ފަނޑިޔާރުންގެ އޯޑިއޯ މައްސަލަ ބެލުމުގެ ގާބިލްކަން ޖޭއެސްސީގައި ނެތް: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ފުލުހަށް ވަޑައިގަންނަވަނީ-- ފޮޓޯ/ ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ތިން ފަނޑިޔާރަކު ދެއްކެވި ވާހަކަ ކަމަށް ބުނާ އޯޑިއޯ ތަހުގީގު ކުރުމުގެ ގާބިލުކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފިއެވެ.

އޯޑިއޯތަކުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުން މިއަދު ވަނީ ފުލުހުންގެ މައި އިދާރާއަށް ހާޒިރުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއަދު ފުލުހަށް ހާޒިރުވީ އޯޑިއޯ މައްސަލައިގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާތީ އެ މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބެއް އޮޅުން ފިލުވަން ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާ ބައްދަލުކުރަން ވަޑައިގެންނެވި ނަމަވެސް ސީޕީ ރަށުގައި ނޫޅުއްވާތީ ސީޕީއާ ބައްދަލުކުރެވިފައިނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ބައްދަލުކުރުމުގެ ކުރިން އަޅުގަނޑުމެން ވާނެ ސީޕީއާ ބައްދަލުކުރަން ސިޓީ ފޮނުވައިފަ. އެ ސިޓީ ފޮނުވިތާ ދެ ހަފްތާއެއްހާ ދުވަސް ވެއްޖެ. އެއަކަށް ޖަވާބެއް ނުލިބޭ. އޭގެ ފަހުން ވެސް އަނެއްކާ ސިޓީއެއް ފޮނުވައިގެން އެއަށް ޖަވާބު ނުލިބުނީމަ އިއްޔެގަ ސިޓީއެއް ފޮނުވާފަ، މިއަދު މިއައީ. އައިސްފަ އަޅުގަނޑުމެންނަށް މިއަދު ސީޕީއާ ބައްދަލުކުރެވޭ ގޮތެއް ނުވި،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސީޕީ މިވަގުތު ހުންނެވީ އިދިކޮޅުގެ "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް އިންޑިއާއަށް ވަޑައިގެން ކަމަށެވެ.

ހަމައެހެންމެ އެ މަޝްވަރާތަކަށް އިންޑިއާއަށް ވަޑައިގެންނެވި ނަމަވެސް، ރައީސް ޔާމީންގެ ޝަރީއަތްތައް ހިނގަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން މިހާރު މިއޮތީ ހުކުމަކާ ހަމައަށް ގޮސް، އޮތްއިރު މި އޯޑިއޯތަކުގެ ހަގީގަތް ނޭނގި ހުކުމެއް އަތުވެއްޖެއްޔާ އެއީ ކިހާ ބޮޑު އަނިޔާއެއް ތޯއޭ އަޅުގަނޑުމެން ތަކުރާރުކޮށް މިދަނީ އެ ވާހަކަ ދައްކަމުން،" އަދުރޭ ވިދާޅުވިއެވެ.

ފަނޑިޔާރުންގެ އޯޑިއޯ މައްސަލައިގައި ޖޭއެސްސީން ކުރި ތަހުގީގަށް ފާޑުވިދާޅުވެ، އަދުރޭ އިތުރަށް ވިދާޅުވީ އެއް ފަނޑިޔާރުގެ އަޑު ކަށަވަރުވެފައި، ދެން ތިބި ދެ ފަނޑިޔާރުންގެ އަޑު ކަށަވަރު ނުވާ ކަމަށް ބުނީ ކޮން ގޮތަކުން ބަލައިގެން ކަމަށް ބުނަން ނޭނގޭ ކަމަށެވެ.

"ޖޭއެސްސީއަކީ މިކަންކަން ތަހުގީގުކުރުމުގެ ގާބިލްކަން ހުރި މުވައްސަސާއެއް ނޫން. ފުލުހުން ބުނީ މިތާކު ނެތޭ، ތިމަންނަމެން މިއުޅެނީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނޭ، އަޅުގަނޑުމެން އެންމެ ފަހުން ބައްދަލުކުރި ދުވަހު ވިދާޅުވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަދި ނުނިމެއޭ، 10 ވަރަކަށް ދުވަސް ބޭނުންވެޔޭ،" އަދުރޭ ވިދާޅުވިއެވެ.

ޖޭއެސްސީން އޯޑިއޯ އެނަލިސިސްގައި ކަނޑައަޅާފައިވަނީ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު އެކަނި ކަމަށެވެ. އެއާއެކު ގާޒީ ފާއިޒް ރަޝާދު މިވަގުތު ހުރީ ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް