އެޗްއާރުސީއެމުން ރިޕޯޓް ތައްޔާރުކުރުމުގައި އަމަލުކުރިގޮތާމެދު ސީޕީ ކަންބޮޑުވުން ފާޅުކޮށްފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ---

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ގާއިމްކޮށްފައި ހުންނަ ކުޑަކުދިންގެ ޖަލަކީ ބަންދުގައި ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެ އެޗްއާރުސީއެމުން ރިޕޯޓް ތައްޔާރުކުރުމުގައި އަމަލުކުރި ގޮތާ މެދު ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރުސީއެމްއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށަކުން ދިހައަކަށް އެކޮމިޝަނުން އައްސޭރި ޖަލަށް ޒިޔާރާތް ކުރި ކަމަށެވެ. އަދި އޭރު އައްސޭރި ޖަލުގައި ބިނާކުރަމުން ދިޔަ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އޭރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނި ކަމަށް އެ ކޮމިޝަނުން ފާހަގަ ކުރިއެވެ.

ނަމަވެސް އެޗްއާރުސީއެމުން މިދިޔަ މަހުގެ 16 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރާތް ކުރިއިރުވެސް އަލަށް ބިނާ ކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނިމިފައިނުވާ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން 30 ދުވަސް ތެރޭ ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށާއި، އޮކްޓޯބަރު 13 ވަނަ ދުވަހުން ފެށިގެން އެޖަލުގައި އެއްވެސް މައްސަލައަކާ ގުޅިގެން ކުޑަކުދިން ބަންދު ނުކުރުމަށް 13 ވަނަ ދުވަހު އެކޮމިޝަނުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގާފައިވެއެވެ.

https://twitter.com/hrcmv?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1450693956870672385%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Favas.mv%2F109838

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު "ސަން"އަށް ވިދާޅުވީ އެޗްއާރުސީއެމުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރި ޒިޔާރަތުގައި އެތަން ބަންދުކުރަން އަންގާފައިނުވާ ކަމަށާއި އޭގެ ފަހުން އެހެން މައްސަލައެއް ތަހުގީގު ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ޒިޔާރަތްކުރުމަށްފަހު އެތަން ބަންދުކުރުމަށް އަމުރުކޮށް ރިޕޯޓް ނެރެފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖަލުތަކާ ގުޅޭ ގޮތުން އެޗްއާރްސީއެމް ފަދަ އިދާރާ އަކުން ރިޕޯޓެއް ފައިނަލް ކުރާއިރު ވަށައިގެން ހުރި ކަންކަމާ މެދު ވިސްނަން ވާނެ ކަމަށް އަހްމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

"އެޗްއާރުސީއެމުން މިދިޔަ އަހަރު ނޮވެމަބަރު މަހު ކުރި ޒިޔާރަތުގައި އެތަނަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެން ނުވާ ތަނެކޭ އަންގާފައެއް ނުވޭ. ދެން އޭގެ ފަހުން ސެޕްޓެމްބަރު މަހު އެތަނަށް ޒިޔާރަތްކުރުމަށްފަހު އެޗްއާރުސީއެމުން ހެދި ރިޕޯޓް ކަރެކްޝަންސްއާ ހިއްސާ އެއް ނުކުރޭ. ދެން އެތަނަކީ ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނެ އެޗްއާރުސީއެމުން ނެރުނީ އަމުރެއް،" ސީޕީ ވިދާޅުވިއެވެ.

ކުޑަކުދިންގެ ޖަލުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެޗްއާރްސީއެމަށް ރަސްމީ ސިފައެއްގައި އަންގާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެޗްއާރުސީއެމުން ބޭނުންވާނަމަ އެމައުލޫމާތު ލިޔުމުން ބަދަލު ކުރަން ވާނެ. ކޮބައިތޯ ހުރި ދަތިތަކަކީ. ކީއްވެގެންތޯ އެތަން ލަސްވަނީ. ކަރެކްޝަންސް އަށް ފުރުސަތު ލިބެން ޖެހޭނެ އެޗްއާރުސީއެމުން ތަހުގީގު ކުރާ މައްސަލައެެއްގައި ޖަވާބުދާރީ ވުމަށް. އަދި މައުލޫމާތު ހިއްސާކޮށްދޭން ވެސް ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކުރާ ޒިޔާރާތުން ލިބޭ މައުލޫމާތަކުން ކޮންކްލޫޑް ކޮށްލުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ގަބޫލެއް ނުކުރެވޭ،" އަހްމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކަރެކްޝަނުން އައްސޭރީ ޖަލުގައި ކުޑަ ކުދިން ބޭތިއްބުމަށް ހާއްސަ މަރުކަޒެއް ގާއިމްކުރަމުން ގެންދާ ކަމަށާއި އެތަން ހުރީ ވަރަށް ބޮޑަށް ނިމުމަކާ ގާތް ވެފައިކަން އެޗްއާރުސީއެމަށް އެނގޭނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ޖަލުތަކާ ގުޅޭ ރިޕޯޓްތައް އެކުލަވާލައި އާންމުކުރުމުގެ ކުރިން އެ ރިޕޯޓްތަކުގައި ފާހަގަކުރާ މައްސަލަތަކަށް ކަރެކްޝަނުން ޖަވާބުދާރީވުމަށް މިހާރު ލިބޭ ވަރަށް ވުރެ އިތުރަށް ވަގުތާއި ފުރުސަތު ލިބެންޖެހޭ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްސޭރި ޖަލުގައި މަރާމަތު ކުރަމުން އަންނަ ކުޑަކުދިން ބޭތިއްބުމަށް ހާއްސަ މަރުކަޒުގެ މަސައްކަތާ ގުޅޭގޮތުން އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މިހާރު އެތަނުގެ އިންފްރާސްޓަކްޗާގެ ހުރިހާ މަސައްކަތެއް ކަހަލަ ގޮތަކަށް ހުރީ ނިމިފައި ކަމަށެވެ.

"އެތަން މިހާރު ހުރީ ގާތްގަނޑަކަށް ނިމުމަކާ ހަމައިގަ. މިހާރު މިދަނީ އެތަނުގެ ކަރަންޓާ ފެނާ މިފަދަ މަސައްކަތްތައް ކުރެވެމުން. އެތަނުގެ އިންފްރާސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް މިހާރު ހުރީ ގާތްގަނޑަކަށް ނިމިފައި،" ސީޕީ ވިދާޅުވިއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނާ ގުޅިގެން ޖުވެއިނަލް ކޯޓުން ވަނީ އައްސޭރި ޖަލުގައި ތިބި ކުދިން ގޭ ބަންދަށް ދޫކޮށްލައިފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ކުށް ކުރާ ކުދިން ބަންދުކޮށްފައި ބޭއްތިއްބުމަށް ހާއްސަ މަރުކަޒުތަކެއް ހެދުމަށް ލާޒިމުކޮށްފައިވެއެވެ. އެ ގާނޫނު ބުނާގޮތުން މިހާރު އައްސޭރި ޖަލުގައި އިމާރާތް ކުރަމުންދާ ކުޑަކުދިން ބޭތިއްބުމަށް ހާއްސަ މަރުކަޒު ނިންމަން ޖެހެނީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ.

comment ކޮމެންޓް