ބަޖެޓު ހުށަހެޅި ގޮތަށް ފާސްކޮށްފިނަމަ ޑެފިސިޓަށް އިތުރު ބިލިއަނެއް: އޮޑިޓާ ޖެނެރަލް

ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން-- ފޮޓޯ/މަޖިލިސް

ބަޖެޓު ހުށަހަޅާފައިވާ ގޮތަށް ފާސްކޮށްފި ނަމަ، ބަޖެޓު ޑެފިސިޓަށް އެއް ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

މިއަދު ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ފާހަގަކޮށްފައިވާ ކަންކަމުގައި ހިރާސްތަކެއް ހުރި ކަމަށެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ ފަތުރުވެރިކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއާއި އަލަށް އާމްދަނީ ހޯދަން ހުށަހަޅާ ކަންކަމުގެ ތެރެއިން ފާހަގަވި ދެ ކަމެކެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމެޓީއަށް ނިޔާޒީ ފާހަގަކުރެއްވި ކަންކަމާއެކު އޮޑިޓް އޮފީހުން ބަޖެޓާ ގުޅޭގޮތުން ތައްޔާރުކުރި ރިވިއު ހިއްސާ ކުރައްވަމުން އޮޑިޓް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވީ ދުނިޔޭގެ ދަތުރުފަތުރު ކުރުމުގައި ހުރި ހިރާސްތަކުގެ ސަބަބުން ފަތުރުވެރިކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ލިބުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އާމްދަނީ ހޯދަން ހުށަހަޅާ އައު ކަންކަން ތަންފީޒު ކުރުން އަވަސް ކުރަން ޖެހޭ

އަލަށް އާމްދަނީ ހޯދަން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ޝާން ފާހަގަކުރެއްވީ ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކުހާއި ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްްފައިވާ އާމްދަނީއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ކަމަކީ ވެސް ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބަދަލެއް ގެނެސްގެން ނޫން ގޮތަކަށް ތަންފީޒު ކުރެވޭނެ ކަންތައްތަކެއް ނޫނެވެ.

"ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަހަރު ތެރޭގައި އިސްލާހުތައް ގެނެވޭއިރު އަހަރުގެ ވަރަށް ބޮޑު ބައެއް ހިނގާފައި އޮންނަނީ، އެހެންވެ ބަޖެޓު ކުރާ ވަރަށް އާމްދަނީ ނުލިބޭ،" ޝާން ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންތައްތަކުން ބަޖެޓަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ކަށަވަރު ކުރުމަށް ޓަކައި ގާނޫނު ނުވަތަ ގަވައިދުތައް ހެދުން އަވަސް ކުރަން ޖެހޭ ކަމަށް ޝާން ވިދާޅުވިއެވެ.

ރަށްރަށާއި ބިން ދޫކުރުމުގައި ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބެލުން މުހިންމު

ރިއަލް އެސްޓޭޓް އުސޫލުން ހިއްކާ ބިން ދޫކޮށްގެންނާއި ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރާ ރަށްތައް ދޫކޮށްގެން އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި އޮތް އިރު، އެއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކަމަށާއި ނަމަވެސް އިންވެސްޓަރުންގެ ފަރާތުން އެދެވޭ ތަރުހީބެއް އެކަމަށް ނުލިބޭ ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރިއެވެ.

އެހެންކަމުން ބިމާއި ރަށް ދޫކުރުމުގައި މިއަހަރު ދިމާވި ކަންތައްތައް ރިވިއު ކުރުމަށްފަހު އަންނަ އަހަރު އެކަމާ ގުޅޭ ފިޔަވަޅުތައް އަޅައިގެން އެކަން ކުރިއަށް ގެންދިއުމަށް އޮޑިޓް އޮފީހުން ވަނީ ލަފާ ދީފައެވެ.

"ބިން ހިއްކުމަށް ހިނގާ ޕްރޮސެސްއަކީ ފުދޭ ވަރަކަށް ދިގު ވަގުތު ނަގާ، އިންވެސްޓް ކޮށްގެން ކުރެވޭ ކަންތައްތަކެއް. ބަޖެޓުގައި ލަފާކޮށްފައި މި އޮންނަނީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން އެ ކުންފުންޏަށް ލިބޭ އިންޓެރިމް ޑިވިޑެންޑް ދައުލަތަށް ލިބޭނެ ކަމަށް. މިއީ ދުރާލާ ރާވައިގެން ނުހިންގިއްޖެނަމަ ވަރަށް ބޮޑު ރިސްކެއް ދައުލަތަށް ކުރިމަތިވާނެ ކަމެއް،" ޝާން ވިދާޅުވިއެވެ.

ހިލޭ އެހީގެ ބޮޑު ބައި ފާއިތުވެދިޔަ އަހަރުތަކުގައި ނުލިބޭ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

އެހެން ނަމަވެސް ޝާން ފާހަގަކުރެއްވި ގޮތުގައި މި ދެ އަހަރު ވެސް ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އަދަދުތަކުގެ ބޮޑު ޕަސެންޓެއް އޮތީ ނުލިބިއެވެ.

"ފާއިތުވެދިޔަ ދެ އަހަރަށް ބަލާއިރު ވެސް، 50 ޕަސެންޓަށް ވުރެ ބޮޑު ބައި ނުލިބި ހުރީމަ، އަހަރުގެ ކުރީ ކޮޅުގައި ކަށަވަރު ކުރެވިގެން ނޫނީ މި ރިސްކުތައް ކުޑަ ކުރަން އުނދަގޫ ވާނެ،" އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ބަޖެޓު ކުޑަ، މި ތިން އަހަރުގެ އެވަރޭޖު ހަރަދު ބޮޑު

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާސަންދަ އިންޝުއަރެންސް ސްކީމަށް ބަޖެޓުކޮށްފައިވަނީ 730.9 މިލިއަން ރުފިޔާއެވެ.

