ޓައިވާނުގެ މިނިވަންކަމުގެ މައްސަލާގައި ޗައިނާ، އެމެރިކާއަށް އިންޒާރެއް ދީފި

ޗައިނާއާއި އެމެރިކާގެ ރައީސުން

ބެއިޖިން (ނޮވެމްބަރު 13): ޗައިނާގެ ވަކިވެގަނެގެން އުޅޭ ސަރަހައްދެއްކަމަށްވާ ޓައިވާނުން ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާންކުރުމަށް ކުރާ މަސައްކަތަށް އެމެރިކާ ވާގިވެރިވާނަމަ ހިތި ނަތީޖާއަކާ ކުރިމަތިލާންޖެހޭނެކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެމެރިކާއަށް އިންޒާރުދެމުން ބުނެފައިވަނީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމަށާ ވަކިވެގަތުމަށް މަސައްކަތްކުރާ ޓައިވާންގެ ބާޣީންނަށް ތާއީދުކުރުމުގެ އިޝާރާތްތައް ނުދިނުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކަން އަށް އިންޒާރު ކުރެއްވި ކަމުގައެވެ.

ޓައިވާން ގެ ވެރިރަށް ޓައިޕޭ

ބްލިންކަން ވަނީ ޓައިވާނުން މިނިވަންކަން އިއުލާން ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް ޗައިނާ ބާރުގެ ބޭނުންކޮށްފިނަމަ ނުވަތަ ޗައިނާ ބާރުގެ ބޭނުންކޮށްގެން ޓައިވާން އެގައުމުގެ ބާރުގެ ކޮންޓްރޯލްގެ ދަށަށް ގެންނަން މަސައްކަތްކޮށްފިނަމަ އެމެރިކާއާއި އެމެރިކާގެ ބައިވެރިން މަޑުން ނުތިބޭނެކަމުގެ އިންޒާރު ޗައިނާއަށް ދެއްވާފައެވެ.

އެމެރިކާގެ ފަހަތުން ހިނގާ ޕެސިފިކްގެ ގައުމެއްކަމަށްވާ އޮސްޓްރޭލިއާ އިންވެސްވަނީ ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެނައުމަށްޓަކައި ޗައިނާއިން އަސްކަރީ ބާރުގެ ބޭނުންކޮށްފިނަމަ ޓައިވާންގެ ދިފާއުގައި ނުކުންނާނެކަމަށް ބުނެ ޗައިނާއަށް ގޮންޖަހާފައެވެ.

އޮސްޓްރޭލިއާ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ތަކުރާރުކޮށް ވަންނަމުން ދާތީ ޗައިނާ ވަނީ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ. މީގެއިތުރުން އޮސްޓްރޭލިއާއަކީ ޗައިނާއަށް އަސްކަރީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި އެމެރިކާ ދާދިފަހުން އެކުލަވާލި އަސްކަރީ ޖަމާއަތް ކަމަށްވާ "އޯކަސް" ޖަމާއަތުގެ މެންބަރެއްވެސް މެއެވެ. "އޯކަސް" ޖަމާއަތުގައި އޮސްޓްރޭލިއާގެ އިތުރުން ހިމެނެނީ އެމެރިކާއާއި އިނގިރޭސިވިލާތެވެ.

ޓައިވާނަކީ 1949 ވަނައަހަރު އެމެރިކާގެ އެހީގައި ޗައިނާއިން ވަކިވެގަނެގެންއުޅޭ ޗައިނާގެ ޖަޒީރާއެކެވެ. ޓައިވާނުން އެގައުމަށް ދީފައިވާ ނަމަކީވެސް ރިޕަބްލިކް އޮފް ޗައިނާއެވެ. ބޮޑު ޗައިނާގެ ނަމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. ޗައިނާގެ ރައީސް ޝީޖިންޕިން ދާދިފަހުންވަނީ ޓައިވާނުން މިނިވަންކަން އިއުލާންކޮށްފިނަމަ އަސްކަރީ ބާރު ބޭނުންކޮށްގެން އެގައުމު ޗައިނާގެ ބާރުގެ ދަށަށް ގެންނާނެކަމުގެ އިންޒާރު ދެއްވާފައެވެ.

comment ކޮމެންޓް