ބައްޕަގެ "އަޅުވެތި"ކަމުގައި 13 އަހަރަށްފަހު ބްރިޓްނީ މިނިވަންކަން ހޯދައިފި

ބްރިޓްނީ ސްޕިއާސް ---

މަޝްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް 13 އަހަރު ވަންދެން ބައްޕަގެ އަޅުވެތިކަމުގައި އުޅުމަށްފަހު ރޭ އޭނާއަށް މިނިވަންކަން ލިބިއްޖެއެވެ.

ބްރިޓްނީގެ ފުރަތަމަ ކުއްޖާ ލިބި އޭނާގެ ކެރިއަރުގެ އެންމެ އުސްމިންތަކަށް ދަތުރު ކުރަމުން ދިޔަ ދުވަސްވަރު އޭނާއަށް ނަފްސާނީ ގޮތުން ދިމާވި ބަލިމަޑުކަމަކާ ގުޅިގެން އޭނާގެ ދިރިއުޅުމުގެ ފުލް ކޮންޓްރޯލް އޭނާގެ ބައްޕަ ޖޭމްސް ސްޕިއާސްގެ އަތް ދަށަށް ދިޔައީއެވެ. އޭރު އޭނާގެ އުމުރުން އެންމެ 26 އަހަރެވެ. ޖޭމްސް ސްޕިއާސްގެ އެދުމުގެ މަތިން ދެވުނު ކޮންސަވޭޓާޝިޕްގެ ސަބަބުން ބްރިޓްނީގެ ހަޔާތާއި އަގުބޮޑު މިލްކިއްޔާތުވެސް ވަނީ އޭނާގެ ބައްޕަގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައެވެ.

ކޯޓުން މި މައްސަލަ ބްރިޓްނީއާ އެއްކޮޅަށް ނިންމަމުން ލޮސް އެންޖަލަސްގެ ކޯޓުގެ ފަނޑިޔާރު ބްރެންޑާ ވިދާޅުވީ މިއަދުން ފެށިގެން ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ އަދި މިލްކިއްޔާތުގެ ކޮންޓްރޯލް އޭނާގެ ބައްޕަގެ އަތުން ނަގައިފައިވާ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ބްރިޓްނީގެ ފޭނުން ވަނީ ކޯޓުގެ ބޭރުގައި ތިބިގެން އަޑުގަދަކޮށް އުފާފާޅު ކޮށްފައެވެ. ބައެއް ފޭނުން އޭނާގެ މަޝްހޫރު ލަވައެއް ކަމަށްވާ "ސްޓްރޯންގާ" ލަވަ ކިޔާ އެ ލަވައަށް ނަށާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ލިބުނު ކާމިޔާބީ ހާމަކުރަމުން ބްރިޓްނީ ކުރި ޓްވީޓެއްގައި އޭނާގެ ފޭނުންދެކެ ލޯބިވާ މިންވަރު ވަނީ ހާމަކޮށްފައެވެ. ފޭނުން ދެކެ ވަރަށް ލޯބިވާ ކަމަށާއި މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ދުވަސްކަމަށްވެސް ވަނީ ބުނެފައެވެ. ބްރިޓްނީ އިތުރަށް ބުނެފައިވަނީ އޭނާއަށް މުޅި ދުވަހު އެއްކޮށް ރޮވޭނީހެން ވެސް ހީވާ ކަމަށެވެ.

ބްރިޓްނީ އޭނާގެ ބައްޕަގެ އަޅުވެތިކަމުގައި ހުރި ދުވަސްކޮޅު ސިފަ ކުރަމުން ކުރީގެ އަޑުއެހުމެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަގެ ގަވައިދުތަކާއި އޭނާއާ މެދު އަމަލު ކުރާ ގޮތް އަނިޔާވެރި ކަމަށެވެ.

"އަހަރެންގެ އަމިއްލަ ދިރިއުޅުން އަލުން ބޭނުން،" އޭނަ ބުނެފައިވެއެވެ.

ބްރިޓްނީ މިގޮތަށް ކޯޓުގައި ވަކާލާތު ކޮށްފައިވަނިކޮށް އޭނާގެ ބައްޕަ ޖޭމްސް ވަނީ ޖޭމްސްގެ ކޮންޓްރޯލް ދަށުގައި ހުރި ބްރިޓްނީގެ މިލްކިއްޔާތުން އަތް ދޫކޮށްލުމަށް ކޯޓުގައި އެދިފައެވެ.

ބްރިޓްނީގެ ވަކީލު މެތިއު ރޯޒެންގާޓް ބުނީ ނިއު ޔޯކް ޓައިމްސް އިން ބްރިޓްނީ ސްޕިއާސްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގައި އޭނާގެ ކޮޓަރީގައި އަޑުއަހާ ޑިވައިސްއެއް ހަރުކޮށްފައިވާ ކަން ވަނީ އެނގިފައެވެ. ބްރިޓްނީގެ ވަކީލު މެތިއު ރޯޒެންގާޓް ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.

މެތިއު ރޯޒެންގާޓް އިތުރަށް ބުނީ"ފްރޭމިން ބްރިޓްނީ ސްޕިއާސް"ގެ ޑޮކިއުމެންޓްރީއިންވެސް ބްރިޓްނީގެ ބައްޕަ އޭނާގެ މުށު ދަށުގައި ބްރިޓްނީ ގެންގުޅެމުން ދިޔަކަން ހާމަކޮށްދޭ ބައިވަރު ހެކިތަކާއި އެކަމުން ސަލާމަތް ވުމަށް ބްރިޓްނީ ކެނޑިނޭޅި ކުރަމުން ދިޔަ މަސައްކަތް ހާމަވާ ކަމަށެވެ.

ބްރިޓްނީ ސްޕިއާސްގެ ޒާތީ ދިރިއުޅުމުގެ މައްޗަށް އޭނާގެ ބައްޕަގެ އޮތް ކޮންޓްރޯލް ޖޭމްސް ވަނީ 2019ވަނަ އަހަރު ދޫކޮށްލާފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ބްރިޓްނީގެ 60 މިލިއަން ޑޮލަރުގެ މިލްކިއްޔާތު އޮތީ އޭނާގެ ބައްޕަގެ އަތް ދަށުގައި ކަމުން، ކޯޓުން ވަގުތީގޮތުން ވަނީ އެ މިލްކިއްޔާތު ބެލެހެއްޓުމަށް އެހެން މީހަކު ހަމަޖައްސާފައެވެ.

comment ކޮމެންޓް