އޮޑިޓް އޮފީހުން ފާހަގަ ކުރި ގޮތުގައި މިއަހަރު ހިމެނޭ ގޮތަށް މިވީ ތިން އަހަރު އެވަރޭޖުކޮށް 1.2 ބިލިއަން ރުފިޔާ އާސަންދައަށް ހަރަދުކޮށްފައިވެއެވެ.

މިއީ އެ އަހަރުތަކުގައި ލަފާކުރި އެވަރޭޖު ބަޖެޓަށް ބަލާއިރު 380 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެއެވެ.

"އެހެންވީމަ މިއަހަރު 730.9 މިލިއަން ރުފިޔާ ބަޖެޓު ކުރާއިރު، މިހާރު ބަޖެޓުގައި ތަންފީޒު ކުރަން ހުށަހަޅާފައި ހުރި ކަންކަން ތަންފީޒު ނުވެއްޖެނަމަ، އިތުރަށް (ގާތްގަނޑަކަށް) 380 މިލިއަން ރުފިޔާ ހަރަދުވުމުގެ ފުރުސަތު އެބައޮތް،" ޝާން ވިދާޅުވިއެވެ.

ކްރެޑިޓް ރޭޓިން މަތިވުމުން ބަޖެޓަށް ފައިސާ ހޯދަން ލުއި ވާނެ

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައެއް ހޯދަން ރާވާފައިވަނީ ބޭރުގެ ފަރާތްތަކުންނެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވީ މިދިޔަ މަހު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމުން، ބޭރުގެ ފަރާތްތަކުން ފައިސާ ހޯދުމުގައި ލުއިތަކެއް ލިބޭނެ ކަމަށެވެ.

"ރޭޓިން ރަނގަޅުވުމަކީ އަޅުގަނޑުމެންގެ ބަޖެޓު މެނޭޖު ކުރުމަށް އަދި ހާއްސަކޮށް އިންޓްރެސްޓް ރޭޓު ކުޑަކޮށް ބަޖެޓު ފައިނޭންސް ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ދެކެނީ. ސުކޫކު، ބޮންޑު ވިއްކާއިރު ރޭޓިން ރަނގަޅުވެފައި ހުރުމަކީ މުހިންމު ކަމެއް،" ނިޔާޒީ ވިދާޅުވިއެވެ.

އެހެން ނަމަވެސް ބަޖެޓާ މެދު ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ނިޔާޒީ ފާހަގަ ކުރެއްވިއެވެ.

އެގޮތުން އާމްދަނީ ހޯދަން އަލަށް ހުށަހަޅާފައިވާ ކަންކަމާއި އާސަންދަ ސްކީމް ހަރުދަނާ ކުރަން ހުށަހަޅާފައި ހުރި ކަންތައްތައް ނުކުރެއްވިއްޖެނަމަ ބަޖެޓަށް ބުރަވާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

"އެންމެ ބޮޑު ރިސްކަކީ ނުވަ ބިލިއަންގެ އޯވަރޯލް ޑެފިސިޓް ފައިނޭންސެއް މި އޮތީ. ނިއު ރެވެނިއު މެޝާސްގެ ގޮތުގައި 770 މިލިއަން. އާސަންދައިގެ ސޭވިންސްތަކަށް އެބައުޅޭ 300 މިލިއަނެއް. މި ދެ ބައި އެއްކޮށްލިޔަސް އިތުރު އެއް ބިިލިއަންގެ ޑެފިސިޓެއް އަންނާނެ. މިހާރު އޮތް ގޮތަށް ބަޖެޓު ހިންގައިފިނަމަ، ނުވަ ބިލިއަންގެ އިތުރަށް އެއް ބިލިއަން އިތުރުވާނެ [ޑެފިސިޓަށް]،" ނިޔާޒީ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށްވާއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.

ނިޔާޒީ ލަފާ ދެއްވީ އެ ރޭޓުތައް އެގޮތުގައި ދަމަހައްޓަން އިސްކަން ދީ، ބަޖެޓު އިތުރަށް ޑެފިސިޓް ނުވާނެ ގޮތަކަށް ޕީއެސްއައިޕީ މަޝްރޫއުތައް މެނޭޖު ކުރުމަށެވެ.

"އަޅުގަނޑުމެން ދޭ އޯވައޯލް ރިކޮމެންޑޭޝަނަކީ، އޯވައޯލް ބަޖެޓު ހިފެހެއްޓުމަށް ޓަކައި ދައުލަތުގެ އާމްދަނީ ލިބޭ މިންވަރަކުން މަޝްރޫއުތައް ކުރިއަށް ގެންދިއުން. ހާއްސަކޮށް ހިލޭ އެހީއާއި އާމްދަނީއާއި ހަރަދުގެ ކަންކަން ހަރުދަނާ ކުރަން ގެންނަ ރީފޯމްތައް ރިއަލައިޒް ވާ މިންވަރަކުން ކުރިއަށް ދިއުން މުހިންމު،" ނިޔާޒީ ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަޅާފައިވަނީ، 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 24.2 ބިލިއަން ރުފިޔާ އެވެ.

ދަރަނި ނުވަތަ ލޯނު އަނބުރާ ދެއްކުމަށް ކުރާ ހަރަދާއި ބޭރުގެ މާލީ އިދާރާތަކަށް ރައުސްމާލުގެ ގޮތުގައި ދައްކާ ފައިސާ ނުހިމަނައި އަންނަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދަކީ 34 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް