މޫސުމީ ބަދަލުތަކާއި މައިގްރެއިން: ހުރި ގުޅުމަކީ ކޮބާ؟

މައިގްރެއިންއަކީ ވަރަށް އާންމު ބައްޔެކެވެ. މި އުނދަގޫ ދިމާވާ ސަބަބު ދެނެގަންނަށް ދިރާސާތައް ކުރި ނަމަވެސް މި އުނދަގޫ ދިމާވާ އަސްލު ސަަބަބު ދެނެގަނެވިފައެއް ނުވައެވެ. އިންސާނާގެ ސިކުނޑިއަށް އަންނަ ބަދަލުތަކާއި ސިކުނޑިން އުފައްދާ ކެމިކަލްތަކަށް އަންނަ ބަދަލުތަކުންވެސް މި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިދާނެއެވެ.

ނަމަވެސް މައިގްރެއިންގެ އުނދަގޫ ދިމާވާ ބައެއް ސަބަބުތައް ހުންނާނެއެވެ. ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކާއި ސްޓްރެސްއާއި ބައެއް ކާތަކެތި ކެއުމަކީވެސް ބައެއް މީހުންނަށް މި އުނދަގޫ ދިމާވާ ސަބަބުތަކެވެ. ހަމައެއާއެކު މޫސުމަކީވެސް މައިގްރެއިންއާ ވަރަށް ބޮޑަށްް ގުޅިފައިވާ ކަމެކެވެ.

މައިގްރެއިންއާއި މޫސުމާ ހުރި ގުޅުން.

ޓައިވާނުގައި 2015 ވަނަ އަހަރު ހެދި ދިރާސާއެއްގައި ވާގޮތުން އެދުވަސްވަރު މައިގްރެއިންގެ ބަލިމަޑުކަން ތަހައްމަލުކުރަމުން ދިޔަ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މީހުންނަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މައިގްރެއިންގެ އުނދަގޫ ތަހައްމަލުކުރަން ޖެހެއެވެ.

ކޮޅިގަނޑުތަކާއި ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއި ވައި ޖެހޭ މިންވަރުގެ ސަބަބުން ސިކުނޑީގައި އެކުލެވޭ ކެމިކަލެއް ކަމަށްވާ ސެރިޓޮނިންއާއި އެހެނިހެން ކެމިކަލްތައް އުފައްދާ މިންވަރާއި މިންގަނޑަށް ބަދަލުތައް އާދެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މައިގްރެއިން ތަހައްމަލުކުރާ އެކި މީހުންނަށްވާ އުނދަގޫތައް ތަފާތެވެ. ހޫނު ގަދަވުމުގެ ސަބަބުން ބައެއް މީހުންނަށް މައިގްރެއިން އުނދަގޫވާއިރު، އަނެއްބައި މީހުންނަށް މާ ބޮޑަށް ފިނި ގަދަވުމުގެ ސަބަބުން އުނދަގޫވެއެވެ. އަދި ހޫނުގަދަވެ، ވިއްސާރަވެއްޖެނަމަ މައިގްރެއިން ހުންނަ މީހުންނަށް އެފަދަ ދުވަސްވަރެއްގައި އުނދަގޫ ވާނޭކަމަށް ވެއެވެ.

ތަފާތު މޫސުމީ ބަދަލުތަކާ މައިގްރެއިންއާ ހުރި ގުޅުމަށް އަލިއަޅުވައިލުން މުހިންމެވެ.

ވިއްސާރަވުން

ވިއްސާރަވެ ފިނިވުމުގެ ސަބަބުންވެސް މައިގްރެއިންގެ އުނދަގޫތަކާ ކުރިމަތިވެއެވެ. ނަމަވެސް މި ހާލަތުގައި މައިގްރެއިންގެ އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ މަދު ބަޔަކަށެވެ.

އާންމު ގޮތެއްގައި މައިގްރެއިންގެ އުނދަގޫ ޖެހެނީ މާބޮޑަށް ވިއްސާރަވެ، ފިނި ގަދަ ނަމައެވެ. އަދި ކުއްލިއަކަށް ވިއްސާރަވެ ފިނިގަދަ ވެއްޖެނަމަވެސް މިގޮތަށް ދިމާވެއެވެ.

އިންޓަނޭޝަނަލް ޖާނަލް އޮފް ބައޯމެޓެއޮރޮލޮޖީ އިން 2017 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުން އެެމެޖެންސީ ޑިޕާޓްމެންޓަަށް ދައްކާ މައިގްރެއިން ބަލީގެ ގިނަ މީހުން ދައްކާފައިވަނީ ބޮޑަށް ވިއްސާރަ، ފިނި ދުވަސްތަކުގައެވެ.

ހަމަ އެހެންމެ 2015 ގައި ހަދައިފައިވާ ދިރާސާއަކުން ދެއްކި ގޮތުން އެމެންޖެންސީ ރޫމްގައި މައިގްރެއިންގެ ސަބަބުން އެނދުމަތިކުރާ މީހުންގެ މިންވަރުވެސް ގިނަވެފައި ވަނީ ވިއްސާރަވެ، ފިނި ގަދަ ދުވަސްވަރެވެ.

މި ހާލަތުގެ ސަބަބުން މައިގްރެއިންގެ އުނދަގޫ ބޮޑުވާ ސަބަބެއްކަމުގައި ބެލެވެނީ ފިނިގަދަ ވުމުގެ ސަަބަބުން ފެން ބުއިން މަދުވެ، ހަށިގަނޑުން ފެންމަދުވުމެވެ. ހަށިގަނޑުން މާ ބޮޑަށް ފެން މަދުވެއްޖެނަމަ މައިގްރެއިންގެ އުނދަގޫ ކުރިމަތިވެއެވެ.

ތިމާވެށި ކިލަނބުވުން

ތިމާވެށީގައި އެކުލެވޭ ކުނިބުންޏާއި މައިގްރެއިންއާ ވާ ގުޅުމަކީ، ތަފާތު ކުނިތަކުގެ ސަބަބުން އިންފެކްޝަނަށް މަގުފަހިވުމާއި އެލާޖިކްވުމެވެ. މިއީވެސް މައިގްރެއިން އުނދަގޫވާ ސަބަބެއްކަމުގައި ވެއެވެ.

އެގޮތުން 2017 ވަނަ އަހަރު ހަދައިފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި ކުނިބުނީގެ ސަބަބުން އެލާޖިކްވާ މީހުންނަށް މައިގްރެއިންގެ އުނދަގޫވާ މިންވަރު ގިނައެވެ.

އަދި 2016 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި ކުުނީގެ ސަބަބުން ވަރަށް އާންމު އެލާޖިކެއް ކަމަށްވާ ރައިނައިޓިސްއަކީ މައިގްރެއިންގެ އުނދަގޫ ބޮޑުވާ ކަމެކެވެ. ތަފާތު އެލާޖިކްތަކުގެ ސަބަބުން ތަނެއް ހިރުވުމާއި ރަތްވުމާއި ދުޅަވެ ތަދުވާނަމަ މައިގްރެއިންގެ އުނދަގޫ ބޮޑުވެއެވެ.

ކޮޅިގަނޑުތައް

ކޮޅިގަނޑުތަކުގެ ސަބަބުން މަދުން ނަމަވެސް މައިގްރެއިންގެ އުނދަގޫވެއެވެ.

އެގޮތުން 2013 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ވިދުމާއެކު ގުގުރުމުގެ ސަބަބުން މައިގްރެއިން ހުންނަ މީހުންގެ ބޮލުގައި ވަރަށް ބޮޑަށް ރިހެއެވެ. ނަމަވެސް މިކަން މިގޮތަށް ދިމާވާ އަސްލު ސަބަބު ދިރާސާތައްކުރި ފަރާތްތަކަށް ދެނެގަނެވިފައެއް ނުވެއެވެ.

މީގެ އިތުރުން މާބޮޑަށް އަލިގަދަ ވުމުގެ ސަބަބުންވެސް މައިގްރެއިން ހުންނަ މީހުންނަށް އުނދަގޫވެއެވެ. ހާއްސަކޮށް އިރުގެ އަލިން އުނދަގޫވާ މީހުން ގިނައެވެ. ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އިރުގެ އަލިން އުނދަގޫ ވަނީ އިރުގެ އަވިން ސިކުނޑީގެ އެންމެ ބަލިކަށި، ނާޒުކު ނާރުގައި އެކުލެވޭ ސެލްތައް މަސައްކަތްކުރާ މިންވަރު އިތުރުކޮށްދޭތީއެވެ.

މައިގްރެއިންއަށް އޮތީ ކޮން ފަރުވާއެއް؟

ސިއްހީ މާހިރުންގެ އެތައް ދިރާސާތަކަށް ފަހުގައިވެސް މައިގްރެއިންގެ އަސްލު ފަރުވާ ހޯދިފައެއް ނުވެއެވެ. ނަމަވެސް މައިގްރެއިންގެ ސަބަބުން ވާ އުނދަގޫތައް މަދުކުރުމަށްޓަކައި ކަންތައްތަކެއް ކުރެވިދާނެއެވެ.

ގަވާއިދުން ކަސްރަތުކުރުމާއި ގިނައިން ފެންބުއިމާއެކު ހަށިގަނޑުން ފެން މަދުވިޔަނުދިނުމާއި މާބޮޑަށް ކަންކަމާ ވިސްނުމުން ދުރުހެލިވެ ހުރުމަކީ މައިގްރެއިންގެ އުނދަގޫ ކުޑަކުރުމަށް ކުރެވިދާނޭ ކަންކަމެވެ.

މައިގްރެއިންގެ އަލާމާތްތައް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ވީހާވެސް އަވަހަށް ހޯދުން މުހިންމެވެ. އަލިގަދަވުމުން އުނދަގޫވުމާއި އެނބުރުންއަރާ މޭނުބާކުރުމާއި މާބޮޑަށް ދާހިއްލުމާއި ވަރުބަލިވުމާއި ލޯފުސްވުމަކީ މައިގްރެއިންގެ ބައެއް އަލާމާތްތަކެވެ.

ނޯޓު:މިއީ ހެލްތްލައިން.ކޮމް އިން ނަގާފައި ލިޔުމެކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު