އިސްލާމް ދީނުގައި ކިޔަމަންވުން

ޖޫން 12، 2016: ރަމަޟާންމަހުގެ ހަތްވަނަ ދުވަހު މާލޭގެ އިސްލާމީ މަރުކަޒުގައި ޒުވާނަކު ޤްރުއާން ކިޔަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީނުގެ އަލީގައި ކިޔަވަންވުމުގެ މައްޗަށް ބަލައި ވާހަކަ ދެއްވުމުގެ ކުރިން ކިޔަވަންވުމާމެދު ބުއްދިއާއި ފިކުރުގެ ނަޒަރިއްޔާތުން ބަލައި އަލިއަޅުވައިލުން މުހިއްމެވެ. މިނަޒަރުން ބަލާއިރު, ޕްރޮފެސަރު ޢުޘްމާން ބަކުރު ވިދާޅުވާގޮތުގައި، ކިޔަވަންވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންގެ ހަށިގަނޑުގައި ލައްވާފައިވާ ސިފައެކެވެ. އާދެ! ފިޠުރަތުން ލައްވާ އިންދަވާފައިވާ ސިފައެކެވެ.

މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ) މާނައީ: "ފަހެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دين އާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ فطرة އެއްގެ މައްޗަށް އުފެއްދެވި اللَّه ގެ فطرة އެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." (ސޫރަތުއްރޫމް:30).

ކިޔަމަންވުމާމެދު ނަފްސާނީ ގޮތުންނާއި، ޤާނުނީ އަދި އަޚްލާޤީ ނަޒަރުން ބަޙުޘްކުރެވެއެވެ. ނަފްސާނީ ގޮތުން ބަލާއިރު، އިންސާނާގެ ނަފްސުގައި މާތް ﷲ ވަނީ އެންމެ މަތީ ދަރަޖައަށް ކިޔަމަންވުމުގެ ޤާބިލްކަން ލައްވާފައެވެ. އިންސާނާ ވަކި ކަމަކަށް ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި އިދާރައަކަށް ކިޔަމަންގަނެއެވެ. ކިޔަމަންގަތުމުގެ ސިފަ އެކުއެކީގައި އިންސާނެއްގެ ކިބައިން ނިގުޅައި ނުގަނެވޭނެއެވެ. އެއީ އިންސާނާ އުފެއްދެވުމުގައި ލައްވާ އިންދަވާފައިވާ ސިފައަކަށް ނުވަތަ ބަހާ އަކަށް ވާތީއެވެ. ނަމަވެސް މިބަހާ ތަފާތު ސަބަބުތަކާހުރެ ބޭރުފުށުން ފެންނަގޮތް ތަފާތު ވަނީއެވެ. އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަމާއި، ތަޢުލީމާއި ތަރުބިއްޔަތުގެ މައްޗަށް މިކަން ބިނާވެއެވެ.

އިޖްތިމާޢީ ގޮތުންބަލާއިރު ޢާއިލާއިންނާއި، ތަޢުލީމީ މުއައްސަސާތަކުން ދެވޭ ތަޢުލީމާއި ތަރުބިއްޔަތާއި، އުޅޭ މުޖްތަމަޢުގެ ސަބަބުން ކިޔަމަންވުން ތަފާތު ގޮތްގޮތަށް ބައްޓަންވެއެވެ. ކިޔަމަންވުމަކީ ސިޔާސީވެސް މައްސަލައެކެވެ. އިންސާނާއަކީ މިނިވަންކަމާއި އިޚްތިޔާރު ލިބިގެންވާ މީހެއްކަމުން، ކިޔަމަންތެރިވުން ތަފާތު ގޮތްގޮތަށް ބިނާކުރެއެވެ. އެހެންކަމުން ވެރިންނާއި ރައްޔިތުންގެ މެދުގައި ކިޔަމަންތެރިކަން އޮންނަގޮތްވަނީ މުހިއްމުކަމަކަށް ވެފައެވެ.

ކިޔަމަންވުމަކީ މިދެންނެވި ހުރިހާ ދާއިރާތަކާގުޅޭ މައްސަލައެއްގެ އިތުރުން ދީނީ ބޮޑު މައްސަލައެކެވެ. ކިޔަމަންވުމާމެދު އިސްލާމް ދީނުގައި އެންމެ ނަޒަރިއްޔާއަކުން ބެލުމުގެ ބަދަލުގައި ތަފާތު ނަޒަރިއްޔާތުތަކުން ދެކެއެވެ. އެހެންކަމުން ދީނުގައި ކިޔަމަންވުން ޝާމިލްވެފައި އެހާމެ ފުރިހަމައެވެ. އިސްލާމް ދީނުގެ ނަޒަރުން ކިޔަމަންވުމުގެ މައްޗަށް ބަލައި ނަޒަރު ހިންގާއިރު، ޢާއްމު ރައްޔިތުންގެ ނިސްބަތުގައި، އިސްލާމީ މުޖްތަމަޢެއްގައި ދީނީ ޢިލްމުވެރިންނާއި ފަތުވާ ދެއްވާ މުފްތީންނަކީ އެބޭކަލުންނަށް ކިޔަމަންގަނެ އިޙްތިރާމް ކުރަންޖެހޭ ބައެކެވެ. އަދި ހެޔޮކަންތަކަށް އަމުރުކޮށް އަދި ނުބައިކަންތަކަށް ނަހީކުރާ މީހުންގެ އަމުރަށް ކިޔަމަންވާން ޖެހޭނެއެވެ. އެހެނީ ﷲ ވަޙީކުރައްވާފައިވާ ފަދައިން އިސްލާމީ އުންމަތް އެންމެ ހެޔޮ އުންމަތަށް ވަނީ، މިދެންނެވި ސިފަތަށް ފުރިހަމަ ވުމުންނެވެ.

ޙައްޤުގޮތް ދެނެ އެގޮތުގެ މަތިން ޙުުކުމްކުރާ ޤާޟީންނަކީ އެމީހުންގެ ކުރިމައްޗަށް ހުށަހެޅޭ ޤަޟިއްޔާތަކަށް ރަނގަޅަށް ބަލައި ޙުކުމް އިއްވާ ބަޔަކަށް ވީހިނދު، އެބޭކަލުންގެ ޙުކުމްތަކަށް ކިޔަމަންވާން ޖެހޭނެއެވެ. ޢާއްމު ފަރުދުންގެ އިތުރުން އިސްލާމީ ދައުލަތުގެ އިދާރާތައްވެސް މިދެންނެވި މާނައިގައި ކިޔަމަންވާން ޖެހެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި "އުލިލްއަމްރި" ގެ ތެރޭގައި މިދެންނެވި ފަރާތްތައް ހިމެނެއެވެ.

ކިޔަމަންވުމުގެ މައްސަލައިގައި ޢާއްމު ރައްޔިތުންނާއި ވަލިއްޔުލްއަމްރާއި ދެމެދުގައިވާ ގުޅުމަށް ބަލާއިރު، މި ދެމެދުގައިވާ ޝަރުޢީ ނުވަތަ ޤާނޫނީ ގުޅުމަކީ ވަކީލާއި މުވައްކިލާއި ދެމެދުގައިވާ ގުޅުމެވެ. އެހެންކަމުން ވަލިއްޔުލް އަމުރަކީ ރައްޔިތުން ދީފައިވާ ބާރަކާއި އިޚްރިޔާރުގެ ދަށުން މެނުވީ މުޠްލަޤަށް އަމުރު ކުރެވޭނެ ފަރާތެއް ނޫނެވެ. ޤައުމުގެ ސިޔާދަތު (ސޮވްރިންޓީ) އޮންނަނީ ރައްޔިތުންގެ ފަރާތުގައި ކަމަށްވެފައި، ރައްޔިތުން ޙަވާލުކުރިކަމެއް ކަނޑައެޅި ގޮތެއްގެމަތިން ދެވިފައިވާ އިޚްތިޔާރުގެ ޙުދޫދުގެ ތެރޭގައި ރައްޔިތުންގެ ވަކީލެއްގެ ގޮތުން މަސައްކަތްކުރާ ރައްޔިތުންގެ ޚާދިމަކަށްވާތީއެވެ.

އަބޫބަކުރު ގެފާނު ޚަލީފާ ކަމަށް އިސްވެ ވަޑައިގަތުމަށްފަހު މިންބަރަށް އަރައިވަޑައިގެން ވިދާޅުވި ބަސްފުޅުގެ ތެރޭގައި ވެއެވެ. "އޭމިސްތަކުންނޭވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ވެރިއެއްގެ ގޮތުގައި އިސްކުރެވިއްޖެއެވެ. އެހެންނަމަވެސް، ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީމެއް ނޫނެވެ. ތިމަންކަލޭގެފާނު ރަނގަޅަށް ކަންތައްކުރައްވާނަމަ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އެހީތެރިވެ ވަޑައިގަންނަވާށެވެ. އަދި ތިމަންކަލޭގެފާނަށް ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ، ތިޔަބައިމީހުން ތިމަންކަލޭގެފާނު ސީދާކޮށްދެއްވާށެވެ. ތެދުވެރިކަމަކީ އަމާނަތެކެވެ. ދޮގުހެދުމަކީ ޚިޔާނަތެކެވެ. ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ ޙައްޤު ގެއްލިފައިވާ ނިކަމެއްޗަކީ ތިމަންކަލޭގެފާނުގެ އަރިހުގައި ވަރުގަދަ މީހެކެވެ. އޭނާގެ ޙައްޤު ﷲ އިރާދަކުރެއްވިއްޔާ ތިމަންކަލޭގެފާނު އޭނާއަށް ހޯއްދަވައި ދެއްވާނަމެވެ. ތިޔަބައިމިހުންގެ ތެރެއިން މީހެއްގެ ޙައްޤު އަތުލާފައިވާ ވަރުގަދަ މީހަކީ ތިމަންކަލޭގެފާނުގެ އަރިހުގައި ނިކަމެތި މީހެކެވެ. ﷲ އިރާދަކުރެއްވިއްޔާ އޭނާ އަތުލާފައިވާ ޙައްޤު އޭނާގެ ކިބައިން ތިމަންކަލޭގެފާނު އަތުލައްވާ ހުށީމެވެ. ﷲ އާއި، ރަސޫލާއަށް ތިމަންކަލޭގެފާނު ކިޔަމަންގަންނަ ކަންތަކުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ކިޔަމަންގަންނާށެެވެ. ﷲ އާއި، ރަސޫލާއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނަށް ކިޔަމަންގަތުމެއް ނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ﷲ ރަޙްމަތް ލައްވާނެތެވެ. ނަމާދަށް ދިއުމަށް ތިޔަބައިމީހުން ތެދުވާށެވެ."

ހުރިހާ ޒަމާނެއްގައިވެސް ޤައުމުގެ ވެރިކަމަކީ ރައްޔިތުންގެ މިލްކެކެވެ. ނަމަވެސް ސިޔާދަތުގެ މައްސަލައިގައި ވަކިވަކި ނަޒަރުން ބެލުމުގެ ސަބަބުން ޚިޔާލު ތަފާތެވެ. ފަހުގެ މުޖްތަހިދެއްކަމުގައިވާ އަލްއިމާމު މުޙައްމަދު އަލްޣަޒާލީ ވިދާޅުވާގޮތުގައި ސިޔާދަތުގެ މައްސަައިގައި ޢިލްމުވެރިން ހިތްނުތަނަވަސް ވަނީ ކަންކަން ޙަލާލުކޮށް، ޙަރާމު ކުރުމުގެ ޙައްޤު މީސްތަކުންނަށް ލިބިދެވޭކަމަށް ބެލެވިގެންނެވެ.

ޙައްޤު ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ފަހުން ވަޑައިގެންނެވި ޚުދުމުޚްތާާރު ވެރިންނަށް ކިޔަމަންވުމުގެ ކަންތައް ހުރި ގޮތާމެދު ޢިލްމުވެރިން ލިޔުއްވާފައިވެއެވެ. މިގޮތުން އެބައިމީހުންނަކީ މުސްލިމުންގެ ޚަލީފާއިންނާއި، ވެރިންކަމަށްބުނެ ކުށްފާފަ ތަކަށް އަރައިގަންނަމުން ދިޔައެވެ. އަލްޙައްޖާޖު ބުނު ޔޫސުފު އައްޘަޤަފީ އާއި، އެފަދަ އެހެންވެސް ޖައްބާރު އަނިޔާވެރިން އެބައިމީހުންގެ ވެރިންނަށް ޤުދުސިއްޔަތުގެ ސިފަ ނިސްބަތްކޮށް ބަސް ބުނެފައިވެއެވެ. އެބައިމީހުންގެ ވެރިންގެ ވެރިކަން ދަމަހައްޓަނީ ގަދަބާރާއި، ދީނުގެ ނަމުގައެވެ. ސޫރަތުއްނިސާގެ 59 ވަނަ އާޔަތުން ޙުއްޖަތް ދައްކަމުންނެވެ. އެ އާޔަތުގެ އެއްބައިގައި ހިފާފައި އަނެެއް ބައި ދޫކޮށްލައިފައި ވެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا) މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (ސޫރަތުއްނިސާއު:59)

ފަހުގެ ޢިލްމުވެރިންގެ ތެރެއިން މަގުފުރެދުން ބޮޑުވެގެން ޙާކިމާއަށް މުޠްލަޤަށް ކިޔަމަންވުން ވާޖިބު ކަމަށް ބުނާ ޢިލްމުވެރިން ވެއެވެ. ޚުދުމުޚްތާރު އަނިޔާވެރިއެއް ކަމުގައި ވިޔަސް، ބައިތުލްމާލު ކައިހުސްކުރާ ބަޔަކު ކަމުގައިވިޔަސް އަދި ފާޅުގައި މީހުންގެ ކުރިމަތީގައި ފާފަތަކަށް އަރައިގަންނަ މީހަކު ކަމުގައިވިޔަސް މެއެވެ. ނަމަވެސް ތަފްސީރު ޢިލްމުވެރީން ކަމުގައިވާ އިމާމު މުޙައްމަދު ޢަބްދު އާއި އިމާމު މުޙައްމަދު އަލްޣަޒާލީ އަދި އިމާމު މަޙްމޫދު ޝަލްޠޫތު ވިދާޅުވާގޮތުގައި އެއާޔަތުގައިވާ "އުލިލްއަމްރި" (އަމްރު ނުވަތަ ކަންތަކުގެ ވެރިން) ގެ މުރާދަކީ މުސްލިމުން ކުރެ "އަހުލުލްޙައްލި ވަލްޢަޤުދު" ގެ ޖަމާޢަތް ކަމުގައެވެ. އެބައިމީހުންނަކީ، މީސްތަކުންގެ މަޞަލަޙަތުތައް ބެލެހެއްޓުމަށް ތިބޭ ޢަދުލުވެރި ވެރިންނާއި، ޙައްޤަށް ޙުކުމްކުރާ ޤާޟީންނާއި، އެފަދައިން ފަތުވާދޭ މުފުތީންނާއި، ދީނީ ޢިލްމުވެރިންނާއި، ލަޝްކަރުތަކުގެ ޤާއިދުންނާއި، ޢާއްމު މަޞްލަޙަތު ތަކާބެހޭ ގޮތުން އެބަޔަކާ ހަމައަށް ދާންޖެހޭ ބައެކެވެ. މިފަރާތްތަކުން ކަމެއްގެ މައްޗަށް އިއްތިފާޤު ވެއްޖެނަމަ، އެކަމުގައި ކިޔަމަންވުން މީސްތަކުންގެ މައްޗަށް ވާޖިބުވާނެއެވެ.

އިބްނު ޢުމަރުގެ ކިބައިން އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "އަހައި ކިޔަމަންވުން މުސްލިމު އިންސާނާގެ މައްޗަށް ހުއްޓެވެ. ރުހޭ ކަންތަކާއި، ނުރުހޭ ކަންތަކުގައި ވެސް މެއެވެ. އެއީ އުރެދުމަކަށް ކުރެވޭ އަމުރެއްގައި މެނުވީއެވެ. ފަހެ އުރެދުމަކަށް އަމުރު ކުރެވިއްޖެނަމަ، އެހުމެއްވެސް، ކިޔަމަންގަތުމެއްވެސް ނެތެވެ."

އެހެންކަމުން އިސްވެ ބަޔާންކުރެވުނު އާޔަތާއި ޙަދީޘް އަދި ޙައްޤު ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުގެ އަލީގައި މުޠްލަޤު ގޮތެއްގައި އެއްވެސް ޝަރުތަކާ ނުލައި ކިޔަމަން ގަތުންވަނީ، ﷲ އާއި ރަސޫލާ އަށެވެ. "އަލްޙައްލު ވަލްޢަޤްދު" ގެ ވެރިފަރާތްތަކަށް ވެސް ކިޔަމަންވުން އޮތީ އުރެދުމަކަށް ނުވާ ކަންކަމުގައެވެ. ޤާނޫނީ އިމުގެ ތެރެއިންނެވެ. އެބޭކަނުން އިއްތިފާޤުވާ އިޖްމާޢު އާއި ޤިޔާސް އަށެވެ. އަދި މީގެ އިތުރުން އެބޭކަލުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠު ތަކެއް ޢިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ. އަލްމާވަރުދީ ހާމަކުރައްވާ ގޮތުގައި، އެއީ ފުރިހަމަ މާނައިގައި ޢަދުލުވެރި ވުމާއި، ކަމާބެހޭ ޢިލްމާއި ރައުޔުގެ ސާދާ ސާފު ސީދާ ކަމާއި، ޙިކުމަތްތެރިކަމެވެ. ސުވާލަކީ، މިއަދު އަޅުގަނޑުމެންގެ ވެރިންގެ ގޮތުގައި ކަންކަން ކަނޑައަޅަން ތިއްބެވި ފަރާތްތަކުގެ ކިބައިގައި މި ސިފަތަކާއި، ޝަރުޠުތައް ހުރިތޯއާއި ހުރި މިންވަރެވެ. މިކަން ކިއުންތެރިން އަމިއްލަފުޅަށް ވަޒަން ކޮށްލުމަށް ދޫކޮށްލާނަމަވެ.

ކުރިންވެސް ޢިލްމުވެރިންނަށް ޙަވާލާ ދެއްވާފައިވާ ފަދައިން، ބައެއް ޢިލްމު ވެރިންނަށް ނިސްބަތްކުރައްވާ ޑރ. ފުއާދުއްނާދީ ވިދާޅުވެފައިވެއެވެ. އެއާޔަތުގައި ﷲ އަށާއި، ރަސޫލާ އަށް ކިޔަމަންވުމަށް އަންގަވާފައި އޮތީ މުސްތަޤިއްލު ކޮށެވެ. ނަމަވެސް "އުލިލްއަމްރި" އަށް ކިޔަމަންވުމަށް އަންގަވާފައި އޮތީ މުސްތަޤިއްލުކޮށެއް ނޫނެވެ. މާނައަކީ؛ ވެރިންގެ ތެރޭގައި ކިޔަމަންވުން ވާޖިބުނުވާ ބަޔަކު ތިބި ކަމެވެ. އެކަން ބަޔާންކުރައްވާ މާތް ﷲ ވަޙީ ކުރައްވަނީ (فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا) މިފަދައިންނެވެ. މިބަސްފުޅުގެ މަފްހޫމަކީ ޙައްޤަށް ތަބަޢަ ނުވެއްޖެނަމަ، ތިޔަބައިމީހުން އެބައި މީހުންނަށް ކިޔަމަންވާނެ މަކެއް ނެތެވެ. އަދި ތިޔަބައި މީހުން ދެބަސްވި ކަމެއް ﷲ އާއި، ރަސޫލާގެ ޙުކުމަށް ރައްދުކުރާށެވެ. މާނައަކީ؛ ﷲ އާއި، ރަސޫލާގެ މަގުން އެއްކިބާވެފައިވާ މީހުންގެ މަގަށް ކިޔަމަންތެރިވުން ލާޒިމެއް ނޫނެވެ. އަދި ކިއެއްތޯއެވެ؟ އެފަދަ ފަރާތްތަކަށް ޠާޢަތްތެރިވުން ނުވަތަ ކިޔަމަންތެރިވުން ހުއްދަވެގެން ނުވެވޭމެއެވެ. މިއީ، މުފައްސިރުން މިއާޔަތް ތަފްސީރު ކުރެއްވުމުގައި ނިންމަވާ ގޮތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް