މި މަހުގެ ނިޔަލަށް އެމްއެންޕީއަށް 10،000 މެންބަރުން ހަމަކުރަނީ

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު --

މި ހިނގާ ނޮވެމްބަރު މަސް ނިމުމުގެ ކުރިން، ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10،000 މެންބަރުން ހަމަކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއެންޕީ އުފެއްދުމުގެ މުހިއްމު ބައިވެރިއެއް ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު "ސަން"އަށް ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް އެބަދާ ކަމަށެވެ.

އެގޮތުން ޕާޓީގެ ސީނިއާ ލީޑާޝިޕާއި ޕާޓީގެ ރައީސް އާއި އެކްޒެކެޓިވް ކައުންސިލާއި ޕާޓީގެ އެޑްވައިޒަރީ ކައުންސިލްގެ އިތުރުން އިދާރީ މުވައްޒަފުން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޓީމްތައް އަތޮޅުތެރޭގަ ވެސް އެބަ ހަރަކާތްތެރިވޭ. އެހެންވީމަ މިވަގުތު ވެސް އަޅުގަނޑުމެންގެ މެންބަރުންގެ އަދަދު އަށްހާސް ޕްލަސްގަ މި އުޅެނީ. އިއްޔެ ހުޅުމާލެއިން އެކަނި ވެސް ތިން ސަތޭކައަށްވުރެ، ގިނަ މެމްބަޝިޕް ފޯމް އަޅުގަނޑުމެންނަށް ލިބުނު. އެހެންވީމަ މިމަސް ނިމުމުގެ ކުރީން އަޅުގަނޑުމެންގެ މެމްބާޝިޕް އަދަދު ދިހަހާހަށްވުރެ އިތުރު ކުރާނަން، އިންޝާﷲ،" ރިޔާޒް ވިދާޅުވިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުން ގައުމީ ފިކުރުގެ ޕާޓީއެއްގެ އިންތިޒާރުގައި ގިނަ ރައްޔިތުން ތަކެއް ބަލަބަލާ ތިއްބާ އެމްއެންޕީ ފަދަ އުއްމީދީ ޕާޓީއެއް އުފެއްދުމުން، ވަރަށްބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.

އެމްއެންޕީން މިހާރު ފަށާފައިވާ ދޮރުންދޮރަށް ކެމްޕެއިނާ ބެހޭގޮތުން ރިޔާޒް ވިދާޅުވީ އޭގެ ތެރެއިން ބައްދަލުވާ ގިނަ މީހުން ވެސް އެޕާޓީގެ ލީޑާޝިޕާމެދު ވަރަށްބޮޑު އިތުބާރެއް އޮތްކަން ފާހަގަ ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޕީގެ އިސް ސަފުގައި ތިއްބެވީ ރައްޔިތުންގެ އިހުސާސްތަކާއި ކަންބޮޑުވުންތައް ރަނގަޅަށް އެނގޭ، ވަރަށް ތަޖުރިބާކާރު ބޭފުޅުން ކަމަށާއި އެހެންކަމުން ޕާޓީ ހިންގަން ގަސްތު ކުރަނީ ވަކި މީހެއްގެ ފައިބުޑަށް ނުވެއްޓި ވަރަށް މިނިވަންކަމާއެކީގައި ކަމަށެވެ.

އެމްއެންޕީން ބުނީ އެ ޕާޓީ އުފެއްދުމުގެ މަގުސަދަކީ ދިވެހީންގެ ތެރޭގައި ގައުމީ ފިކުރު އާލާކޮށް، ދިވެހިން އެދޭ ކަންކަން ފުރިހަމައަށް ހާސިލް ކުރުމަށްޓަކައި، ގާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިހްތިޔާރާއި ހައްގުތައް ބޭނުންކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ވަނީ ގައުމީ ފިކުރަށް ތާއީދު ކުރާ ހުރިހާ ދިވެހިންނަށް އެ ޕާޓީއާ ގުޅުމަށް ދައުވަތު ދީފައެވެ.

comment ކޮމެންޓް