އެމެރިކާގެ ޒުލެއްގައި އޮތް ތިން ސްނޯ ލެޕަޑެއް ކޮވިޑް ޖެހިގެން މަރުވެއްޖެ

ސްނޯ ލެޕަޑް

އެމެރިކާގެ ސްޓޭޓެއްކަމަށްވާ ނެބްރަސްކާގެ ލިންކޮންގެ ޒުލެއްގައި އޮތް ތިން ސްނޯ ލެޕަޑެއް ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

އެ ލެޕަޑްތައް ކޮވިޑަށް ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއާއެކު އެ ލެޕަޑްތައް ޒޫގެ އެހެން ޖަނަވާރުތަކާ އެކަހެރިކޮށް، އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅި ކަމަށް އެތަނުގެ މުވައްޒަފުން ބުންޏެވެ.

ނަމަވެސް އެ ތަނުން ކޮވިޑް ޖެހިފައި ވަނީ ހަމައެކަނި ލެޕަޑްތަކަށް ނޫނެވެ. ލެޕަޑްތަކާއެކު ގިނަ އަދަދެއްގެ މިނިކާވަގުތަކެއްވެސް ކޮވިޑަށް ޕޮޒިޓިވްވުމުން އެ މިނިކާވަގުތައް ވަނީ އެކަހެރި ކޮށްފައެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ޒޫ ބަަންދުކުރިއެވެ.

މި ޖަނަވާރުތައް ކޮވިޑަށް ޓެސްޓުކުރީ ކޮވިޑްގެ އަލާމާތްތައް ފެނިގެންނެއް ނޫނެވެ. ނަމަވެސް އެ ޖަނަވާރުތައް ބަލަހައްޓާ މީހަކަށް ކޮވިޑް ޖެހުމުންނެވެ.

އެ ޒޫގައި މަސައްކުރާ މީހުން ބުނާ ގޮތުގައި މި ޖަނަވާރުތައް ކޮވިޑަށް ޕޮޒިޓިވްވުމުން ޖަރާސީމު ނައްތާލުމަށް އެންޓިބައޮޓިކް ދިނެވެ. ނަމަވެސް ޖަނަވާރަށް ހާއްސަ ކޮވިޑް ވެކްސިން ދިން ކަމަކަށް ނުބުނެއެވެ.

ޖަނަވާރަށް ހާއްސަ ބޭސް އުފައްދާ ކުންފުންޏެއް ކަމަށް ޒޮއެޓިސް ވަނީ ކޮވިޑް ވެކްސިނެއް އުފައްދާ، ޒުލުގައި ގެންގުޅޭ ޖަނަވާރުތަކަށް އެ ވެކްސިން ދޭން ފަށާފައެވެ.

އެމެރިކާގައި ބަލިތައް ނައްތާލުމާއި ކޮންޓްރޯލްކުރުމާ ބެހޭ ސެންޓަރުން ބުނެފައިވާ ގޮތުގައި ޖަނަވާރުންގެ މެދުގައި ކޮވިޑް ބަލި އާންމުވީ ނަމަވެސް ޖަނަވާރުންގެ ގައިން އިންސާނުންނަށް ބަލި ޖެހުމަކީ ދުރުކަމެކެވެ. ނަމަވެސް އިންސާނުންގެ ފަރާތުން ޖަނަވާރުންނަށް ވަރަށް އަވަހަށް ބަލީގެ އަސަރު ކުރާނެ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.

މަސްދަރު: ނިއު ޔޯކް ޓައިމްސް

ގުޅޭ ޓެގު
comment ކޮމެންޓް