އެމްބާއްޕޭގެ ހަތަރު ގޯލާއެކު ފްރާންސް ވޯލްޑްކަޕަށް

ފްރާންސްގެ ތަރި ކިލިއަން އެމްބާއްޕޭ ހެޓްރިކް ހެދުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ލައިވްސްކޯ

މިހާރު ކުރިއަށްދާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކިލިއަން އެމްބާއްޕޭ ކާމިޔާބު ކުރި ހަތަރު ގޯލާ އެކު ކަޒަކިސްތާން އަތުން ފަސޭހަ މޮޅެއް ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވޯލްޑްކަޕަށް ކޮލިފައި ވެއްޖެއެވެ.

ފްރާންސްގެ ޕެރިހުގައި އޮންނަ ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި ދުނިޔޭގެ ރޭންކިންގެ 122 ވަނައިގައި އޮތް ކަޒަކިސްތާން އަތުން ކުރި ހޯދީ 0-8 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ފްރާންސުން މިފަހުގެ ތާރީހުގައި ވެސް ހޯދި އެންމެ ބޮޑު މޮޅެވެ.

މި މޮޅާއެކު ފްރާންސުން ވަނީ ކޮލިފައިންގައި ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ހޯދައި ގުރޫޕް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެ ގްރޫޕުގެ ދެވަނައިގައި އޮތް ފިންލޭންޑް 11 ޕޮއިންޓް ހޯދާފައިވާ އިރު، އޭގެ ދަށުގައި ޔޫކްރޭން އޮތީ ހަތް ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ކަޒަކިސްތާނަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު އޮތް ވޯލްޑްކަޕް ކާމިޔާބު ކުރި ފްރާންސުން ރޭގެ މެޗު ފެށީ ވަރުގަދައަށެވެ. އެ ޓީމުގެ ޕީއެސްޖީ ތަރި ކިލިއަން އެމްބާއްޕޭ ވަނީ މެޗު ފަށައިގެން ހަވަނަ މިނިޓުގައި ފްރާންސަށް ލީޑު ނަގައިދީފައެވެ. އަދި 12 ވަނަ މިނިޓުގައި އެމްޕާއްބޭ ފްރާންސަށް ލީޑު ފުޅާކޮށްދިން އިރު، 32 ވަނަ މިނިޓުގައި އޭނާ ވަނީ ތިން ވަނަ ގޯލެއް ވެސް ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ފްރާންސްގެ ޖާޒީގައި އެމްބާޕޭ ހެދި ފުރަތަމަ ހެޓްރިކެވެ.

ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ކަރީމް ބެންޒެމާގެ އިތުރު ދެ ގޯލާއެކު ފްރާންސުން ފަސް ގޯލަށް ލީޑު ވަނީ ފުޅާކޮށްފައެވެ. އެކަމަކު އެހިސާބުން ވެސް ނިމުނީއެއް ނޫނެވެ. އޭޑްރިއަން ރަބިއޯގެ އިތުރުން އެންޓޮއިން ގްރީޒްމަންގެ ގޯލުވެސް މެޗުގައި ފެނުނު އިރު މެޗު ނިމެންދަނިކޮށް އެމްބާއްޕޭ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.

މީގެ އިތުރުން ވޯލްޑްކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި އެސްޓޯނިއާ އަތުން 1-3 ގެ ނަތީޖާއަކުން މޮޅުވެ އެންމެ ފަހުގެ މުބާރާތުގެ ތިންވަނަ ހޯދި ބެލްޖިއަމް ވެސް ވަނީ އަންނަ އަހަރު ގަތަރުގައި އޮންނަ މުބާރާތުގެ ޖާގައެއް ހޯދައިފައެވެ.

މި މޮޅާއެކު ގްރޫޕް އީގެ އެއްވަނަ ބެލްޖިއަމުން ކަށަވަރުކުރިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތް މެޗުން 19 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ވޭލްސްއަށް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކަށް ހަތް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.

މިހާތަނަށް ޖުމްލަ ހަ ގައުމެއް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. އެއީ ފްރާންސާއި ބެލްޖިއަމުގެ އިތުރުން ޔޫރަޕުގެ ދެ ގައުމު ކަމަށްވާ ޖަރުމަނާއި ޑެންމާކް އަދި ދެކުނު އެމެރިކާ ބައްރުން ބްރެޒިލެވެ. މީގެ އިތުރުން ވޯލްޑް ކަޕް ބާއްވާ ގައުމުގެ ގޮތުން މީގެ ކުރިން ގަތަރަށް ވަނީ މި މުބާރާތުގެ ޖާގައެއް ލިބިފައެވެ.

comment ކޮމެންޓް