އިންތިހާބްތަކެއް އަޅުގަނޑުމެންގެ ކުރިމައްޗަށް މި އަންނަނީ. މިކަންކަމަށް ބަލާއިރު އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ މުވައްޒަފުން މޯޓިވޭޓްކުރުމަށްޓަކައި އަޅުގަނޑުމެނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް،" ހަބީބް ވިދާޅުވިއެވެ.

އެހެންކަމުން އެ މައްސަލަ ހައްލު ކުރުމަށްޓަކައި އީސީގެ މުވައްޒަފުންނަށް އެލަވަންސެއް ދިނުމަށް ކޮމިޝަނުން އެދޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

"ކޮމިޝަނުން ވަރަށް ބޮޑަށް އެދޭކަމެއް ކޮމިޝަނުގެ މުވައްޒިފުންނަށް މަޖިލީހުގެ މުވައްޒިފުންނަށް އޮންނަހެން ޑެއިލީ އެލަވަންސެއް އޮތުމަކީ. އެއީ އިންތިހާބްތަކުގެ މަސައްކަތުގައި ފަރުވާތެރިކަމާ އެކު މަސައްކަތްކުރުމަށާއި އަދި ހާޒިރީއަށް ވެސް މުވައްޒިފުން ފަރުވާތެރިވުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް ގޮތުގައި އަޅުގަނޑުމެނަށް ފެނިގެން މިދަނީ," ހަބީބް ވިދާޅުވިއެވެ.

މުސާރައިގެ ކުރިއެރުން ނުދިނުމުގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން އިތުރު މަގާމަކަށް މުވައްޒިފުން ނެގުމުގެ ހުއްދައެއް ފިނޭންސް މިނިސްޓްރީން ދީފައި ނުވާކަން ހަބީބް ފާހަގަކުރެއްވިއެވެ. ނަމަވެސް އަށް އަހަރަށް ފަހު އަންނަ އަހަރު އީސީއަށް ގްރެފިކް ޑިޒައިނަރެއް ނެގުމުގެ ހުއްދަ ލިބިފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

"މުވައްޒިފުންނަށް ހައްގުވާ ކުރިއެރުން ދިނުމަށް އަޅުގަނޑުމެނަށް ބޭނުން މިވަނީ އެންމެ ހަތް ލައްކަ ރުފިޔާ. ދެން މުވައްޒިފުންނަށް ޑެއިލީ އެލަވަންސެއްގެ ގޮތުގައި ދެ މިލިއަން ރުފިޔާ އެބަ ހަރަދުވޭ," ހަބީބް ވިދާޅުވިއެވެ.

އީސީއަށް ބަޖެޓްކޮށްފައިވާ 28 މިލިއަން ރުފިޔާގެ 88 އިންސައްތަ އަކީ އެކޮމިޝަނަށް ކުރަން ހުރި ހަރަދުތަކަށް ހޭދަވާނެ އަދަދު ކަން ހަބީބް ފާހަގަކުރެއްވިއެވެ. އެއީ އެތަނުގެ މުވައްޒިފުންގެ މުސާރައާއި ތަނުގެ ފެނާއި ކަރަންޓަށެވެ.

"ބާރަ ޕަސެންޓަކީ އެއީ ކޮމިޝަނުގެ މެންޑޭޓްގައި ހުރި ކަންކަން ކުރަން ލިބިފައިހުރިވަރު," ހަބީބް ވިދާޅުވިއެވެ.

comment ކޮމެންޓް