ތަފާތު ދެއްކި ދާދުއަށް ފުރުސަތު ދޭންޖެހޭ؟

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އައިމަން އަލީ

ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމުގައި އެންމެ ތަފާތު ދެއްކި އެއް ކުޅުންތެރިއަކީ މެޗުގެ ފަހު 20 ވަރަކަށް މިނެޓަށް ކުޅެލަން އެރުވި ހަސަން ނާއިޒް (ދާދު)އެވެ. ލިބޭ މަދު ފުރުސަތުގައި ވެސް ޓީމުގެ ކުޅުމަށް ބޮޑު ބަދަލެއް ގެނެސް އިދިކޮޅު ޑިފެންސަށް ބާރުބޮޑުކޮށްލައެވެ. އެކަމަކު އެ މުބާރާތް ދާދު ނިންމާލަން ޖެހުނީ ފުރަތަމަ އެގާރައިން އެއްވެސް މެޗަކުން ފުރުސަތު ނުލިބިއެވެ.

މީގެ ހަވަރަކަށް އަހަރު ކުރިން ޓީސީ ސްޕޯޓްސް ކުލަބާ އެކު ފުރަތަމަ ޑިވިޝަނަށް ތައާރަފުވި ދާދު އަކީ ވަރަށް ޒުވާން އުމުރެއްގައި ގިނަ ކޯޗުންތަކަކާއި، ސަޕޯޓަރުންގެ ލޯބި ހޯދި ކުޅުންތެރިއެކެވެ. އެގޮތުން ޓީސީން 2014 ވަނަ އަހަރު ދެ ވަނަ ޑިވިޝަން ކާމިޔާބުކުރިއިރު ދާދު އަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާއެވެ. ޖެހިގެން އައި އަހަރު ޓީސީ އަލަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް ލީގުގެ ދެ ވަނަ ހޯދިއިރު، ދާދު އަކީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އައިމަން އަލީ

ޓީސީގައި ދެއްކި ތަފާތު ކުޅުމާއެކު ރާއްޖޭގެ އެންމެ ބޮޑު ކުލަބު ކަމުގައިވާ މާޒިޔާ ސްޕޯޓްސް އިން ދާދުގެ ސޮއި ހޯދި އިރު، އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގައުމީ ޓީމުން ޖާގަ ހޯދައިފައެވެ. އެގޮތުން 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުން ފަހަނަ އަޅައި ދާން އޮތް މެޗުގެ ފަހުވަގުތު ބަންގްލަދޭޝް ކޮޅަށް ދާދު ވައްދާލި ގޯލުން ގިނަ ބައެއްގެ ލޮލުގައި ދާދުގެ ހުނަރުވެރިކަން ވަނީ އަޅައިގެންފައެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ދާދު ގިނައިން ފެންނަނީ ގައުމީ ޓީމުގެ ބެންޗުންނެވެ. އޭނާ ކުޅެލަން އަރުވަނީ ވެސް މެޗުގެ ބޮޑުބައި ނިމި މެޗުގެ ފަހު 20 ވަރަކަށް މިނަޓަށެވެ. އެކަމަކު އެ ވަގުތުކޮޅުގެ ތެރޭގައި ވެސް ދާދު އޭނާގެ ޖާދޫ ދައްކާލައެވެ. ދާދުއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އިދިކޮޅު ޓީމުގެ ޑިފެންސަށް ސިހުން އާދެއެވެ.

ސާފުގައި ރާއްޖޭގެ ޓީމާ ހަވާލުވެ ހުރި ކޯޗު އަލީ ސުޒޭން އޭރު ދާދު ފުރަތަމަ އެގާރައިގައި ބޭނުން ނުކުރަނީ ކީއްވެތޯ ނޫސްވެރިން ސުވާލުކުރުމުން ބުނީ އެ ނިންމުމަކީ ޓީމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އަދި އިދިކޮޅު ޓީމު ވަރުބަލިވެފައިވާ ދަނޑިވަޅުގައި ދާދު ފަދަ ސްޕީޑް ކުޅުންތެރިއަކު އެރުވުމުން ޓީމަށް އޭގެ ފައިދާ ކުރާ ކަމަށެވެ. އެހެންކަމުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) 60 އަކަށް މިނަޓު ކުޅުވުމަށްފަހު އޭނާގެ ބަދަލުގައި ދާދު އެރުވުމަކީ ސުޒޭންގެ ޓެކްޓިކްސްއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އައިމަން އަލީ

ސާފު ނިމުމާއެކު ޓީމުގެ ދާއިމީ ކޯޗެއް ހަމަޖައްސާފައިވާ އިރު، މިހާރު ކުރިއަށްދާ ފޯ ނޭޝަންސް ކަޕުގައި ވެސް ކަންތައް ވަނީ ހަމަ އެހެންނެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ހަތަރު ގޯލު ޖަހާފައިވަނިކޮށް ލަންކާއިން ފަހަތުން އަރައި ތިން ގޯލު ޖެހުމުން ދާދު ވަނީ ކުޅެން އަރުވައިފައެވެ. އޭރު ރާއްޖޭގެ ޑިފެންސް އޮތީ ވަރުބަލިވެ، ރޫޅިފައެވެ. އެ މެޗުގައި ދާދުގެ ބޭނުން އެއްވެސް ގޮތަކަށް ޓީމަކަށް ނުކުރެވުނެވެ.

ޖެހިގެން އައި ބަންގްލަދޭޝް މެޗުގައި ދާދު ނާރުވައެވެ. އަށާރަ އަހަރަށް ފަހު ރާއްޖެ އަތުން ފުރަތަމަ ފަހަރަށް ބަންގްލަދޭޝް މޮޅުވި އިރު ދާދު އިނީ ބެންޗް ކޮށްފައެވެ. އެ މެޗުގައި ޓީމުން ގޯލެއް ޖަހަން އެންމެ ބޭނުންވި ވަގުތު ކޯޗު ވިސްނީ ޑިފެންސް ކުރުމަށް ކުޅުންތެރިން ބަދަލު ކުރުމަށެވެ.

ފޭދޫ އިއްބެއަށް ޕާފޯމް ނުކުރެވޭ؟

ދާދުގެ ބަދަލުގައި ފުރަތަމަ އެގާރައިން ޖާގަ ލިބޭ ކުޅުންތެރިއަކީ ފޭދޫ އިއްބެއެވެ. ޓީސީގައި ދާދުއާއެކު މޮޅު ކުޅުމެއް ދެއްކި އިއްބެ ވަނީ މާޒިޔާއަށް އައުމަށްފަހު ވެސް އެކުލަބުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އަދި އެހެންމެ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިއްބެ ވަނީ ތަފާތު މޮޅު ގޯލެއް ޖަހައި އެ މުބާރާތް ރާއްޖެއަށް ކާމިޔާބުކޮށްދީފައެވެ.

އެހެން ނަމަވެސް އިއްބެގެ ކުޅުން މިފަހުން ކުޅުނު މެޗުތަކުގައި ފެނިފައި ނުވާކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކުރަމުންނެވެ. ސާފްގެ ހުރިހާ މެޗެެއް ވެސް އިއްބެ ކުޅެފައިވާއިރު އެ މުބާރާތުގައި އޭނާއަށް ގޯލެއް ވެސް އަދި އެސިސްޓެއްވެސް ކުރެވިފައެއް ނުވެއެވެ. އަދި އެހެންމެ ލަންކާ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްބެގެ ގޯލެއް ފެނުނު ނަމަވެސް ޖުމުލަކޮށް އޭނާއަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.

އިއްބެއަށް ޕާފޯމް ނުކުރެވުނަސް އޭނާއަށް ވަނީ ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. އިއްބެ ވަނީ އާ ކޯޗުގެ ވެސް ފެވަރިޓަކަށް ވެފައެވެ. އެހެން ނަމަވެސް ބަންގްލަދޭޝްގެ މެޗަށްފަހު ޓީމުގެ ކުޅުންތެރިންނަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެއާއެކު ޓީމަށް ކުރިއަށް އޮތް ސީޝެލްސް މެޗަކީ އިންތިހާއަށް ޕްރެޝަރު އޮތް މެޗެކެވެ.

comment ކޮމެންޓް