215 ކިލޯ ޑްރަގް މައްސަލަ: ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް

215 ކިލޯ ހެރޮއިން މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ----

މިދިޔަ މަހުގެ 16 ވަނަ ދުވަހު 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި 215 ކިލޯގެ ހެރޮއިން ހޯދައި, ދެ މީހަކު ހައްޔަރުކުރިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ހަމަ އެ ރަށު ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) އެވެ.

އެ ދެ މީހުންގެ ބަންދު އެންމެ ފުރަތަމަ އިތުރުކުރީ މަޑުއްވަރީ ކޯޓުންނެވެ. އެފަހަރު އެ ދެ މީހުންގެ ބަންދަށް އިތުރުކުރީ 15 ދުވަހެވެ.

އެއަށްފަހު އެ ދެ މީހުން މާލެ ގެނެސް، ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެ ދެ މީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަސްޓޯޑިއަލް ޖަލެއްގައެވެ. ތަހުގީގު ނިމުމުން ރިމާންޑް ޖަލަކަށް ބަދަލު ކުރުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ޝަރީއަތް ނިމެންދެން ދެ މީހުން ބަންދުކޮށްފައިވަނީ, ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ހުރުމުން ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި މަޑުއްވަރީގައި ދިރިއުޅޭ އެ ދެ މީހުންނަކީ ގާތް ދެ އެކުވެރިންނެވެ. އޭގެ ތެރެއިން ޝާކިރަކީ އެ ރަށުގައި ތަފާތު އެކި ވިޔަފާރިތައް ކުރަމުން އަންނަ މީހެކެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު 215 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާއިރު އޭގެ ކުރީ ދުވަހު ވަނީ 100 އެއްހާ ކިލޯގެ ހެރޮއިން ވެސް އަތުލައިގަނެފައެވެ. އެ މައްސަލައާ ގުޅިގެން 10 މީހުން ހައްޔަރު ކުރި އިރު އެންމެ އިސް ދެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް